ޑްރަގު މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު ވައްކަންކޮށްގެން ޖަލަށް

ޑްރަގު މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހެއް: އޭނާ ވައްކަންކޮށްގެން ވަނީ ޖަލަށް ލައިފައި --

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން އިއުލާންކޮށްފައިވާ ޏ. ފުވައްމުލައް ދޫޑިގަން ޝުހުރަތު މުޙައްމަދު މުރުޝިދު، ވައްކަމުގެ މައްސަލައެއްގައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު މާލޭގެ ގެއަކަށް ވަދެ އައިޕެޑް މިނީއެއް ވަގަށް ނެގި މައްސަލައެކެވެ. ޝަރީއަތުގައި ކުށަށް އިއުތިރާފުވުމުން މައްސަލަ ނިމިގެންދިޔައީ އަވަސްނިޔާގެ ދަށުންނެވެ.

  • މުޙައްމަދު މުރުޝިދުގެ މައްޗަށް ވައްކަމުގެ ދެ ދައުވާއެއް ސާބިތުވެއްޖެ
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށުގައި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
  • ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް
  • މައްސަލަ ކުރިއަށް ގެންދިޔައީ އިއުތިރާފުވުމުން އަވަސްނިޔާގެ ދަށުން

ޑްރަގު މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ މައްސަލައެއްގައި ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދިޔަ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ހޯދަން އިއުލާން ކުރި މީހަކީ، ޏ. ފުވައްމުލައް، ދޫޑިގަން/ ޝުހުރަތު، މުޙައްމަދު މުރުޝިދުއެވެ.

މުރުޝިދު ޖަލަށްލާން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި، އެހެން ދެ މައްސަލައެއްގައެވެ. އެއީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއަކާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެކެވެ.

މި ދެ މައްސަލައަކީ ވެސް އެއް ހާދިސާއެއްގެ ދެ މައްސަލައެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ނިންމި މި ދެ މައްސަލައަކީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެއްރޭ ދަންވަރު މާލޭގެ ގެއަކުން ވައްކަން ކުރި މައްސަލައެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ވަގަށް ނަގާފައި ވަނީ އައިޕެޑް މިނީއެކެވެ.

މި ދެ ދައުވާއަށް ވެސް މުރުޝިދު ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސްނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.

ދެ މައްސަލައިގެ ތެރެއިން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އަދަބަކަށް މުރުޝިދު ހަތް ހަމާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ، މުރުޝިދުގެ މައްޗަށް އިއްވާފައި ވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރެކޯޑްތަކުން ދައްކާ ގޮތުން މުރުޝިދު ހޯދަން ފުލުހުން އިއުލާންކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އޭރު އޭނާ ހޯދަން އިއުލާން ކުރި މައްސަލަ ފަހުން ނިމުނީ ކިހިނެތްކަމެއް އެނގިފައެއް ނުވެއެވެ.

comment ކޮމެންޓް