"ބިންވެރިޔާ" ޚާއްސަ ސްކީމްގެ އުސޫލަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފި

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބު: ސޯޝަލް ހައުސިން ދިނުމުގައި އިސްކަން ދޭން، އެންމެ ނިކަމެތި މީހުންގެ ދަފުތަރެއް ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ ބިންވެރިޔާ ސްކީމަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށް، ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ އަލުން ހުޅުވާލާފައެވެ. މި އައު ކެޓަގަރީގެ ދަށުން ކުރިން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދުމަށާއި، ޖޮއިންޓް އެޕްލިކޭޝަންތައް ވަކިކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ފުލެޓުތައް ބެހިފައިވާ ގޮތުގެ ތަފުސީލުވެސް ވަނީ ހާމަކޮށްފައެވެ.

  • ބިންވެރިޔާ ސްކީމަށް ތިންވަނަ ކެޓަގަރީއެއް އިތުރުކުރުން
  • އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މެއި 10 އިން 31 އަށް ހުޅުވާލުން
  • ގޯތި ދޫކޮށް ފުލެޓަށް އެދުމުގެ ފުރުސަތު ލިބިގެންދިއުން
  • ޖުމްލަ 7900 ފުލެޓާއި 15000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ޚާއްސަ ސްކީމްގެ އުސޫލަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ "ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އުސޫލަށް އިތުރުކުރި ތިންވަނަ ކެޓަގަރީގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމް ހިންގުމަށްޓަކައި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުޅުވާލުމަށް ނިންމާފައި ވަނީ އަންނަ މެއި މަހުގެ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެ މަހުގެ 31 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުމަށް ހުޅުވައިލާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ބިންވެރިޔާ" ޚާއްސަ ސްކީމްގައި ހިމެނޭ ތިން ކެޓަގަރީއަކީ:

  • ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
  • ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
  • ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން

މި އުސޫލުގެ ތިންވަނަ ކެޓަގަރީގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 'ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު' ގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފުލެޓަށް ހުށަހެޅުމަށް ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ ނިޔަލަށް ސަރުކާރުން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޖުމްލަ 7،900 ފްލެޓު ދިނުމަށް ނިންމާފައި ވާއިރު އޭގެތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައި ވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށެވެ.

comment ކޮމެންޓް