ދައުލަތަށް ޚިދުމަތްކުރުމުގެ އެވޯޑަށް ކުރިމަތިލާން ބުދަ ދުވަހު ހުޅުވާލަނީ

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު: ދައުލަތަށް ޚިދުމަތްކުރުމުގެ އެވޯޑަށް ބުދަ ދުވަހު ހުޅުވާލަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހައެއްވާ މި ހަފްތާގެ ބުދަ ދުވަހު ހުޅުވައިލައި އިނާމު ދިނުމުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ނިމުނު އަހަރުވެސް ވަނީ ދައުލަތުގެ ޝަރަފުވެރި އިނާމުތައް ދީފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލާނީ، އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި އިނާމަށް މި އަހަރު ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށްގެން ކަމަށް އެ އޮފީހުން ބުނެއެެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާސްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.

ނިމުނު އަހަރު ވެސް ވަނީ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ތެރެއިން 35 އަހަރާއި 39 އަހަރާ ދެމެދު ޚިދުމަތްކުރެއްވި 97 ބޭފުޅަކަށް ގައުމީ އިނާމު އަރުވާފައެވެ.

https://sun.mv/213759

ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ގައުމީ އިނާމު އަރުވާފައިވަނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

comment ކޮމެންޓް