އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކާއި، ސައިބާ ސެކިއުރިޓީގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ބަންޑާރަ ނައިބު އަހްމަދު އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ހުށަހެޅުމަށް ގަސްތުކުރާ މުހިންމު ބިލްތަކެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން ޒާތީ މައުލޫމާތު ރައްކޖާތެރިކުރުމުގެ ބިލެއް، ޑޭޓާ ޕްރޮޓެކްޝަން ބިލެއް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި މިހާރު، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މަޖިލީހަށް ފޮނުވާނަން،" އުޝާމް ވިދާޅުވިއެވެ.
މި ބިލުގެ މައިގަނޑު މަގްސަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުން ކަމަށެވެ.
އަދި ހާމަކަން ބޮޑު، ޖަވާބުދާރީކުރުވޭނެ ނިޒާމެއްގެ ތެރެއިން އެފަދަ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރެވޭނެ އުސޫލުތަކެއް ގާއިމްކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި، އެ މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް މި ބިލުގެ ދަށުން ސާފުކޮށް ކަނޑައެޅިގެންދާނެއެވެ.
ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، މިއީ ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ބިލެއް ކަމަށެވެ.
މީގެ އިތުރުން "މޯލްޑިވްސް 2.0" ގެ ދަށުން އިތުރު ތިން ބިލެއް ހުށަހެޅުމަށް ހަމަޖެހިފައިވާކަން އުޝާމް ހާމަކުރެއްވިއެވެ.
އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބިލަކީ ސައިބާ ސެކިއުރިޓީ ބިލެވެ. މި ބިލުގެ ދަށުން ރާއްޖޭގައި ސައިބާ ސެކިއުރިޓީ އެޖެންސީއެއް ގާއިމްކުރުމަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް ހުށަހަޅަން ނިންމިކަން ހާމަކުރެއްވިއިރު، މިހާރު އާންމުންގެ މެދުގައި އެންމެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ވެސް އެއީއެވެ.