ކްލަބް މޯލްޑިވްސް އިން މިއަހަރު ބާއްވާ މުބާރާތްތަކުގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެމްއެމްޓީވީގެ "އެމްއެމް ސްޕޯޓްސް" ހަމަޖައްސައިފިއެވެ.
ރޭ ކަމަނަ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކްލަބް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މޫސާ ރަމީޒް އެވެ. އެމްއެމްޓީވީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެޑިޓަރ ޝިފްޒާން އަހުމަދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޓީވީގެ ސީނިއަރ އެޑިޓަރ ޝިފްޒާން ވިދާޅުވީ، ރާއްޖޭގައި ފުޓްސަލްގެ ޖޯޝާއި ފޯރި ގެނެސްދިން މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި އެމްއެމް ސްޕޯޓްސްއަށް ފުރުޞަތު ލިބުމަކީ ބޮޑު ފަޚުރެއް ކަމަށެވެ.
ކްލަބް މޯލްޑިވްސްގެ ޗެއާމަން ރަމީޒް ވިދާޅުވީ، އެމްއެމް ސްޕޯޓްސް އާއެކު މުބާރާތްތަކުގެ ކަވަރޭޖް ގެނައުމަށް ޤާއިމުކުރެވުނު އެއްބަސްވުމާއެކު ކްލަބް މޯލްޑިވްސްގެ ކުޑަދަށުން ގެނެސްދޭ މެޗުތައް ބްރޯޑްކާސްޓްކުރުން އެހެން އަހަރުތަކާ އަޅާ ބަލާއިރު އިތުރު ދެ ފިޔަވަޅު ކުރިއަށްޖެހިލާފައިވާ ކަމަށެވެ.
އެމްއެމް ސްޕޯޓްސްއާއެކު ކްލަބް މޯލްޑިވްސް އިން ސޮއިކުރި އެއްބަސްވުމާ ގުޅިގެން އެސްއެސް މީޑިއާގެ އިތުރުން މުބާރާތުގެ މެޗުތައް އެމްއެމްޓީވީ (އެމްއެމް ސްޕޯޓްސް) މެދުވެރިކޮށް ބްރޯޑްކާސްޓްކޮށް، އަދި ރީ-ބްރޯޑްކާސްޓް ކުރާނެ އެވެ.
މިއީ ރާއްޖޭގައި އެންމެ ދުވަސްވީ ފުޓްސަލް މުބާރާތްތައް ކްލަބް މޯލްޑިވްސް އިން ބާއްވާ 21 ވަނަ އަހަރެވެ. ކްލަބް މޯލްޑިވްސްގެ މި އަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ، ކިންގްސް ކަޕް ފަށާނީ މި މެއި މަހުގެ 22 ވަނަ ދުވަހު އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގެ މެޗުތައް ސަން މީޑިއާ އާއި އެމްއެމް ސްޕޯޓްސްގެ އިތުރުން އައިސް ޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މިފަހަރުގެ ކުލަބު މޯލްޑިވްސްގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭއިރު، މެޗު ކުޅޭ ކޮންމެ ދުވަހަކު ހާއްސަ ޕްރީމެޗް ޝޯއެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.