ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން "ގޭމްއޮން" ޑޭޓާ އެޑްއޮންތަކެއް މިއަދު ތައާރަފުކޮށްފިއެވެ.
މިއީ ރާއްޖޭގެ ގޭމިން ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި، ގޭމް ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޑީޖީޖީއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ހިދުމަތެކެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ރިއާޔަތްކޮށް ފަރުމާކޮށްފައިވާ މި އެޑްއޮންތައް 100 ރުފިޔާއިން ފެށިގެން ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި 100ޖީބީ، 200ޖީބީގެ އިތުރުން "ގޭމްއޮން ލިމިޓްލެސް" އެޑްއޮންތައް ހިމެނެއެވެ.
މި ޕްލޭންތައް އެކި މުއްދަތުތަކަށް ބަހާލެވިފައިވާއިރު، 1 ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މި ހިދުމަތް ބޭނުންކުރެވޭނެއެވެ.
ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ވަރަށް ފަސޭހައިން މި އެޑްއޮންތައް އެކްޓިވޭޓް ކުރެވޭނެއެވެ.
އެޑްއޮން އެކްޓިވޭޓް ކުރުމަށްޓަކައި ޑީޖީޖީ ވެބްސައިޓްގެ 'ޕްރޮޑަކްޓްސް' ބަޔަށް ގޮސް، ބޭނުންވާ އެޑްއޮންއެއް އިޚުތިޔާރުކޮށް ފޯނު ނަންބަރު ޖެހުމުން، ފޯނަށް ލިބޭ ވަން-ޓައިމް ޕާސްވޯޑް ވެރިފިކޭޝަނަށްފަހު ހިދުމަތް ވަގުތުން އެކްޓިވޭޓްވާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމުގެ ގޮތުގައި ފާހަގަކުރެވޭ ޑީޖީޖީއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތައް ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މި އާ އެޑްއޮންތަކާއެކު ގޭމް ކުޅުންތެރިންނަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ގޭމިންގ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ދިރާގުން އުންމީދު ކުރެއެވެ.