ވޮޝިންޓަން (5 މެއި 2026): ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ އަސްކަރީ އޮޕަރޭޝަނެއް ފެށި ނަމަވެސް އަދިވެސް އެ ކަނޑުއޮޅީގެ ބަންދު ނުފިލާ ކަމަށާއި ވަރަށް މަދު އުޅަނދެއް މެނުވީ އެ ތަނުން ހުރަސް ނުކުރާ ކަމަށް "ބްލޫމްބާގް"އިން ބުނެފިއެވެ.
އާގު ބޯޓުތައް ޓްރެކްކުރާ ކުންފުނިތަކާ ހަވާލާދީ "ބްލޫމްބާގް"އިން ބުނި ގޮތުގައި އީރާނުގެ ހުއްދަ ނެތި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކަށް އީރާނުން ހަމަލާދޭތީ އާގު ބޯޓުތަކާއި ތެޔޮޓޭންކަރުތައް ރިސްކު ނަގަން ބޭނުން ނުވުމަކީ ހުރުމުޒު ކަނޑުއޮޅީގެ ބަންދު ނުފިލާ މައިގަނޑު ސަބަބެވެ. އާގު ބޯޓެެއް ނޫނީ ތެޔޮ ޓޭންކަރެއް ފަހަތުގައި އެެމެރިކާގެ އަސްކަރީ އުޅަނދެއް އޮތަސް އީރާނުން އެ އާގު ބޯޓަށް ނޫނީ ޓޭންކަރަށް ހަމަލާދޭނެކަން އެނގޭތީ ކުންފުނިތައް ރިސްކު ނަގަން ބޭނުންނުވާ ކަމަށް ބްލޫމްބާގްއިން ބުނެއެވެ.
އީރާނުން އިއްޔެ ވެސް ވަނީ އެ ގައުމުގެ ހުއްދަނެތި ހުރުމުޒު ހުރަސްކުރަން އުޅުނު ދެ ބޯޓަކަށާއި އެއް ތެޔޮ ޓޭންކަރަށް ހަމަލާ ދީފައެވެ. މީގެ ތެރެއިން ތެޔޮ ޓޭންކަރަކީ ޔޫއޭއީގެ ޓޭންކަރެކެވެ. އެ ޓޭންކަރުގައި އަލިފާން ރޯވެ އަލުން ދަތުރު ނުކުރެވޭ ވަރަށް ވަނީ ގެއްލުން ލިބިފައެވެ. އީރާނުން ހަމަލާ ދިން ދެ އާގު ބޯޓުގެ ތެރެއިން އެއް ބޯޓަކީ ދެކުނު ކޮރެއާގެ ބޯޓެކެވެ. އެ ބޯޓަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
"އޮޕަރޭޝަން ފްރީޑަމް"ގެ ނަމުގައި އެމެރިކާއިން އިއްޔެ ވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ކަމަށް ބުނެ، އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަން ކުރިއަށްގެންދާނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ ބޯޓުތަކަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ހިމާޔަތް ދީގެން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެއެވެ.

އީރާނުން ވަނީ އެމެރިކާގެ މި އޮޕަރޭޝަނަކީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް މިހާރު ވެފައިވާ އެއްބަސްވުމާ ޚިލާފު އޮޕަރޭޝަނެއް ކަމަށް ސިފަކޮށްފައެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ ކޮންމެ ބޯޓެއްގެ ފަހަތުގައި އެމެރިކާގެ މަނަވަރެއް ބޭއްވުމަކީ ޚަރަދު ބޮޑުކަމަކަށްވާތީ އެއީ އަމަލީ ގޮތުން މާ ގިނަ ދުވަހު އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
މި އޮޕަރޭޝަން ފެށުމަށްޓަކައި ހުރުމުޒު ކަނޑުއޮޅިއަށް ވަންނަން މަސައްކަތްކުރި އެމެރިކާގެ ދެ މަނަވަރަށް ހަމަލާދިންކަން އީރާނުން އިއްޔެ ބުނެފައިވެއެވެ. އެމެރިކާއިން ބުނާގޮތުން އީރާނުން ދިން މިސައިލް ހަމަލާތައް އެމެރިކާގެ މަނަވަރަކަށް އަރާފައެއްނުވެއެވެ. އެމެރިކާއިން ބުނާ ގޮތުން ރައްދުގައި އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ ހަ އުޅަނދެއް ވަނީ ފައްތާލާފައެވެ.
