ސްޕެއިންގެ ކެނެރީ އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ކަނޑު ބޯޓަކުން 30 ޓަނުގެ ކޮކެއިން އަތުލައިގަނެފިއެވެ.
މިއީ މުޅި ޔޫރަޕުންވެސް މިހާ ގިނަ އަދަދެއްގެ ކޮކެއިން އަތުލައިގަތް ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި އެ ބޯޓުގެ 23 ފަޅުވެރިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
އެފްރިކާފެ ކޮމޮރޯ އައިލެންޑްގެ ދިދަ ޖަހާފައިވާ އާކޯނިއަން ކިޔާ އެ ބޯޓު މެއި މަހުގެ އެއްވަނަ ދުވަހު ގާޑިއާ ސިވިލް ޕޮލިސް ފޯސް އިން ހުއްޓުވިއިރު، އޭގައިހުރި މުދަލުގެ އަގު 812 މިލިއަން ޔޫރޯ (956 މިލިއަން ޑޮލަރަށް) އަށް ވުރެ ބޮޑެވެ.
މިއީ 2024 ވަނަ އަހަރުގެ ޖޫން މަހު ހެމްބާގް ބަނދަރުން ޖަރުމަނު ފުލުހުން ހޯދި 25 ޓަނުގެ ކޮކެއިނަށްފަހު، އަތުލައިގަތް އެންމެ ބޮޑު ޝިޕްމެންޓެވެ.
ޔޫރަޕާއި ޑަޗް ޕޮލިހުން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލު މިއަދު ހާމަކުރާނެ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ލީބިޔާއަށް މިސްރާބު ޖަހާފައިވާ އެ ބޯޓު ނިންމާފައި ވަނީ ކުދި އުޅަނދުތަކަށް ކޮކެއިން ބަދަލުކޮށް ސްޕެއިންއަށް އެތެރެކުރުމަށެވެ. ބޯޓުން ބަޑިއާއި ވަޒަން ފެނިފައިވާއިރު، އޮފިސަރުން ބޯޓަށް އެރިއިރު ހަ ކްރޫ މެމްބަރަކު ފިލައިގެން ތިބި ކަމަށްވެސް ބީބީސީން ބުނެފައިވެއެވެ.
ފަޅުވެރިންގެ ތެރެއިން 17 މީހުންނަކީ ފިލިޕީންސްގެ މީހުން ކަމަށާއި ބޯޓުގައި ފިލާތިބި ހަ މީހުންނަކީ ނެދަލެންޑްސް އާއި ސޫރިނާމްގެ މީހުން ކަމަށްވެސް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ޖެނުއަރީ މަހު ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގާތްގަޑަކަށް 10 ޓަނުގެ ކޮކެއިން ކަނޑުމަތިން އަތުލައިގަނެފައެވެ.