ކަލްކަތާ (5 މެއި 2026) : އިންޑިއާގެ އިރުމަތީ ސްޓޭޓެއްކަމަށްވާ ވެސްޓް ބެންގާލްގެ ލޯކަލް އިންތިޚާބު ބީޖޭޕީ އިން ކާމިޔާބު ކޮށްފިއެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ވަނީ ވެސްޓް ބެންގާލް ގެ ލޯކަލް ޕާލަމެންޓްގައި ހިމެނޭ 294 ގޮނޑީގެ ތެރެއިން 206 ގޮނޑި ކާމިޔާބުކޮށްފައެވެ. ފާއިތުވި 15 ވަރަކަށް އަހަރު ވެސްޓް ބެންގޯލްގެ އިންތިޚާބުތައް ކާމިޔާބު ކުރަމުން ގެންދިޔައީ އެސްޓޭޓްގެ ލޯކަލް ޕާޓީތަކުންނާއި އިދިކޮޅު ކޮންގްރެސް ޕާޓީންނެވެ.
ބީޖޭޕީއިން ވަނީ މިއީ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސިޔާސަތުތަކަށް ލިބުނު ބޮޑު ކާމިޔާބީ އެއްކަމަށް ސިފަކޮށްފައެވެ.
މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މޯދީގެ ސަޕޯޓަރުންނާއި ބީޖޭޕީގެ އިސްވެރިން ވަނީ ވެރިރަށް ކަލްކަތާގެ މަގުތަކަށް ނުކުމެ، މިކާމިޔާބީ ފާހަގަކޮށްފައެވެ. މި ކާމިޔާބީ ފާހަގަ ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު އަދި ބީޖޭޕީގެ އިސްވެރިޔާ ނަރަންދުރަ މޯދީ ވިދާޅުވިގޮތުގައި ވެސްޓް ބެންގާލުގައި އޭނާގެ ޕާޓީ ހޯދީ ރެކޯޑު ކާމިޔާބީ އެކެވެ. މިއީ ހަނދާނުން ފުހެވިގެން ނުދާނެ ތާރީޚީ ކާމިޔާބީއެއްކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ވެސްޓް ބެންގޯލްގެ އިތުރުން އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއްކަމަށްވާ އަސާމްގެ ލޯކަލް އިންތިޚާބު ވެސް ކާމިޔާބު ކުރީ ބީޖޭޕީންނެވެ. މީގެ ކުރިން އާސާމްގައި ބޭއްވި އިންތިޚާބުވެސް ކާމިޔާބުކުރީ ބީޖޭޕީ އެވެ. ނަމަވެސް އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކެރެލާގައި ބޭއްވި ލޯކަލް އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު ކޮންގްރެސް ޕާޓީންނެވެ.
ކެރެލާގެ އިންތިޚާބު ކާމިޔާބުކުރި "ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް" އަކީ ކޮންގްރެސް ޕާޓީގެ ލޯކަލް ގޮތްޕެކެވެ. ކެރެލާގައި ފާއިތުވި 50 ވަރަކަށް އަހަރު ވެރިކަންކުރި ކޮމިއުނިސްޓް ފިކުރުގެ ޕާޓީކަމަށްވާ "ލެފްޓް ޑެމޮކްރެޓިކް ފްރަންޓް" އަށް މިފަހަރުގެ އިންތިޚާބުގައިވަނީ ނާކާމިޔާބީ އާ ކުރިމަތިލާންޖެހި ވެރިކަން ވަނީ ގެއްލިފައެވެ. މިއީ ކެރެލާގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުގައިވަނީ ފާހަގަ ކޮށްފައެވެ.
ކެރެލާގެ ސިޔާސީ މަސްރަހަށް އައި މިބޮޑު ބަދަލާއެކު ކޮންގްރެސް ޕާޓީ ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ. ކޮންގްރެސް ޕާޓީގެ ޒައީމް ރާހުލް ގާންދީ ވިދާޅުވިގޮތުގައި ކެރެލާގެ ރައްޔިތުން މިފަހަރު މުހިއްމު ނިންމުމެއް ނިންމައިފިއެވެ. އެ ނިންމުމަށް އޭނާއާއި ކޮންގްރެސް ޕާޓީން ޝުކުރު އަދާކުރެއެވެ. އިންޑިއާގައި ކޮމިނިސްޓް ޕާޓީއަކުން އެންމެ ދިގުމުއްދަތަކަށް ވެރިކަން ކުރީ ކެރެލާގައެވެ.