ޓެލްއަވީވު (30 އެޕްރީލް 2026): ޣައްޒާގައި އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ އާންމުންނަށް އިންސާނީ އެހީ ހިފައިގެން ދިޔަ ސުމޫދު ފްލީޓް (ފްލޮޓިއްލާ) ގެ ބޯޓުތަކަށް ޔަހޫދީ ސިފައިން ހަމަލާދީ ކަނޑުފޭރުމުގެ އަމަލުތަކެއް ހިންގައިފިއެވެ.
ސުމޫދު ފްލީޓްގެ ދަތުރުގެ ކަންތައްތައް މެނޭޖްކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެ ބޯޓުތަކަށް ހަމަލާދިނީ މެޑިޓަރޭނިޔަން ކަނޑުގައި ގްރީސްގެ ކައިރިން އެ ފްލީޓް ދަތުރުކުރަނިކޮށެވެ. އެގޮތުން ޔަހޫދީ ސިފައިންވަނީ އެ ފްލީޓުގެ ބޯޓުތަކަށް އިސްވެ ހަމަލާދީ ކަނޑުފޭރި އެފްލީޓްގެ 170 އަށް ވުރެގިނަ ފަޅުވެރިން ހައްޔަރުކޮށް ޣައްޒާއަށް ގެންދާ ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީގެ ތަކެތި ކަނޑަށް ފައްތާފައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާއިންވަނީ އިސްރާއީލުގެ ސިފައިން ސުމޫދު ފްލީޓްގެ ބޯޓުތަކަށް ހަމަލާދީ ކަނޑުފޭރުނުކަން ބަޔާންކޮށް އެ ޖަރީމާތަކާ މެދު ފަޚުރުވެރިވެ ވާހަކަ ދައްކާފައެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލު ސިފައިންވަނީ ސުމޫދު ފްލީޓްގައި ހިމެނޭ 20 ބޯޓަކަށް ހަމަލާދީ އެ ބޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ބޯޓުތަކުގައި ތިބި ފަޅުވެރިންގެ ތެރެއިން 175 މީހަކު ހައްޔަރުކޮށްފައެވެ.
ސުމޫދު ފްލީޓްގެ ދަތުރުގެ ކަންތައްތައް މެނޭޖްކުރާ ފަރާތް ބުނާގޮތުން އިސްރާއީލުން ކަނޑުފޭރުމުގެ އަމަލު ހިންގާފައިމިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ގްރީސް އާ 45 މޭލު ދުރުގައި އަދި އިސްރާއީލާ 300 ވަރަކަށް މޭލު ދުރުގައި އޮއްވައެވެ. ތުރުކީންވަނީ އިސްރާއީލުގެ މިއަމަލަކީ ކަނޑުފޭރުމުގެ އަމަލެއްކަމަށް ސިފަކޮށް އިސްރާއީލާމެދު ބައިނަލްއަގްވާމީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މީގެ ކުރިންވެސް ޣައްޒާގެ ހިސާރު ފޫއަޅުވާލައި، ޣައްޒާގައި އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށްޓަކައި ސުމޫދު ފްލީޓްގެ ނަމުގައި ދެ ފްލީޓެއް ޣައްޒާއަށް ދިޔުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްރާއީލުވަނީ މި ދެ ފްލީޓަށް ހަމަލާދީ ކަނޑުފޭރުމުގެ އަމަލުތައް ހިންގައި އޭގެ ފަޅުވެރިން ހައްޔަރުކޮށް ޖަލަށްލައި އޭގައިހުރި ބޭހާއި ކާބޯތަކެތި ކަނޑަށް ފައްތާފައެވެ.
އިސްރާއީލުގެ މިފަދަ ޖަރީމާތަކަކީ އެމެރިކާއާއި ޔޫރަޕްގެ މަދަދުލިބޭ ޖަރީމާތަކަށް ވާއިރު އިސްރާއީލުގެ މިފަދަ ޖަރީމާތައް ކުށްވެރިކުރުމުގެ ބަދަލުގައި އެމެރިކާއާއި ޔޫރަޕް ގެންދަނީ ޔަހޫދީ އިސްރާއީލު ދިފާއުކޮށް އިސްރާއީލަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުންނެވެ.
އިސްރާއީލުވަނީ ޣައްޒާގައި 75 ހާހަށް ވުރެގިނަމީހުން ޝަހީދުކޮށް އެތައް ލައްކަ ބަޔަކު ޒަޚަމްކޮށް ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރުފަދަ ހުރިހާ މަދަނީ އިންފްރާސްޓްރަކްޗާއެއް ހަލާކުކޮށް ބިމާ ހަމަކޮށްލާފައެވެ. މީގެ އިތުރުން އިސްރާއީލު ގެންދަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ.
މި ޖަރީމާތައް ދިފާއުކުރަން އިސްރާއީލު ދައްކާ ބަހަނާއަކީ އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމުން މިނިވަންވުމަށް ޣައްޒާގެ ރައްޔިތުންނާއި ޣައްޒާގައި ހަރަކާތްތެރިވާ މުޖހިދުންގެ ޖަމާއަތްތަކުން މަސައްކަތްކުރުމެވެ. އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމުން މިނިވަންވުމަށް ފަލަސްތީނުންކުރާ ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް އިސްރާއީލާއި އިސްރާއީލަށް ވަގިވެރިވާ އެމެރިކާއާއި ޔޫރަޕް ގެންދަނީ ސިފަކުރަމުންނެވެ.