ފުވައްމުލަކަށް ފުޅަނގި އަރަން ފަށައިފި

ފުވައްމުލަކުން މީހަކު ހޮވި ފުޅަނގިތަކެއް: އެ ރަށަށް މަދުމަދުން އަންނަނީ ފުޅަނގި އަރަމުން --- ފޮޓޯ/ ސައު ސައީދު

މިއަހަރުގެ ހުޅަނގު މޫސުން ފެށުމާ ގުޅިގެން، ފުވައްމުލަށް ސިޓީއަށް އާންމުކޮށް އަރާ އުދުހޭ މަހެއް ކަމަށްވާ ފުޅަނގި އަރަން ވަނީ ފަށާފައެވެ. ފުވައްމުލަކުގެ އިރު އުތުރު ދާއިރާގެ ކައުންސިލަރު ހާމަކުރެއްވި ގޮތުގައި ފުޅަނގި އަރަން ފަށާފައިވަނީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. މިއީ ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާ ދިމާކޮށް އެ ރަށަށް ދިމާވާ ކަމެއް ނަމަވެސް، ކުރީ ޒަމާނާ އަޅާބަލާއިރު މިހާރު ފުޅަނގި އަރާ ނިސްބަތް ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވެއެވެ. ފުޅަނގި އެންމެ ގިނައިން އަރަނީ ފުވައްމުލަކުގެ ހުޅަނގު ފަރާތަށެވެ. އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެ މަސް ހޮވާއިރު، ފުވައްމުލަކުގައި އާންމުކޮށް މި މަސް ބޭނުންކުރަނީ ތެލުލައިގެން ކެއުމަށެވެ.

  • ހުޅަނގު މޫސުން ފެށުމާއެކު ފުވައްމުލަކަށް ފުޅަނގި އަރަން ފެށުން
  • ކުރީ ޒަމާނާ އަޅާބަލާއިރު ފުޅަނގި އަރާ މިންވަރު މަދުވުން
  • ފުވައްމުލަކުގެ ރައްޔިތުން ފުޅަނގި ތެލުލައިގެން ކެއުމަށް ބޭނުންކުރުން
  • މިދިޔަ އަހަރު ކ. ކާށިދުއަށްވެސް ގިނަ އަދަދަކަށް ފުޅަނގި އެރުން

މި އަހަރުގެ ހުޅަނގު މޫސުން ފެށިގެން ކުރިއަށް ދާއިރު، ފުވައްމުލަކު ސިޓީއަށް ފުޅަނގި އަރަން ފަށައިފިއެވެ.

އުދުހޭ މަހެއް ކަމަށްވާ ފުޅަނގި އެރުމަކީ އެ މަސް މޫދުގެ ތިލަ ހިސާބަކަށް ނުވަތަ އެއަށް ވުރެ އެއްގަމަށް އެރުމެވެ. އެއާއެކު މީހުން އެ މަސް ހޮވައި ހަދައެވެ.

ފުވައްމުލަކުގެ އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު 'ސަން'އަށް ވިދާޅުވީ، އެ ރަށަށް ފުޅަނގި އަރަން ފެށީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށެވެ.

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާ ދިމާކޮށް، އެ ރަށަށް ފުޅަނގި އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއާ ޚިލާފަށް މިހާރު ފުޅަނގި އަރާ ނިސްބަތް މަދުވެއްޖެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ފަހުން [ފުޅަނގި އަރަނީ] ދޭތެރެއަކުން. އެންމެ ކުރީ ޒަމާނުގައި އަރާ ވަރަކަށް ނާރާ. ނަމަވެސް، ބައެއް ފަހަރަށް ގިނައިން އަރާކަން ފާހަގަކުރެވޭ" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ހުޅަނގު ފަރާތުގައި ފުޅަނގި ހޮވުމަށް މީހުން ހަރަކާތްތެރި ވަނީ --- ފޮޓޯ/ސައު ސައީދު

ފުޅަނގި އަރަނީ، ފުވައްމުލަކުގެ ހުޅަނގު ފަރާތަށް ކަމަށްވާއިރު، ފުޅަނގި ހޮވުމަށް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ޖަމާވެފައި އޮންނަ ކަމަށް ނާސިރު ވިދާޅުވިއެވެ.

ސީދާ އަދަދެއް ހާމަނުކުރައްވައި، ނާސިރު ވިދާޅުވީ، ކޮންމެވެސް ވަރަކަށް އެ ރަށަށް ފުޅަނގި އަރަމުން އަންނަ ކަމަށެވެ.

އާންމުކޮށް ފުވައްމުލަކުގައި ފުޅަނގި ކައި އުޅެނީ، ތެލުލައިގެންނެވެ.

https://sun.mv/201762

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ކުރީކޮޅު ކ. ކާށިދުއަށް ވަނީ ގިނަ އަދަދެއްގެ ފުޅަނގި އަރާފައެވެ. އެ ފަހަރު ބޮޑެތި ގޯންޏާއި ކޮތަޅުގެ ފުޅަނގި އެ ރަށު މީހުން ވަނީ ހޮވާފައެވެ.

comment ކޮމެންޓް