ކުރީ ސަރުކާރުން އަމަލު ކުރިގޮތުން, މި ސަރުކާރު ހަވާލުވިއިރު ފުލެޓު އަޅާނެ ބިމެއް ނެތް

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބު: ސޯޝަލް ހައުސިން ދިނުމުގައި އިސްކަން ދޭން، އެންމެ ނިކަމެތި މީހުންގެ ދަފުތަރެއް ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން، މި ސަރުކާރުން ފުލެޓު އަޅާނެ އެއްވެސް ބިމެއް ނެތް ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިމާލޭ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި އިމާރާތް ކުރާ، 300 ހައުސިން ޔުނިޓްގެ ޓަވަރުތައް އަޅަން ނިންމައިފައިވާ ސަރަހައްދާ ގުޅޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އޭގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި މުއްޠަލިބު ވިދާޅުވީ، އެއްވެސް އިރެއްގައި ވިލިމާލޭގެ ފުނަގަސް ކެނޑުމުގެ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް: -- ފޮޓޯ/ ރައީސް އޮފީސް

ތިންވަނަ ޓަވަރު އެޅުމަށް އޭރު ކަނޑައެޅި ސަރަހައްދުގައި ހުރި ބައެއް ގަސްގަހާއިގެހީގެ ގޮފިތައް ކަނޑައިލަން ޖެހޭ ކަމަށް ވިދާޅުވެ، މުއްޠަލިބު ވިދާޅުވީ، ފުނަވަލުގެ މައްސަލައިގައި ވަކާލާތުކުރި ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ތިންވަނަ ޓަވަރު އަޅާ ސަރަހައްދު ބަދަލުކުރަން ނިންމީ ކަމަށެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ވިދާޅުވެ، އެތައް އާއިލާއެއް ދިރިއުޅެމުން އަންނަނީ ދަތި ހާލުގައި ކަމަށް، މުއްޠަލިބު ވިދާޅުވިއެވެ.

"[އެހެން ނަމަވެސް] ކުރީ ސަރުކާރުން ލިބެންހުރި ހުރިހާ ބިންތަކެއް ރައްޔިތުންނަށް ގޯތި ގޮތުގަ ދީފަ ދިޔައީ، މި ސަރުކާރަކަށް ނެތް ފުލެޓު އަޅާނެ ބިންތަކެއް،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށްފައި ޞާލިޙުގެ ވެރިކަމުން ވަނީ, މާސްޓާ ޕްލޭނާ ހިލާފަށް ހުޅުމާލެ އާއި މާލެ ސަރަހައްދުގެ އެހެން ބިންތައް ވެސް ހިލޭ ބަހާލައިފައެވެ. އަދި މާލެ ސަރަހައްދުން ނުވެސް ހިއްކާ ހުރި ފަޅުފަޅުން ވެސް ބިންތައް ބަހާލިއެވެ.

މުއްޠަލިބު އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ފުލެޓު އެޅުމަށް ކަނޑައަޅައިފައި ހުރި ބިންތަކުގައި ޓަވަރުތައް ނެގޭނީ އެންމެ ދިގުވެގެން 14 ބުރިއަށް ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ކަނޑައެޅީ ވަރަށް ފަހުން ކަމަށެވެ. އެހެންވެ، މުއްޠަލިބު ވިދާޅުވިގޮތުގައި، 17 ބުރީގެ ޓަވަރުތައް އަޅަން ނިންމި ނަމަވެސް، ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ނިންމުމާ ގުޅިގެން ކޮންމެ ޓަވަރަކުން ތިން ބުރި ކަނޑައިލައި، ފުލެޓު އަޅަން އިތުރު ބިން ހޯދަން ވަނީ ޖެހިފައެވެ.

ފުނަވާ މައްސަލައިގައި ވަކާލާތުކުރާއިރު، އާންމުން އުޅޭނެ ތަނެއްވެސް ހޯދަން ޖެހޭނެ ކަމަށް، މުއްޠަލިބު ވިދާޅުވިއެވެ.

"އެހެންވީމާ އެ އުސޫލުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ރައްޔިތުން އުޅޭނެ ތަނެއްވެސް ހޯދައިދީފަ ރައްޔިތުން ނިކުމެ އުޅޭ މާހައުލެއްވެސް ގާއިމްކުރުމަކީ މުހިއްމުކަމެއް،" އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހައުސިން މިނިސްޓްރީން ކުއްޔަކާ ނުލައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފައިވާ ބިމުގައި، 300 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއެވެ. އެ މަޝްރޫއުގެ ބިންގާ މިދިޔަ މާރިޗު މަހުގެ 26ގައި ވަނީ އަޅައިފައެވެ.

އެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތައް އަޅަނީ، މާލޭ ސަރަހައްދުގައި އެންމެ ދުވަސްވީ ގަސްގަހާގެހި މިހާރު އެންމެ ގިނައިން ހުންނަ ވިލިމާލޭ ފުނަވާ ސަރަހައްދުގައިކަން ފާހަގަކޮށް، ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ނިންމުން ބަދަލުކުރުމަށް އެދި، ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ މީހުން އިހުތިޖާޖު ވެސް ކޮށްފައިވެއެވެ.

https://sun.mv/221134

އެ މަޝްރޫއާ ގުޅޭ ގޮތުން މުއްޠަލިބު އޭޕްރިލް މަހުގެ ފަހުކޮޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސް ޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު، އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ހަގީގަތެއް ކަމަށް އޭނާ ލިިޔުއްވައިފައިވެއެވެ.

އެހެންވެ، އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މުއްތަލިބު ލިޔުއްވައިފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ހިއްކައިފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފުލެޓު އިމާރާތްކުރަން ލިބެން ހުރި ބިންތައް މަދުވުމަކީ ވެސް ގޮންޖެހުމެއް ކަމަށް ލިޔުއްވިއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ވިލިމާލޭގައި ހިންގާ މަޝްރޫއުގައި 17 ފަންގިފިލާގެ ތިން ޓަވަރު، އެ އަވަށުގެ ފެހިކަން ނުގެއްލޭނެހެން ތަރައްގީކުރާނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ބޮޑު މިނުގައި 900 އަކަފޫޓު ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް