ސުޕްރީމް ކޯޓުގެ ހުކުމަށް އެމްޑީޕީ: ''މައްސަލައިގެ އަސްލު ނުކުތާތަކަށް ޖަވާބެއް ނުދެވޭ''

އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ޕާޓީގެ ލީޑަރުން: ގޮނޑިގެއްލޭ މައްސަލައިގައި އިއްވި ހުކުމާއި އެމްޑީޕީން ވަނީ ނުރުހުންފާޅުކޮށްފަ -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ބުނެފައިވަނީ، ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި ނިންމެވުމުގައި ދަސްތޫރީ މައިގަނޑު ނުކުތާތަކަށް ޖަވާބުދެއްވާފައިނުވާ ކަމަށެވެ. ނަމަވެސް، ފަނޑިޔާރު އައިޝާ ޝުޖޫންގެ ތަފާތު ރައުޔުގައި އެ ނުކުތާތަކަށް ސާފުކޮށް ރިއާޔަތްކުރައްވާފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ. މީގެ އިތުރުން، މި މައްސަލަ ހިނގައިދިޔަ ގޮތުންނާއި ފަނޑިޔާރުން ބަދަލުކުރި ގޮތުން، ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

  • ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު ހުކުމުގައި ދަސްތޫރީ މައިގަނޑު ނުކުތާތަކަށް ޖަވާބުދީފައިނުވާކަމަށް އެމްޑީޕީން ބުނުން.
  • ފަނޑިޔާރު އައިޝާ ޝުޖޫންގެ ތަފާތު ރައުޔުގައި މައްސަލައިގެ އަސްލު ނުކުތާތަކަށް ރިއާޔަތްކޮށްފައިވާކަން ފާހަގަކުރުން.
  • މައްސަލަ ކުރިއަށްދިޔަ ދުވަސްވަރު ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެނެސްފައިވުން.
  • ބާރުތައް ވަކިވެފައިވުމުގެ އުސޫލާ ޚިލާފަށް ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް އެމްޑީޕީން ތުހުމަތުކުރުން.

އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުން، މައްސަލައިގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ޖަވާބެއް ނުދެވޭ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އިންތިޚާބުވި ޕާޓީ ބަދަލު ކުރުމުން އެ މީހެއްގެ ގޮނޑި ގެއްލޭގޮތަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހަށް ހުށަހަޅައި، ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ނޮވެންބަރު 20، 2024ގައެވެ. އެ ގާނޫނާ ދެކޮޅަށް ހަމަ އެ މަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ، ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެގޮތުން، ފެބްރުވަރީ 17ގައި އަޑުއެހުމެއް ބޭއްވުމަށްފަހު، ދެވަނަ އަޑުއެހުން ބާއްވަން އޮތް ދުވަހު، ސުޕްރީމް ކޯޓުގެ ބެންޗުން ތިން ފަނޑިޔާރު ސަސްޕެންޑުކުރިއެވެ. އެ މައްސަލައިގައި ސަސްޕެންޑުކުރި ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ މައްސަލަ މަޖިލީހުން ބަލައި، ދެ ބޭފުޅުން މަގާމުން ވަކިކުރިއެވެ.

އެ ފަނޑިޔާރުންގެ ސަސްޕެންޝަނާއި، ވަކިކުރި ގޮތަށް އިދިކޮޅާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. އެއަށްފަހު ސުޕްރީމް ކޯޓަށް ބަދަލުތައް ގެނެސް އަލުން މި މައްސަލަ ބަލަން ފެށީ، އެންމެ ފުރަތަމަ އަޑުއެހުން ބޭއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ހުށަހެޅުއްވީ، އެ އިސްލާހަކީ ބާތިލް އިސްލާހެއްކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށާއި 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މި އިސްލާހު ތަންފީޒުނުކުރެވޭނެކަމަށް ކަނޑައެޅޭނެ އަސާސެއް ނެތްކަމަށް ހުކުމް ކުރުމަށެވެ.

ފެބްރުއަރީ 19، 2020: ފަނޑިޔާރުންގެ މަހާސިންތާ 2020ގެ ތެރެއިން ޝުޖޫން

ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވަނީ، އެއީ ގަވާއިދުތަކުގެ މައްޗަށް ބިނާކުރާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް އެނގުމެއް، އަދި އެއްވެސް މަޝްވަރާ ކުރުމެއް ވެސް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުވުމުގެ ހާލަތެއް ކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ 2 ގައި، މެމްބަރުން އިންތިޚާބުވިއިރު ނެތް ޝަރުތެއް އަލަށް އިތުރުކުރުން ކަމަށްވެސް ފަނޑިޔަރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މައްސަލައިގައި ދެން ތިއްބެވި ފަސް ފަނޑިޔާރުން ތާއީދުކުރެއްވީ އުއްތަމަފަނޑިޔާރުގެ ރައުޔަށެވެ. އެހެންވެ މި މައްސަލަ ބާތިލްނުކުރެވޭނެ ކަމަށް އެ ކޯޓުން ހުކުމް ކުރީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.

އެ ހުކުމާ ގުޅީގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ކޯޓަށް ހުށަހެޅުނު ދަސްތޫރީ ނުކުތާތަކަށް ސީދާ އަދި ސާފު ގޮތެއްގައި ރިއާޔަތްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، ކޯޓުގެ އަޣުލަބިއްޔަތު ރައުޔުން މައްސަލައިގެ އަސްލު ނުކުތާތަކަށް ޖަވާބުދީފައިނުވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޖުމުލަކޮށް ހުކުމުގެ އަޣުލަބިއްޔަތު ރައުޔާ މެދު އެމްޑީޕީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އެ ޕާޓީން ބުނީ މި މައްސަލައާއި މައްސަލަ ކުރިއަށްދިޔަ ގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބާރުތައް ވަކިވެފައިވުމުގެ އުސޫލާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ފާޅުކަން ބޮޑު ގޮތެއްގައި ނުފޫޒު ފޯރުވަމުންދާ މަންޒަރު ފެންނަކަމަށެވެ.

https://sun.mv/221285

އަދި މިއީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރުންގެ މިނިވަންކަން ހަނިކުރުމަށް ފަރުމާކުރި އިސްލާހަކުން ފެށިގެން ގޮސް، ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުން ބަދަލުކުރުމަށް ސަރުކާރުން ސީދާ ގޮތެއްގައި ނުފޫޒު ފޯރުވާ މިންވަރު ހާމަވެގެންދާކަމެއް ކަމަށް އެ ޕާޓީން ބުންނެވެ.

comment ކޮމެންޓް