އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް އިހުސާން ދަނީ ނުފޫޒު ފޯރުވަމުން؛ މިނިވަންކަމާއެކު ފުލުހުންނަށް ތަހުގީގެއް ނުހިންގޭނެ: އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު: ވިދާޅުވީ، އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް އިހުސާން ދަނީ ނުފޫޒު ފޯރުވަމުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤަށް ދާޚިލީ ވަޒީރު ޢަލީ އިޙުސާން ނުފޫޒު ފޯރުވަމުންދާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވަނީ ތުހުމަތުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށްފައިވާ ތުހުމަތުތައް ވަޒީރު ދޮގުކުރައްވާފައިވާއިރު، ތަޙުޤީޤު ނުނިމެނީސް ވަޒީރު ގޮތް ނިންމަވާފައިވާކަމަށް ނޫހުން ވެސް ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ނޫހުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް ޖިނާއީ ތުހުމަތުތަކެއް ކޮށްފައިވާއިރު، މިނިވަންކަމާއެކު މައްސަލަ ބެލުމަށް ޚާއްޞަ ތަޙުޤީޤުވެރިއެއް ޢައްޔަނުކުރުމަށް ޑރ. ދީދީ ވަނީ ގޮވާލައްވާފައެވެ.

  • އައިޝާ ޑޮކިއުމެންޓްރީގެ ތަޙުޤީޤަށް ދާޚިލީ ވަޒީރު ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
  • ތަޙުޤީޤު ނުނިމެނީސް ވަޒީރު މީސްމީޑިއާގައި ގޮތް ނިންމަވާފައިވާކަމުގެ ކަންބޮޑުވުން
  • މިނިވަން ތަޙުޤީޤެއް ހިންގުމަށްޓަކައި ޚާއްޞަ އިންވެސްޓިގޭޓަރެއް ޢައްޔަނުކުރުމަށް ގޮވާލުން
  • އަދަދު ނޫހުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރުން

އަދަދުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީގެ ތަހުގީގަށް ހޯމް މިނިސްޓަރު އަލީ އިހުސާން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، މިނިވަންކަމާ އެކު ފުލުހުންނަށް އެ މައްސަލައިގެ ތަހުގީގު ނުހިންގޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމަންޓްރީގެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އަދަދު ނޫސް ހިންގާ އޮފީސް ވަނީ ބަލައި ފާސްކޮށްފައެވެ.

އެ މައްސަލައިގައި ހޯމް މިނިސްޓަރު މިދިޔަ އަންގާރަ ދުވަހު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ޑޮކިއުމަންޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ކަށަވަރުކޮށްދީފައިވާ ޙައްޤަކަށް ވީނަމަވެސް، އެއީ ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކިލަނބުކުރުމަށް ލިބިދޭ "ލައިސަންސެއް" ނޫން ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރަށް، ފުލުހުން ކުރާ މަސައްކަތަކީ ޤާނޫނީ ސިޔާދަތު ނެގެހެއްޓުމާއި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތް ކަމަށާއި މިނިވަންކަމާއެކު ޒިންމާދާރުކަން އޮންނަންވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެ ޓްވީޓާ ގުޅިގެން އަދަދު ނޫހުން ވަނީ، ތަހުގީގު ކުރިއަށް ދަނިކޮށް ވަކި ގޮތެއް މިނިސްޓަރު ނިންމެވި ކަމަށް ތުހުމަތު ވެސް ކޮށްފައެވެ.

ފުލުހުން އަދަދު ނޫސް ބަލައި ފާސްކުރަނީ -- ފޮޓޯ/ އަދަދު، ފޭސްބުކް ލައިވް

އެ ކަމަށް އިޝާރަތްކުރައްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފުލުހުންގެ އިދާރާއަކީ ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގާ މުއައްސަސާއެއް ނަމަވެސް އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމުގެ ބާރު މިނިސްޓަރަށް ލިބިފައިނުވާ ކަމަށެވެ.

މިގޮތުން، ޑޮކިއުމަންޓްރީގެ ތަހުގީގަށް އިހުސާން ނުފޫޒު ފޯރުވާކަން އޭނާ ސޯޝަލްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތަކުން އެނގޭ ކަމަށް ދީދީ ވަނީ ވިދާޅުވެފައެވެ. އެހެންވެ، އެ ތަހުގީގު މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ހިންގުމަށް ފުލުހުންނަށް ލިބުމަކީ ދުރު ކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ.

[އައިޝާ] ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވަޤާއިޢުތަކަކީ ރައްޔިތުންގެ މަޖިލީހުން ޕާލަމެންޓަރީ ތަޙުޤީޤެއް ހިންގަންޖެހޭ ވަޤާއިޢުތަކެއްކަން ފާހަގަކުރެވޭ

އެއާއެކު، އެ ޑޮކިއުމަންޓްރީގެ ތަހުގީގު ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ގާބިލުކަން ކަމާ ބެހޭ މުއައްސަސާތަކަށް ލިބިފައިނުވާނަމަ، އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ އިންވެސްޓިގޭޓަރެއް އައްޔަނުކުރުން މުހިންމު ކަމަށް ދީދީ ދެކިވަޑައިގަންނަވައެވެ.

ދީދީ އެފަދައިން ވިދާޅުވިއިރު، މި މައްސަލައިގައި އިއްޔެ އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

https://sun.mv/221299

އެއާއެކު، ފިޔާޒާއި ހަސަން ވެސް ވަނީ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. އަދި ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ފިޔާޒަށް ކުރިއިރު ހަސަންއަށް ވަނީ ޖިނާއީ ތިން ކުށެއް ކުރި ކަމުގެ ތުހުމަތު ކޮށްފައެވެ.

comment ކޮމެންޓް