އިންޑިއާގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެތެރޭ ހިމެނޭ، އާރް.މާދަވަން (މެޑީ)ގެ ދަރިފުޅު ވެދާންތު އަކީ ދުނިޔޭގެ މާބޮޑު ފަރުވާލެއް ބަހައްޓާ ކުއްޖެއް ނޫން ކަމަށާއި ދަރިފުޅު ބޭނުންވަނީ ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅެން ކަމަށް އެކްޓަރު ބުނެފިއެވެ.
އުމުރުން 20 އަހަރުގެ ވެދާންތުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭގޮތުން ވާހަކަ ދައްކަމުން މެޑީ ބުނީ، ދަރިފުޅު އަމިއްލަ ގެއެއް ނުވަތަ ކާރެއް ގަތުމަށް އެދުމުގެ ބަދަލުގައި އިސްކަންދެނީ އާދައިގެ ދިރިއުޅުމަކަށް ކަމަށެވެ. މާދަވަން ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ވިސްނުމާއި ހިކުމަތްތެރިކަން، އޭނާ އެ އުމުރުގައި ހުރިއިރު ހުރި ވިސްނުމާ ވަރަށް ތަފާތެވެ.
މާދަވަންގެ ހުރި ހަމައެކަނި ދަރިފުޅު ވޭދާންތަކީ ފެތުމުގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުއްޖެކެވެ. ވެދާންތުގެ ބައްޕަ އަކީ ކާމިޔާބު ފިލްމީ ތަރިއަކަށްވީ ނަމަވެސް އޭނާގެ ވިސްނުންހުރީ ފެތުމުގެ ދާއިރާއިން ކުރިއަށް ގޮސް އަމިއްލަ ޤައުމަށް އޮލިމްޕިކް މެޑަލްއެއް ހޯދައިދީ ޤައުމަށް ފަޚުރުވެރި ނަމެއް ހޯދައި ދިނުމަށް ކަމަށް މާދަވަން ވަނީ ބުނެފައެވެ.

އާރް.މާދަވަން އަންހެނުން ސަރީތާ އަދި ދަރިފުޅު ވެދާންތް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
"ވޭދާންތާ ބެހޭގޮތުން ހަދާފައި ހުންނަ 'މީމްސް' ތަކާ މެދު އަހަރެމެން އުފަލެއް ނުވޭ. އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާކިޔުމުން އެމީހުންނަށް ކުރާނެ އަސަރު ބައެއް މީހުންނަށް ނުވިސްނެނީ. ވޭދާންތު ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ވަޒަންކުރަން ޖެހޭނެ. މަޝްހޫރު މީހެއްގެ ދަރިއަކަށްވުމަކީ ފަސޭހަ ކަމެއް ނޫން" މަޝްހޫރު މީހެއްގެ ދަރިއަކަށްވުމުން ލިބޭ ސަމާލުކަމާ ބެހޭގޮތުން މާދަވަން ބުނެފައިވެއެވެ.
މާދަވަން އިތުރަށް ބުނި ގޮތުގައި، ލިބޭ ސަމާލުކަމުގެ ސަބަބުން ބޮޑާވުމަކީ މޮޔަކަމެކެވެ. އޭނާގެ ދަރިފުޅަކީ އެކަންކަން ދެނެގަނެވޭހާ ބުއްދިވެރި ކުއްޖެއް ކަމަށާއި، ދިރިއުޅުމުގެ ހަގީގަތް އޭނާއަށް އޮޅުންފިލުވައިދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށް މާދަވަން ވަނީ ބުނެފައެވެ.
މިހާރުގެ ޒުވާން ޖީލު (ޖެން ޒީ)އާ ބެހޭގޮތުން މާދަވް ބުނީ، އެކުދިންނަކީ މާ ބުއްދިވެރި އަދި އަވަސް އަރުވާލައިގެން ކަންކަން ކުރާ ބައެއް ނޫން ކަމަށެވެ. އެކުދިންގެ އާދައިގެ ދިރިއުޅުމުގެ ވައްޓަފާޅި ފެނިފައި ހައިރާންވާއިރު، ކާރެއް ނުވަތަ ގެއެއް ގަތުމުގެ ފޯރިއެއް އެކުދިންގެ ނުހުންނަ ކަމަށް މާދަވަން ބުނެފައިވެއެވެ. އެއާ ޚިލާފަށް އެކުދިން ފެންނަނީ ވަރަށް ހިތްހަމަޖެހިގެން އުޅޭ ބައެއްގެ ގޮތުގައި ކަމަށް ފިލްމު "ދުރަންދަރު"ގެ މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރު ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ މަޑުމައިތިރި އަދި ހިތްތިރި އެކްޓަރުންގެ ތެރޭގައި ހިމެނޭ މާދަވަން އަކީ އަބަދުވެސް ވަރަށް މަޑުމައިތިރި އެހެން މީހުންނަށް އޯގާތެރި އަދި މީޑިއާގެ ސަމާލުކަމާ ދުރުގައި އުޅެން ލޯބިކުރާ އެކްޓަރެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މީގެ އަހަރުތަކެއް ކުރިން މާދަވަން، ރަންވީރު އައްލާބާދިއާއާ އެކު ބޭއްވި އިންޓަވިއުއެއްގައި ބުނީ، އެއީ އޭނާ ބޮޑުވި ދެކުނު އިންޑިއާގެ ސަގާފަތުގެ ސަބަބުން އަށަގަނެފައިވާ ސިފައެއް ކަމަށެވެ. ދެކުނު އިންޑިއާގެ ދިރިއުޅުމުގައި މަޑުމައިތިރިކަމަކީ ވަރަށް މުހިންމު ބައެއްކަން ފާހަގަކުރަމުން މާދަވަން ބުނީ، ތިމާއަށް ލިބޭ ކުދިކުދި ކާމިޔާބީތަކާ މެދު މާބޮޑަށް ފަޚުރުވެރިވެ، ބޮޑާނުވެ މުއްސަނދިކަމާއި ޤާބިލުކަމަށްވުރެ މާ އާދައިގެ ގޮތަކަށް ދިރިއުޅެން ދެކުނު އިންޑިއާގެ މީހުން އަބަދުވެސް ލޯބިކުރާ ކަމަށް ކުޅަދާނަ އެކްޓަރު ބުނެފައިވެއެވެ.
މާދަވަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، ފިލްމު "ދުރަންދަރު 2"އިންނެވެ.