ކަނޑުއޮޅި ބަންދުކުރުމުގެ ކަންބޮޑުވުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ

ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާ މުއްދަތު އަދިވެސް އިތުރު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއެކު، ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައި. ފޮޓޯ/ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ މުއްދަތު އެމެރިކާއިން އިތުރުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ. މިގޮތުން ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 119.69 ޑޮލަރަށް އަރާފައިވާއިރު، މިއީ 2022 ވަނަ އަހަރަށްފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި އީރާނުން ބުނެފައިވަނީ އެގައުމުގެ ބަނދަރުތަކާއި އުޅަނދުތަކަށް ހުރަސްއަޅާނަމަ، ވަރުގަދަ އަސްކަރީ ރައްދެއް ދޭނެކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އިންފްލޭޝަންގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިދާނެކަމަށް އިގުތިސާދީ މާހިރުން އިންޒާރުދެއެވެ.

  • ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު 5 ޕަސަންޓު އުފުލިއްޖެއެވެ.
  • ބްރެންޓް ތެޔޮ ފީފާއެއްގެ އަގު 119.69 ޑޮލަރަށް ވަނީ އަރާފައެވެ.
  • ބްލޮކޭޑް ކުރިއަށްދާނަމަ ވަރުގަދަ އަސްކަރީ ރައްދެއް ދޭނެކަމަށް އީރާނުން އިންޒާރުދީފިއެވެ.
  • މައްސަލަ ދިގުލައިގެން ދާނަމަ ދުނިޔޭގެ އިންފްލޭޝަން މައްޗަށް ދާނެކަމަށް މާހިރުން ލަފާކުރެއެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިި ބާއްވާ މުއްދަތު އިތުރުކުރަން އެމެރިކާއިން ނިންމުމާ ގުޅިގެން ތެލުގެ އަގު ފާއިތުވި ދުވަސްތަކުގައި ނުުއުފުލޭ ވަރަށް އުފުލިއްޖެއެވެ.

އެމެރިކާގެ އެ ނިންމުން މީޑިއާތަކުން ރިޕޯޓު ކުރުމާއެކު، ތެލުގެ އަގު އިއްޔެ ވަނީ ފަސް ޕަސަންޓް އުފުލިފައެވެ. އެގޮތުން ބްރެންޓް އޮއިލް ފިއުޗާސްގެ އަގު 7.6 ޕަސެންޓަށް އުފުލި، ފީފާއެއްގެ އަގު 119.69 ޑޮލަރަށް އަރާފައިވެއެވެ. މިއީ 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމަ ފެށުނު ދުވަސްވަރަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ އެ ފިޔަވަޅާއެކު ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުުރުން މުޅިންހެން ހުއްޓިދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސަލާމަތީ މަސްދަރަކާ ހަވާލާދީ އީރާނުގެ ދައުލަތުގެ ޕްރެސް ޓީވީ ނެޓްވޯކުން ބުނީ އީރާނުގެ ބަނދަރުތަކާއި އީރާނުގެ އުޅަނދުތައް ބްލޮކޭޑް ކުރަމުންދާނަމަ ރައްދުގައި އަމަލީ ގޮތުން ހަަމަލާދީ މީގެކުރިން ނުފެންނަވަރުގެ އަސްކަރީ ފިޔަަވަޅު އަޅާނެ ކަމަށެވެ.

އެ ނެޓްވޯކުން ބުނީ އީރާނުގެ ލީޑަރުންގެ "ކެތްތެރިކަމުގެ ހައްދުތަކެއް ހުރި" ކަމަށާއި ބްލޮކޭޑް ކުރިއަށްދާނަމަ "ރައްދު ދޭން ޖެހޭ" ކަމަށެވެ.

"ހަމަނުޖެހުން ދެމިއޮތް ވަރަކަށް އަދި ހުރްމުޒް ކަނޑުއޮޅިއަށް ބުރޫއަރާ ވަރަކަށް އިންފްލޭޝަންގެ ޕްރެޝަރުތައް ބޮޑުވުމުގެ ފުރުސަތު ބޮޑު." ހާގްރީވްސް ލެންސްޑައުންގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ޑިރެކްޓަރު އަނާ މެކްޑޮނަލްޑް ވިދާޅުވިއެވެ.

އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ޕްރެޝާ ކުރުމުގެ ގޮތުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭ އީރާނުގެ ބަނދަރުތަކަށް ހުރަސް އަޅާފައި ބާއްވާ މުއްދަތު އަދިވެސް އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ނިންމަވާފައިވާ ކަމަށް ބޭރުގެ މީޑއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދާ ބޯޓުތަކަށް ހުރަސްއަޅައި އެގައުމުގެ ތެލުގެ އާމްދަނީ ހުއްޓުވަން މަސައްކަތް ކުރަމުން އަންނައިރު، އީރާނުން ވަނީ އެ ކަނޑުއޮޅި އެހެން ހުރިހާ އުޅަނދުތަކަކަށް ބަންދުކޮށްފައެވެ.

comment ކޮމެންޓް