ޔޫއޭއީގައި މުއާސަލާތުކުރަން އެންމެ ގިނައިން ބޭނުންކުރާ ވަޓްސްއެޕް ބޭނުންކުރުމުގައި އަމަލުކުރަން ޖެހޭ އާ ގަވާއިދުތަކަކާއި އުސޫލުތަކެއް ފާސްކޮށްފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި ސަލާމަތީ ގޮތުންނާއި ގާނޫނީ ގޮތުން ކޮންމެ މީހަކު ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ހިމެނެއެވެ.
އެ ގައުމުގެ މަރުކަޒީ ބޭންކުން ވެސް މިހާރު ވަނީ މާލީ އިދާރާތަކުން ވަޓްސްއެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުން މަނާކޮށްފައެވެ. މީގެ ތެރޭގައި އޯޓީޕީ ފޮނުވުމާއި، މާލީ ލިޔެކިޔުންތައް ހިއްސާކުރުން ހިމެނޭއިރު، މިއީ މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެކެވެ.
ވަޓްސްއެޕްގެ އަމިއްލަ ޗެޓްތަކަކީ ވެސް ސައިބާ ކްރައިމް ގާނޫނު ހިނގާނެ ދާއިރާތަކެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ސައްހަ ނޫން މައުލޫމާތު ފޯވާޑްކުރުމާއި ހުއްދަ ނެތި މީހުންގެ ފޮޓޯ ހިއްސާކުރުމަކީ ބޮޑެތި ޖޫރިމަނާތަކަކާއި ޖަލު އަދަބު ލިބިދާނެ ކުށެކެވެ.
ގްރޫޕް އެޑްމިނުންގެ ޒިންމާ ވެސް މިހާރު ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. ގްރޫޕެއްގައި ގާނޫނާ ޚިލާފު އެއްޗެއް ދައުރުވާނަމަ، އެކަން ހުއްޓުވުމަށް ނުވަތަ އެ މެސެޖު ފޮހެލުމަށް އެޑްމިނުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި އެހެން ނޫންނަމަ އެކަމުގެ ގާނޫނީ ޒިންމާ އުފުލަން ޖެހިދާނެ ކަމަށް ވަނީ އަންގާފައެވެ.
ދުބާއީގެ އެންމެ މަތީ ކޯޓުން ވަނީ ވަޓްސްއެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ކޯޓުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ނިންމާފައެވެ. ނަމަވެސް، އެފަދަ މެސެޖުތައް ހެއްކަށް ބަލައިގަންނާނީ އެއީ ސައްހަ އެއްޗެއްކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރުމަށް ފަހުގައެވެ.
މީގެ އިތުރުން، ވަޓްސްއެޕް ވެބް މެދުވެރިކޮށް އަޑާއި ވީޑިއޯ ކޯލްކުރެވޭ ފީޗާއެއް ތައާރަފުކުރަން ވަނީ ފަށާފައެވެ. އެހެންނަމަވެސް، ޔޫއޭއީގައި މި ޚިދުމަތް ބޭނުންކުރެވޭނީ އެ ގައުމުގެ ޓެލެކޮމް އޮތޯރިޓީން ހުއްދަދޭ މިންވަރަކުން ކަމަށް މައުލޫމާތު ލިބެއެވެ.
ޔޫއޭއީއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށްވާއިރު، އެ ގައުމުގެ އާބާދީގެ ބޮޑު ބައެއް މުއާސަލާތު ކުރުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ވަޓްސްއެޕް ފަދަ އިންސްޓަންޓް މެސެޖިން އެޕްތަކަށެވެ. ނަމަވެސް، ފަހަކަށް އައިސް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކާއި، ސައްހަ ނޫން މައުލޫމާތު ފެތުރުން އިތުރުވުމާ ގުޅިގެން ކަސްޓަމަރުންގެ މާލީ ރައްކާތެރިކަމާއި އާންމުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ގާނޫނީ އޮނިގަނޑު ވަރުގަދަކުރަމުންނެވެ. މި ގޮތުން، ގެނެވޭ ބަދަލުތަކަކީ 2021 ވަނަ އަހަރު އަމަލުކުރަން ފެށި ހަރުކަށި ސައިބާ ކްރައިމް ގާނޫނުގެ ދަށުން، ޑިޖިޓަލް މައިދާނުގައި ހިނގާ ކުށްތައް މަދުކޮށް، މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.