އީޝާ ބޭނުންވަނީ ތަހުގީގުގައި ހުރިހާ ތަފްސީލެއް ކިޔައިދޭން

ފުލުހުންގެ ތަހުގީގަށް އީޝާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވަނީ: އީޝާ ބޭނުންވަނީ ތަހުގީގުގައި ހުރިހާ ތަފްސީލެއް ކިޔައިދޭން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފް ބޭނުންވަނީ ހުރިހާ ތަފްސީލެއް ކިޔައިދޭން ކަމަށް އޭނާގެ ފަރާތުން މިރޭ ހާމަކޮށްފިއެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ސުވާލުކުރުމަށް، އީޝާ މިރޭ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް މިރޭ 21:00 ހާއިރު އީޝާ ވަނީ ހާޒިރުވެފައެވެ.

ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އީޝާ ނިންމާފައިވާ ކަމަށެވެ. އަދި، ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު މީޑިއާތަކަށް ތަފްސީލުކޮށް އެ މައުލޫމާތު ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު، އަޅުގަނޑުމެން ތަފްސީލުކޮށް ކިޔައިދޭނަން،" ޝަމީމް ވިދާޅުވިއެވެ.

"ވަޒީފާގެ މާހައުލުމުގައި މިކަންކަން ވުމަކީ ވަރަށް އާއްމުކަމެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް ހުއްޓެން. މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން!" އީޝާއަކީ އެ މައްސަލައިގައި 'ވިކްޓިމް' އެއްކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށް ވީ ގޮތާއި، އެ ހުރިހާ ތަފްސީލުތަކެއް ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ބޭނުންވާ މިންވަރަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އަޅުގަނޑު ގަބޫލުކުރަން، ފުލުހުން އެފަދަ ވާހަކައެއް ވިދާޅެއް ނުވާނެ އެކަން ސާފުނުކުރައްވައެއް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އީޝާގެ ފަރާތުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ހުރީ ތައްޔާރަށެވެ. އެގޮތުން ފޯނު ކޯލުތަކާއި، މެސެޖުތަކާއި އެހެން ހުރިހާ ތަފްސީލުތަކާއެކު ކިޔައިދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ވަރަށް ތަފްސީލުކޮށް އީޝާގެ މައްޗަށް ކުރާ ތުހުމަތުތައް ކިޔައިދެއްވައިފައެވެ.

"...ފުލުހުން ތުހުމަތުކުރަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާއާ ހަވާލާދީ، 411އާއި 413އާ. ދެން 411އަކީ މީހަކު ޒިނޭކުރިކަމުގެ ތުހުމަތު. 413އަކީ ތިމާގެ މީހަކާ ޒިނޭކުރި ކަމުގެ ތުހުމަތު. ދެން އަޅުގަނޑުމެން މި ފާހަގަކުރީ ކުޑަކޮށް އޮޅުމެއް އެބައުޅޭ ނޫންހޭ؟ ދެން ފުލުހުން އެކަން ރަނގަޅު ކޮށްދެއްވި. 413 ވަނަ މާއްދާގެ ތުހުމަތެއް މިހާރަކު ނެތް. 411 ވަނަ މާއްދާގެ ތުހުމަތެއް އޮތް ކަމަށް މިހާރު ފުލުހުން މި ވިދާޅުވަނީ،" ޝަމީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި އީޝާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓި އަމުރުގައި އޮންނަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާ ހަވާލާ ދީފައި ކަމަށެވެ. ނަމަވެސް ފަހުން އިއްވި ތުހުމަތުގައި 30 ވަނަ މާއްދާއެއް ހިމަނާފައެއް ނުވާއިރު މިހާރު އޮތީ 612 ވަނަ މާއްދާ އެކަންޏެވެ.

"އޭގެ މާނައަކީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރާ ބެހޭ ގޮތުން އެބަ ސުވާލު އުފެދެއޭ. އެ ތުހުމަތެއް މިހާރަކު ނެތޭ. މިހާރު އޮތީ މުޅިން އެހެން ތުހުމަތެއް،" ޝަމީމް ވިދާޅުވިއެވެ.

މި ޓީމުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މުޙައްމަދު ފަރީދު ވެސް މަސައްކަތް ކުރައްވައެވެ. އޭނާ މިރޭ ވިދާޅުވި ގޮތުގައި ފުލުހުންނަށް 'އައިޝާ' ޑޮކިއުމަންޓްރީގައި އެ ވާހަކަ ކިޔައިދޭ އަންހެން މީހާއަކީ އީޝާކަން އެނގުނު ގޮތުގެ ހެއްކެއް ފުލުހުންނަށް ލިބިފައިވެއެވެ.

"އަޅުގަނޑުމެން ވެސް ސުވާލު އުފެއްދިން. އީޝާކަން އެނގުނީ ކިހިނެއްތޯ؟ ނޫނީ މައްސަލަ ރައްދުވާ އަނެއް ފަރާތުން އެކަހަލަ ވާހަކައެއް ދެއްކީމަތޯ އީޝާ ހާޒިރުކުރެވިގެން މިއުޅެނީ؟ ދެން ވިދާޅުވި އެކަމާ ގުޅޭ ގޮތުން އެބޭފުޅުންނަށް ހެއްކެއް ލިބިފައި އޮތް ކަމަށް. ދެން އެއީ ކޮން ގޮތަކަށް ލިބުނު ހެއްކެއް ކަމެއް، ކޮން ބާވަތެއްގެ ހެއްކެއް ކަމެއް ވިދާޅެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދަދުން ފަށައިފައިވާ ލައިވްގެ ތެރެއިން: ފުލުހުން އޮފީހަށް ވަނީ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް ބުނެފައިވޭ -- ފޮޓޯ/ އަދަދު، ފޭސްބުކް ލައިވް

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާތީ ޕާސްޕޯޓުތައް ހިފެހެއްޓީ ކަމަށެވެ.

https://sun.mv/221261

މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް