ފ. ފީއަލީގައި މިދިޔަ މަހުގެ ނުވަވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ބިދޭސީ މީހާ މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ތެޔޮ ދޯނީގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާއެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ މި މަހުގެ ހަތަރެއް ވީ ހޯމަ ދުވަހުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ "ސަން އަށް ކަށަވަރުކޮށްދީފައެވެ.
"ފިހުނު މީހާ ވަނީ މަރުވެފައި. އޭނާ މަރުވެފައިވަނީ ހޯމަ ދުވަހު،" މީޑިއާ އޮފިޝަލް 'ސަން'އާ ވާހަކަދައްކަމުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހުޅު ހިފައިގެންނެވެ. މި ހާދިސާގައި ޑެލޯވާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާ ކަމަށް އޭނާއަށް ފުރަތަމަ ފަރުވާދިން ނިލަންދޫ ހޮސްޕިޓަލުން ކުރިން ބުނެފައިވެއެވެ.
ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، މި ހާދިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ގޮތުން، އެންމެ ފުރަތަމަ ހުޅު ހިފި ތެޔޮ އުފުލާ ދޯންޏާއި، އެއާ ޖެހިގެން ހުރި ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯނި ވަނީ އެއްކޮށް އަނދާފައެވެ.
މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ހުރި ރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާފައިވާއިރު، އިންޖީނު ނާޅާ އޮތް އާ ފައިބަރު ދޯންޏެއްގެ ގެގަނޑު އަނދައި ބިއްލޫރިތައް ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޑެލޯވާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު ސީރިއަސްވުމުގެ ސަބަބުން އެ ދުވަހު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީއެވެ.