ފޭސްބުކް މެސެންޖާއިން ގުޅުން އުފައްދައިގެން، ބައި ލައްކަ ރުފިޔާ ފޭރުނުކަމުގެ ތުހުމަތުވާ މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ މ. އޮމެގާ، 38 އަހަރުގެ މޫސާ މުޙައްމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށްވާއިރު، 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ތަހުގީގަށް ލިބިފައިވާ މައުލޫމާތާ ހަވާލާދީ ފުލުހުން ބުނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު، މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާ ކަމަށެވެ. އަދި، އޭނާގެ ވައިބާ މެދުވެރިކޮށް އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި ބައި ލައްކަ ރުފިޔާ ކެނޑިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފައިސާ ޖަމާވެފައިވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީހެއްގެ އެކައުންޓުން ބައިލައްކަ ރުފިޔާ ފޭރުނުއިރު، ގޮތް ނޭނގޭ މީހުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން އަބަދު ވެސް އިލްތިމާސްކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނަ މި ދުވަސްވަރު އެފަދަ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.