މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެ މަގާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން މިއަދުން ފެށިގެން އައްޔަންކޮށްފިއެވެ.
އެ މަގާމާ ހަވާލުވާން އިއްޔެ ލަމްޢާން ވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު އައްޔަންކޮށްފައިވަނީ މާރިޗު 16 ވަނަ ދުވަހެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިއަދެވެ. އެކަމަކު، ވަކިކުރި ސީދާ ސަބަބެއް ނުބުނެއެވެ.
މީގެ ކުރިން ލަމްޢާން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވިއެވެ.
އޭނާއަކީ ކޯޕަރޭޓް ގަވާނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑާޝިޕްގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުންޏެވެ.
ލަމްޢާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމުރީނު ޕްރޮގްރާމުތައް ފުރިހަމަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު ކުންފުނިތަކަށް ބައެއް ބަދަލުތައް މި ފަހުން ވަނީ ގެނެސްފައެވެ.
އެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ޕީސީބީގެ ރައީސްކަން ކުރެއްވި މުޙައްމަދު އަނަސް އިއްޔެ ވަނީ އައްޔަންކޮށްފައެވެ. އަދި، ޕީސީބީގެ ރައީސްކަމަށް ވިޔަފާރިއާއި އިދާރާތައް ހިންގުމުގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ނިޒާރު ވަނީ އަލުން އައްޔަންކުރައްވާފައެވެ.
އޭގެ އިތުރުން ވެސް ޚަރަދު ކުޑަކުރަން ކުންފުނިތަކުގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.