އީރާނުން މިއަދު ދިން ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކާ ގުޅިގެން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ އަދި ޝާރްޖާއަށް ކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް، އެހެން މަންޒިލްތަކަށް ޑައިވާޓްކުރަން ފަށައިފިއެވެ.
މި ފަހުން ޔޫއޭއީގެ ވައިގެ ސަރަހައްދު ހުޅުވާލާފައިވާއިރު އެއީ ރާއްޖެއަށް މުހިންމު ހަބެކެވެ. ސަބަބަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަނީ އެ މަގުން ކަމަށް ވާތީއެވެ.
މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ގޯސްވުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔޫއޭއީއަށް ދަތުރުކުރާ އެތައް ލައްކަ ފަސިންޖަރުންނަކަށް ވަނީ މިކަމުގެ ނޭދެވޭ އަސަރު ފޯރާފައެވެ. ޚާއްޞަކޮށް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިފައިވާ ގިނަ ދަތުރުތަކެއް ކެންސަލްކޮށް، ބައެއް ފްލައިޓްތައް ވަނީ ރައްކާތެރި އެހެން އެއާޕޯޓުތަކަށް ބަދަލުކޮށްފައެވެ.
މިއާއެކު، އެމިރޭޓްސް، ފްލައިދުބާއީ، އިއްތިހާދު އެއާވޭސް އަދި އެއާ އަރަބިއާ ފަދަ ބޮޑެތި އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން ލުފްތަންސާ، ކޭއެލްއެމް، ވިޒް އެއާ، އެއާ އިންޑިއާ އަދި އެއާ ފްރާންސް ފަދަ ބައިނަލްއަގުވާމީ އެއާ ލައިންތަކުންވެސް ވަނީ މި ސަރަޙައްދަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ރަޝިއާ އާއި ޔޫކްރެއިންގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައި އޮތުމުން ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ މައި މަގަކީ މެދުއިރުމަތި ކަމަށްވާއިރު، މި ހުއްޓުމުގެ ސަބަބުން މުޅި ދުނިޔޭގެ އޭވިއޭޝަން ސިނާޢަތަށް ވަނީ ލޮޅުން އަރާފައެވެ.
ވައިގެ ދަތުރުފަތުރުގެ މަޢުލޫމާތު ވަގުތުން ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ ފްލައިޓްރާޑާ24 ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމަލާތައް ފެށުނު ފަހުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުން ދަތުރުކުރި 145 އަށްވުރެ ގިނަ ފްލައިޓް ވަނީ 73 ތަފާތު މަންޒިލަކަށް ޑައިވާޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފްލައިޓް ޑައިވާޓްކޮށްފައިވަނީ އޮމާންގެ މާސްކަޓަށެވެ. އެގޮތުން 17 ފްލައިޓެއް މާސްކަޓަށް ޖައްސާފައިވެއެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން، އެ ސަރަޙައްދުގެ ބޮޑެތި ހަތް އެއާޕޯޓަކުން ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނިވެސް 19،000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މާރިޗު މަހުގެ 16 ވަނަ ދުވަހު ދުބާއީ އެއާޕޯޓާ ކައިރީގައިވާ ތެޔޮ ރައްކާކުރާ ތަނަކަށް އަމާޒުވި ޑްރޯން ހަމަލާއަކާ ގުޅިގެން، އެމިރޭޓްސްގެ އޮޕަރޭޝަންތައް ހަތް ގަޑިއިރަށްވުރެ ގިނައިރަށް ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ.
އޭގެ ފަހުން އެމިރޭޓްސްއިން ވަނީ ހަނގުރާމައިގެ ކުރިން އޮތް ޝެޑިއުލްގެ 80 އިންސައްތައަށް ދަތުރުތައް އިއާދަކޮށްފައެވެ. ނަމަވެސް، ފްލައިދުބާއީގެ ދަތުރުތައް އަދިވެސް އުޅެނީ 50 އިންސައްތަ މަދުކޮށެވެ. ފްލައިޓްތައް ޑައިވާޓްކުރުމާއި ކެންސަލްވުމުގެ ސަބަބުން އެތައް ލައްކަ ފަސިންޖަރުންނެއް އެއާޕޯޓުތަކުގައި ތާށިވެ، ދިގު ރާސްތާތަކުން ދަތުރުކުރަން ޖެހުމުން ތެލުގެ ޚަރަދު ބޮޑުވެ، އެއާލައިންތަކަށް މާލީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ވަނީ ވައިގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ފުރަތަމަ ދުވަސްތަކުގައި ވައިގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުމަށްފަހު، ފަހުން ވަނީ "ސޭފް އެއާ ކޮރިޑޯ" ތަކެއް ކަނޑައަޅައި، އެ މަގުތަކުން އެކަނި ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް، ހޮނިހިރު ދުވަހު ޖީސީއޭއޭއިން ނެރުނު ބަޔާނެއްގައި ވަނީ، އެ ފިޔަވަޅުތައް އުވާލައިފައިވާކަން އިއުލާންކޮށްފައެވެ.
އެހެންނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ މެދުއިރުމަތީގައި ދަތުރުކުރާ އެމެރިކާގެ އެއާލައިންތަކަށް ސަމާލުވުމަށް އަންގައި އެޑްވައިޒަރީއެއް ނެރެފައެވެ. އޮސްޕްރޭ ފްލައިޓް ސޮލިއުޝަންސްގެ ޗީފް އިންޓެލިޖެންސް އޮފިސަރު މެޓް ބޯރީ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނުރައްކާތެރި ހާލަތެއްގައި ފްލައިޓްތައް އޮޕަރޭޓްކުރުމަކީ ފަސިންޖަރުންނާއި ކްރޫއިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. އެހެންކަމުން ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބިކަމަށް އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސްއިން ވަނީ ހާމަކޮށްފައެވެ.
މި ހަމަނުޖެހުންތަކުގެ ފެށުމަކީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެވެ. "އޮޕަރޭޝަން އެޕިކް ފިއުރީ"ގެ ނަމުގައި ހިންގި މި އޮޕަރޭޝަނުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުން ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ މަރުކަޒުތަކަށާއި، އިސްރާއީލަށާއި، އަދި ގަލްފުގެ ބައެއް ގައުމުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާބަދަލުކުރުންތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ސަލާމަތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.