1.8 ކިލޯ ޑުރަގު މައްސަލަ: ދިފާއުގައި ރޫނާ އެދުނީ ފުލުހުންގެ ބޮޑީކޭމް ރިކޯޑިންއަށް

ޑުރަގާ އެކު ހައްޔަރުކުރި ރޫނާ: އޭނާ ވަނީ ދިފާއުގައި ފުލުހުންގެ ބޮޑީކޭމް ހޯދަން އެދިފައި -- ފޮޓޯ/ ޑާކްރެއިން

ގާތްގަނޑަކަށް 1.8 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކު، އޭނާގެ ދިފާއުގައި ފުލުހުންގެ ބޮޑީކެމްގެ ރިކޯޑިން ހޯދަން ބަންދު މަޖިލީހުގައި އެދެފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައިވާ ދެ އަންހެނުންނަކީ އަލްޔާ ޝަރްސާ ނަސީރު 25އ، ގ. މުތީގެއާގެ, އަދި އާމިނަތު ރޫނާ، 29އ، ބިޖިލީއުފާ ކ. ތުލުސްދޫއެވެ. މި ދެ މީހުންގެ ތެރެއިން ދިފާއުގައި ބޮޑީކެމް ރިކޯޑިން ހޯދަން އެދުނީ އާމިނަތު ރޫނާއެވެ.

މި ދެ އަންހެނުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ފުރަތަމަ ޖެހި 15 ދުވަސް ހަމަވެގެން އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 25 ދުވަސް ޖަހާފައެވެ.

މި ދެ މީހުންގެ ތެރެއިން، ރޫނާގެ ދިފާއަށް ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައިވާކަން ބަންދު އަމުރުގައި ބަޔާންކޮށްފައިވާއިރު، އަލްޔާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާ މީހެއް ކަމަށް އޭނާގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

https://sun.mv/220812

މި ދެ އަންހެނުންގެ މައްޗަށް ތުހުމަތު ކުރެވެނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އަދި އެ ތަކެތި ޓްރެފިކްކުރި ކަމަށެވެ. މި ދެ އަންހެނުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތާކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި އެކަމުގެ އަދަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަކީ ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ.

މީގެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

https://sun.mv/220796

​މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި މިންގަނޑަކަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކްކުރުން ކަމަށް ބެލެވޭނެއެވެ. މިސާލަކަށް ހަތަރު ގުރާމަށްވުރެ ގިނައިން ޑައިމޯފިން (ހެރޮއިން) އަތުގައި ހުރުމެވެ. މީގެ އަދަބަކީ ވެސް އުމުރަށް ޖަލަށްލުމާ އެކު ބޮޑު ޢަދަދަކުން ޖޫރިމަނާކުރުމެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައިވާ ޤާނޫނުގެ 108 ވަނަ މާއްދާގެ ދަށުން، ޓްރެފިކްކުރުމުގެ މިންގަނޑަށް ނުފެތޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމަކީ ކުށެކެވެ. މި ކުށުގެ އަދަބު ކަނޑައަޅަނީ އެ މީހެއްގެ އަތުން ފެނުނު އެއްޗެއްގެ ބާވަތާއި މިންވަރަށް ބަލައިގެންނެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 106 ވަނަ މާއްދާގެ ދަށުން، މަސްތުވާތަކެތި ގަނެވިއްކުމާއި، ވިޔަފާރީގެ މުޢާމަލާތް ހިންގުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މަސްތުވާތަކެތީގެ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ ކަންކަމެވެ.

comment ކޮމެންޓް