ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލް ތެރެއަށް މިއަދު ކޯމަސް އައިނެއް ވަދެ، ގިނަ ބަޔަކު އާޝޯޚުކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި ކޯމަސް އައިނުގައި ފަސް ކޯމަސް އުޅެއެވެ. ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލުމަށް ގިނަ ބަޔަކު ވަނީ، އެ ސަރަހައްދަށް ޖަމާވެފައެވެ.
އާންމުގޮތެއްގައި ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލަން ލިބޭނީ، ކަނޑުގައި ކޯމަސް އާންމުކޮށް ފެންނަ ސަރަހައްދުތަކަށް ގޮސްގެންނެވެ. މިފަދަ ގޮތަކަށް ފަޅުތެރެއިން ކޯމަސްތައް ފެނުމަކީ މަދުން ނޫނީ ނުވާކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލޭ ޗެނަލުން އާންމުކޮށް ނުފެންނަ ދިރުންތައް އެ ސަރަހައްދުން ފެނުމާއެކު، ގިނަ ބަޔަކު މަންޒަރު ބަލައިލަން އެއްވެއެވެ. އެއީ ވަރަށް ގިނަ ބަޔަކު ހިތްހަމަޖައްސާލުމަށް ހެނދުނާއި ހަވީރު ގަޑީގައި އެއްވެ އުޅޭ ސަރަހައްދެކެވެ.
ރާއްޖެ އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް، ވަކި ދަތުރުތަކަށް ޚަރަދުކޮށްގެން، ކޯމަސް ބަލައިލަން ދާކަން ފާހަގަކޮށްލެވެއެވެ.
ދުނިޔޭގައި ކޯމަހުގެ 40 އަށްވުރެ ގިނަ ބާވަތް އުޅޭކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވެސް ގިނަ ބާވަތްތަކެއް ފެނެއެވެ. އޭގެ ތެރޭގައި އެންމެ އާންމުކޮށް ފެންނަނީ ސްޕިނާ ޑޯލްފިން ބޮޓްލްނޯސް ޑޯލްފިން ކަމަށް ދިރާސާތަކުގައިވެއެވެ.
ރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ގޮތުން ކޯމަހަކީ ހިމާޔަތްކުރެވިފައިވާ އެއްޗެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޯމަސް ހިފުމާއި، އެއަށް އަނިޔާކުރުމަކީ މަނާކަމެކެވެ.