ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެގޮތަށް އިއުލާންކުރެއްވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެހެންވެ، ބެންކުން ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން އަޅަން ނިންމައިފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދިނުން ހިމެނެއެވެ. އެ ބެންކުން މިހާރު ވެސް ދަރިވަރުންނަށް ޚާއްސަ, މަހަކަށް 1,200 ޑޮލަރު ލިމިޓެއް ކަނޑައަޅައިފައިވާއިރު، ސްޓޫޑެންޓް ކާޑުގައި ހުންނާނީ އެ ލިމިޓެވެ.
ބީއެމްއެލްއިން ވަނީ އެ ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ކުއްޖާއަށް ބޭނުން ކުރެވޭނެ ކަމަށާއި ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ބުނެފައެވެ.
އެ ބެންކުން އިތުރަށް ބުނި ގޮތުގައި، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް މީހުން، އޮންލައިން ވިޔަފާރި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް ވަރަށް ގިނަ އަދަދަކަށް މުދާ ގަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
އޭގެ ސަބަބުން، ބޭންކުން ވަރަށް ގިނަ ޢަދަދަކަށް ބޭރު ފައިސާ އެކަމަށް ވިއްކެނީ ނިސްބަތުން މަދު ބަޔަކަށްކަން ފާހަގަކޮށްފައިވެއެވެ.
އެހެންވެ ބީއެމްއެލްއިން ވަނީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ ޢަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމައިފައެވެ. އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު ބަދަލެއް ނުގެންނާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
އެ ބެންކުން އިއުލާންކުރި އިތުރު ކަންތައްތަކުގެ ތެރޭގައި:
- ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެ.
- ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީނެގުން. އިތުރުކާޑުތަކަށް އަހަރީފީ ނުނަގާގޮތަށް ހަމަޖެއްސުން.
- ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުން. ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ.
- ޓީޓީތައް ސްޕްލިޓްކޮއްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން.
ތަފުސީލް އަންނަނީ..