ބޭންކު އެކައުންޓު ކުއްޔަށް ދޭ މައްސަލަތައް މި ދުވަސްވަރު އިތުރުވަމުން އަންނަކަން ފާހަގަކޮށް، އެއީ ޖިނާއީ ދައުވާ އުފުލި، ބޭންކިން ޚިދުމަތްތަކުން މަހުރޫމުވުން އެކަށީގެންވާ ކަމެއްކަން ފުލުހުން ހަނދާންކޮށްދީފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ދުވަސްވަރު ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ބޭންކު އެކައުންޓު ކުއްޔަށް ނެގުމަށް ނުވަތަ ފަސޭހައިން ރުފިޔާ ހޯދުމަށް އެކައުންޓު ދިނުމަށް އެދި އިޝްތިހާރުކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.
އެ ކަމަށް އިޝާރަތްކޮށް ފުލުހުން ބުނީ، އެ ފަދަ ކަންކަމަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެ ކަމުގެ ސަބަބުން، ޖިނާއީ ދައުވާ އުފުލި، ބޭންކިން ޚިދުމަތްތަކުން މަހުރޫމުވުމުގެ ފުރުސަތު އޮންނަކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން، ބޭންކު އެކައުންޓު ކުއްޔަށް ދޭ މީހުންނާއި ނަގާ މީހުންނާ މެދު އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ފުލުހުން ވަނީ، އެފަދަ އިޝްތިހާރުތައް ހުންނަ ޕޯސްޓުތައް ޝެއާ ނުކުރުމަށާއި އެ ފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ، ލަސްނުކޮށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.