ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
ސްރީލަންކާއިން ރައީސަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ.
ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ކަމަށެވެ.
އެ ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުން ކަމަށާއި އެއަށްފަހު ރައީސްގެ ޝަރަފުގައި އޮތް ސްރީލަންކާގެ އަސްކަރިއްޔާގެ ގާޑް އޮފް އޮނާއެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް
އަދި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސަށް ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފްކޮށްދީފައިވާ ކަމަށާއި ރައީސްއާއެކު ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށްދީފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ރައީސް އޮފީހުން ބުނީ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވަޑައިގެންނެވި ކަމަށާއި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވެވަޑައިގެންނެވި ކަމަށެވެ.
އެ ރަސްމިއްޔާތަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް
ރައީސް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ 2025 ޖުލައި 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.
އެދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.