އީރާނުން ބުނާގޮތުން އެމެރިކާއިން ހަމަލާދީ ފައްތާލާފައިވަނީ އެ ސަރަހައްދުގައި އުޅުނު އީރާނުގެ އަމިއްލަ މީހުންގެ ކުދި ބޯޓުތަކެކެވެ. މިއީ ލަކުޑީގެ ބޯޓުތަކެކެވެ. މި ހާދިސާގައި އީރާން އާންމުންގެ ހަ މީހަކު މަރުވި ކަމަށާއި ހުރުމުޒު ކަނޑުއޮޅިއަށް ވަންނަން އުޅުނު އެމެރިކާގެ އަސްކަރީ ދެ މަނަވަރު ކަނޑުއޮޅިއާ ދުރަށް ގޮސްފައިވާ ކަމަށް އީރާނުން ބުނެއެވެ.
އީރާނުން ވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރުން ދޫކޮށްލާނަމަ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ވެސް ވަގުތީ ގޮތުން އީރާނުން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާއިންވަނީ މި ކަމަށް ދެކޮޅު ހަދާފައެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުގެ ބަނދަރުތަކުގެ ހިސާރު ބާއްވާފައި ހުރުމުޒު ކަނޑުއޮޅިއަށް އީރާން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ބާރުގެ ބޭނުންކޮށްގެން ނައްތާލުމަށެވެ. އީރާނުން ވަނީ މި ފުރުސަތު ނުދޭނެކަން ހާމަކޮށްފައެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތަކުގެ ހިސާރުކޮށްގެން އުޅުނު ނަމަވެސް އެއީ ފުރިހަމަ ހިސާރެއް ނޫނެވެ. އީރާނުގެ ތެޔޮ ޓޭންކަރުތަކާއި އާގު ބޯޓުތައް އެ ހިސާރު ފޫއަޅުވާލާފައި ދަތުރުކުރެއެވެ. އީރާނުގެ ބޯޓުތަކާއި ތެޔޮ ޓޭންކަރުތައް އެމެރިކާގެ ހިސާރު ފޫއަޅުވާލަނީ ބޭރު ކަނޑަށް ނުނިކުމެ އީރާނުގެ ޓެރަޓޯރިއަލް ވޯޓާގައި ދަތުރުކޮށް އެއަށް ފަހު ޕާކިސްތާނުގެ ޓެރަޓޯރިއަލް ވޯޓާއަށް ގޮސްގެންނެވެ. އެ ހިސާބަށް ދާއިރަށް އެމެރިކާގެ ހިސާރު ސަރަހައްދު ފަހަނަޅައިދެއެވެ. އެހެންކަމުން އެމެރިކާގެ ހިސާރުގެ ސަބަބުން އީރާނަށް ކެތް ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ނުލިބެއެވެ.
މިއާ ޚިލާފަށް އީރާނުގެ ފުރިހަމަ ކޮންޓްރޯލް ހުރުމުޒު ކަނޑުއޮޅިއަށް ހިނގާތީ އީރާނުގެ ފަރާތުން ބައިނަލްއަގްވާމީ ދުނިޔެއަށް ކުރިމަތިވާ ޕްރެޝަރު އާދަޔާ ޚިލާފަށް ބޮޑެވެ. މި ހުރިހާ ކަމެއް ދިމާވީ އެމެރިކާއާއި އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށް ފަހު، އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ އަދި އުދުވާނީ ހަނގުރާމައެއް ފެށުމުގެ ސަބަބުންނެވެ. ހަނގުރާމައިގެ ކުރިން ހުރުމުޒު ކަނޑުއޮޅިއަކީ އެއްވެސް މައްސަލައެއް ނެތް ކަނޑުއޮޅިއެކެވެ. އެހެންކަމުން މި ހުރިހާ މައްސަލައެއްގެ ޒިންމާ އީރާނުން އަޅުވަނީ އެެމެރިކާއާއި އިސްރާއީލުގެ ބޮލުގައެވެ.
އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އީރާނުން ހުރުމުޒު ކަނޑުއޮޅީގެ ހިސާރު ދޫކޮށްލަން ދެކޮޅު ހަދާތީއާއި އެމެރިކާއިން ފެށި އޮޕަރޭޝަނަށް އީރާނުން ހުރަސްއަޅާތީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް އެމެރިކާގެ ރައީސް ގެންދަނީ ސީރިޔަސްކޮށް ވިސްނަމުންނެވެ. މި މައްސަލާގައި ޑޮނަލްޑް ޓްރަމްޕް ވަނީ ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް މަޝްވަރާކޮށްފައެވެ. ޓްރަމްޕް ވަނީ އީރާނުގެ އަމަލުތައް މިގޮތަށް ހުންނަނަމަ އީރާން ވުޖޫދުން ފުހެލާވަރުގެ ގަދަ ފަދަ ހަމަލާތަކެއް އީރާނަށް ދޭނެކަމުގެ އިންޒާރު ރޭގައި ދެއްވާފައެވެ.