ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ތިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންގެ ދަރިން ބެލުމަށް ގާއިމުކޮށްފައިވާ ޑޭކެއާ ސެންޓަރުތައް ބަންދުކޮށްފިއެވެ.
މި ތިން ކުންފުނިން ވެސް ވަނީ އެ ސެންޓަރުތައް މިވަގުތު ބަންދުކޮށްފައި ހުރިކަން "ސަން" އަށް ކަށަވަރުކޮށްދީފައެވެ.
އެމްޕީއެލްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ ޑޭކެއާ ސެންޓަރު ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ބަންދުކުރި ވަކި ސަބަބެއް ހާމަކޮށްފައިނުވާއިރު، އެ ސެންޓަރު ދެން އަލުން ހުޅުވާނެ ތާރީޚެއް ވެސް ކުންފުނިން ބުނެފައެއް ނުވެއެވެ.
އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރަކީ, އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ މާރިޗު މަހު، އަންހެނުން ބާރުވެރިކުރުވުމާއި ވަޒީފާ އަދާކުރާ މައިންބަފައިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ތަނެކެވެ.
އެޗްޑީސީގެ ޑޭކެއާ ސެންޓަރާ ގުޅޭގޮތުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ސެންޓަރު ބަންދުކުރީ މަރާމާތަކަށް ކަމަށެވެ. މަރާމާތަށް ފަހު ސެންޓަރު އަލުން ހުޅުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ކޮން ދުވަހަކުން ކަމެއް އެ ކުންފުނިން ވެސް ހާމައެއް ނުކުރެއެވެ. މި ސެންޓަރަކީ ވެސް އެޗްޑީސީގެ މުވައްޒަފުން ވަޒީފާގައި އުޅޭ ވަގުތު ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ.
އެމްޑީޕީގެ ވެރިކަމުގައި ހުޅުވި, ސްޓެލްކޯގެ ޑޭކެއާ ސެންޓަރާ ގުޅޭގޮތުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެތަން ބަންދުކޮށްފައި ހުންނަތާ މިހާރު އެތައް ދުވަހެއް ވެފައިވާ ކަމަށާއި، މިހާރު އެ ސެންޓަރު މުޅިން އުވާލާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މައި މަރުކަޒުގެ ފަންގިފިލާއެއްގައި ގާއިމުކުރި މި ސެންޓަރަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގި ތަނެކެވެ.
މި ތިން ކުންފުނީގެ ޑޭކެއާ ސެންޓަރުތަކަކީ ވެސް މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި، ކުދިންނަށް ބޭނުންވާ ނަމާދުކުރުމާއި، ކިޔެވުމާއި، ކެއުމުގެ އިތުރުން މުނިފޫހިފިލުވުމުގެ އިންތިޒާމުތަކާއެކު ހިންގަމުން އައި ތަންތަނެވެ. މި ތަންތަން ބަންދުކުރުމާ ގުޅިގެން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.