ލަންކާގައި ޑެންގޫ ޖެހޭ މިންވަރު އިތުރުވަނީ، މިމަހުގެ މިހާތަނަށް ދެހާސް ކޭސް

ޑެންގޫ ބަލި ޖައްސާ މަދިރި. ސްރީ ލަންކާގައި ޑެންގޫ ޖެހޭ މިންވަރު އަންނަނީ އިތުރުވަމުން. ފޮޓޯ/ސީޑީސީ

ސްރީ ލަންކާގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުން އަންނަ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލު ޔުނިޓް، އެންޑީސީޔޫ އިން ބުނެފިއެވެ.

އެގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 2،671 އެކްޓިވް ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީސީޔޫގެ އެކްޓިން ޗެއާމަން ޑރ ކަޕިލް ކަނަނަންގްރާ ވިދާޅުވިއެވެ.

މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަމުން ޑރ ކަޕިލް ވިދާޅުވީ އޭޕްރީލް މަހު 5662 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާޗް މަހު 6013 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ ހަތަރު ސަރަހައްދަކުން ކަމަށާއި، ޖުމްލަ ކޭސްތަކުގެ ގާތްގަނޑަކަށް 51.78 ޕަސެންޓް ހިއްސާކުރަނީ ހުޅަނގު ޕްރޮވިންސުންނެވެ. ދެކުނު އަދި ސަބަރަގަމު ޕްރޮވިންސްގެ ބައެއް ހިސާބުތައް ވެސް ވަނީ ހައި ރިސްކް ސަރަހައްދުތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ފަހަކަށް އައިސް މެދުކެނޑުމެއްނެތި ލަންކާއަށް ވާރޭ ވެހުމުގެ ސަބަބުން މަދިރި އާލާވުން އިތުރުވެ، ހަލުއި މިނެއްގައި ވަނީ ޑެންގީ ފެތުރިފައެވެ. ޑރ. ކަޕިލް ފާހަގަކުރެއްވި ގޮތުގައި ގިނައިން މަދިރި އުފެދެނީ އިންސާނުން ކުރާ އަމަލުތަކުންނެވެ. އެގޮތުން ޕްލާސްޓިކް ކޮންޓެއިނަރާއި ފުޅިއާއި ނާށި ފަދަ ފެން ހަރުލާ ތަކެތި ރަނގަޅަސް ނައްތާނުލެވޭ ކަމަށް ކަޕިލް ފާހަގަކުރެއްވިއެވެ. ހައި ރިސްކް ލޮކޭޝަންތަކުގެ ތެރޭގައި ސްކޫލްތަކާއި ދީނީ އަޅުކަންކުރާ ތަންތަނާއި ސަރުކާރުގެ މުއައްސަސާތައްވެސް ހިމެނެއެވެ.

ޑރ ކަޕިލް އިންޒާރުދެއްވި ގޮތުގައި ޑެންގީ އާއި ޗިކަންގުނިއާ ވެސް ފެތުރޭ އެޑީސް އެޖިޕްޓީ މަދިރި 200 އާއި 300 މީޓަރާއި ދެމެދުގެ ދުރުމިނަކަށް ދަތުރުކުރާނެއެވެ. އެހެންވެ އަމިއްލަ ގޭތެރެ ރަނގަޅަށް ސާފުކޮށް ބެލެހެއްޓި ނަމަވެސް ކައިރި ހިސާބުތައް ނުބެލެހެއްޓޭނަމަ، ނުރައްކާ ބޮޑެވެ.

މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން 13 މީހަކު މަރުވެފައިވާއިރު، ބަލި ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ދަށެވެ. ގިނަ މީހުން މަރުވެފައި ވަނީ ފަރުވާ ހޯދުން ލަސްވުމުގެ ސަބަބުންނެވެ.

ޑރ.ކަޕިލް ވަނީ ހުމުގެ އަސަރު ތިން ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހުރެއްޖެނަމަ ނުވަތަ އިތުރު އަލާމާތްތަކެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

ޑެންގީ ކޮންޓްރޯލު ކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުން، ލޯކަލް އޮތޯރިޓީތަކާއި ސްކޫލްތަކާއި މުޖުތަމަޢުތަކުން ކުނި މެނޭޖްކުރުމާއި އާންމުންގެ ހޭލުންތެރިކަން ހަރުދަނާ ކުރުމުގެ ބޭނުންތެރިކަން ޑރ ކަޕިލް ފާހަގަކުރެއްވިއެވެ.

އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގޫ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސް ވެއެވެ.

ޑެންގޫ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެއެވެ.

comment ކޮމެންޓް