ރައްޔިތުން ބާރުވެރިކުރުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން: ރައީސް

ރައީސް މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި މީޑިއާއަކީ ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ “ހަތަރުވަނަ ބާރު” ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެކަމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

"ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަޞްލަޙަތު. ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނަން," ރައީސް ވިދާޅުވިއެވެ.

މިވަގުތަކީ ނޫސްވެރިކަމާއި، ޓެކްނޮލޮޖީ އާއި، މަދަނީ އަދި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ޢަމަލީ މަސައްކަތުގެ ތެރެއިން “މޯލްޑިވްސް 2.0” ގެ ތަޞައްވުރު ޙަޤީޤަތަކަށް ވެގެންދާއިރު، ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ކުޑަކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ދިފާޢުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ މުހިންމުކަމަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރައްވައި، އެ ފަރާތްތަކަކީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ބާރު ކަމުގައި ވިދާޅުވިއެވެ.

މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެއްވަމުންދާކަމަށާއި، މީޑިއާގެ ދާއިރާއިން ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުންގެންދަވާކަން ރައީސް ހާމަކުރެއްވިއެވެ. ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދަނީ މީޑިއާއަށް އިންވެސްޓްކޮށް، މަޢުލޫމާތު ލިބޭނެ މަގުތައް ފަހިކޮށް، އަދި ހުޅުވާލެވިފައިވާ ބަހުސްތަކަށް ފުރުސަތު ދީގެން، ހޭލުންތެރި އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ދާދި ފަހުން އާންމުކުރި މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 108 ވަނަ ދަރަޖައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ. އާރްއެސްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ. މީގެ ތެރޭގައި ސިޔާސީ މިންގަނޑުން 123 އިން 129 އަށް، އިޤްތިޞާދީ މިންގަނޑުން 118 އިން 157 އަށް، ޤާނޫނީ މިންގަނޑުން 103 އިން 126 އަށް، އަދި ސަލާމަތީ މިންގަނޑުން 56 އިން 77 އަށް ރާއްޖެ ވަނީ ފަހަތަށް ގޮސްފައެވެ.

މި ދަރަޖަ ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު, ސަރުކާރުން ބޭނުން ވެގެން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ސަބަބުން މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މީޑިއާތައް ޖޫރިމަނާކުރުމާއި، ވެބްސައިޓުތައް ބްލޮކްކުރުމުގެ ބާރު ލިބިދީފައިވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި ދާދި ފަހުން، ރައީސާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން “އަދަދު” ނޫހުގެ އޮފީހަށް ފުލުހުން ވަދެ، އެތަނުގެ ބައެއް ސާމާނުތައް ހިފަހައްޓައި، އެ ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓުން ފަދަ ކަންކަން ވަނީ ހިނގާފައެވެ.

މީގެ އިތުރުން، ނޫސްވެރިންނަށް އަމާޒުކޮށް މަރުގެ އިންޒާރު ދިނުން ފަދަ ބިރުދެއްކުމުގެ ޢަމަލުތައް އިތުރުވަމުންދާކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް