އޭއައި އިން ހެދި، ދެކުނު އެފްރިކާގެ އޭއައި ޕޮލިސީގައި ސައްހަ ނޫން މައުލޫމާތު

ދެކުނު އެފްރިކާގެ ކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް ޓެކްނޮލޮޖީސް މިނިސްޓަރު ސޮލީ މަލާޓްސީ ވާހަކަ ދައްކަވަނީ --- ފޮޓޯ: އޭއެފްޕީ

ދެކުނު އެފްރިކާގެ ގައުމީ އާޓިފިޝަލް އިންޓެލިޖެންސް ސިޔާސަތުގެ ދެލިކޮޕީއެއްގައި އޭއައި މެދުވެރިކޮށް އުފައްދާފައިވާ ހަގީގަތެއް ނެތް ފޭކު ރިފަރެންސްތަކެއް ހިމަނާފައިވާކަން ހާމަވުމާ ގުޅިގެން އެ ގައުމުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ވަނީ އެ ދެލިކޮޕީ ބާތިލުކުރައްވާފައެވެ. މިއީ އޭއައި ބޭނުންކުރުމުގައި އިންސާނުންގެ ބެލެހެއްޓުމާއި ތެދު ދޮގު ކަށަވަރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމެކެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ މި މައްސަލަތައް އިސްލާހުކުރުމަށްފަހު އާ ދެލިކޮޕީއެއް އާންމުންގެ ހިޔާލަށް ހުޅުވާލުމަށެވެ.

  • ދެކުނު އެފްރިކާގެ އޭއައި ސިޔާސަތުގެ ދެލިކޮޕީގައި ހިމެނޭ 67 ރިފަރެންސްގެ ތެރެއިން 6 ރިފަރެންސަކީ ފޭކު އެއްޗެއްކަން ވަނީ ހާމަވެފައި
  • ކޮމިއުނިކޭޝަންސް މިނިސްޓަރު ސޮލީ މަލަޓްސީ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ސިޔާސަތުގެ އިތުބާރަށް ވަނީ އުނިކަން އައިސްފައި
  • މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރީ ދެކުނު އެފްރިކާގެ ނޫހަކުން ކުރި ތަހުގީގަކުން
  • އޭއައި މޮޑެލްތަކުން ހަގީގަތް ބެލުމުގެ ބަދަލުގައި ލަފުޒު އަންދާޒާކުރާތީ މިފަދަ ދޮގު މައުލޫމާތު އުފެދޭކަން ފާހަގަކުރެވިފައި

ދެކުނު އެފްރިކާގެ ގައުމީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިޔާސަތުގެ ދެލިކޮޕީގައި ހިމެނޭ ބައެއް މައުލޫމާތުތަކަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ހަގީގަތާ ހިލާފު މައުލޫމާތުތަކެއްކަން ހާމަވުމާ ގުޅިގެން، އެ ގައުމުގެ ސަރުކާރުން އެ ސިޔާސަތު ބާތިލުކޮށްފިއެވެ.

އެ ގައުމުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ސޮލީ މަލަޓްސީ މި ދެލިކޮޕީ އަނބުރާ ފޮނުވާލައިފައިވަނީ، އޭގައި ހިމެނޭ 67 އެކަޑެމިކް ރިފަރެންސްގެ ތެރެއިން ހަ ރިފަރެންސަކީ އޭއައި އިން އަމިއްލައަށް އުފައްދާފައިވާ "ހެލޫސިނޭޝަން" ނުވަތަ ވުޖޫދުގައި ނެތް މައުލޫމާތުކަން ފާހަގަވުމުންނެވެ.

މި ރިފަރެންސްތަކުގައި ބަޔާންކޮށްފައިވާ ޖާނަލްތަކަކީ އަސްލު ޖާނަލްތަކެއް ނަމަވެސް، އެ ޖާނަލްތަކުގައި ޝާއިއުކޮށްފައިވާ ކަމަށް ބުނާ ލިޔުންތަކަކީ ފޭކު ލިޔުންތަކެކެވެ.

މިނިސްޓަރު މަލަޓްސީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ހަމައެކަނި ފަންނީ މައްސަލައެއް ނޫން ކަމަށާއި، މީގެ ސަބަބުން މުޅި ސިޔާސަތުގެ އިތުބާރާއި އަބުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށެވެ. މި ފެއިލިއާއިން ހާމަވަނީ އޭއައި ބޭނުންކުރުމުގައި އިންސާނުންގެ ބެލެހެއްޓުމާއި ވެރިފިކޭޝަންގެ މުހިންމުކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ ފުރަތަމަ ފާހަގަކުރީ ދެކުނު އެފްރިކާގެ 'ނިއުސް24' ނޫހުންނެވެ. އެ ނޫހުން ކުރި ތަހުގީގުގައި 'ސައުތު އެފްރިކަން ޖާނަލް އޮފް ފިލޯސަފީ' ފަދަ މަޝްހޫރު ޖާނަލްތަކުގެ އެޑިޓަރުން ވަނީ އެ ރިފަރެންސްތަކަކީ ފޭކު އެއްޗެއްކަން ކަށަވަރުކޮށްދީފައެވެ.

މި ދެލިކޮޕީއަކީ ދެކުނު އެފްރިކާއަކީ އޭއައިގެ ދާއިރާއިން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށާއި، އޭއައި ރެގިއުލޭޓް ކުރާނެ ގައުމީ އިދާރާތަކާއި އެތިކްސް ބޯޑުތައް އުފެއްދުމަށް އެކުލަވާލި މުހިންމު ލިޔުމެކެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ މި ލިޔުން އިސްލާހުކުރުމަށްފަހު އަލުން އާންމުންގެ ހިޔާލަށް ހުޅުވާލުމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ޝާއިއުކުރި އެކަޑެމިކް ކަރުދާސްތަކުގެ 2.5 އިންސައްތައިގައި އޭއައި އިން އުފައްދާފައިވާ މިފަދަ ދޮގު މައުލޫމާތު ހިމެނެއެވެ. މީގެ މައިގަނޑު ސަބަބަކީ ޗެޓްޖީޕީޓީ އަދި ޖެމިނައި ފަދަ ލާޖް ލޭންގުއޭޖް މޮޑެލްތަކަކީ ހަގީގަތް ބެލުމުގެ ބަދަލުގައި، ޖުމްލައެއްގައި ދެން އަންނަން އެންމެ އެކަށީގެންވާ ލަފުޒު އަމިއްލައަށް އަންދާޒާކޮށްގެން ލިޔާ މޮޑެލްތަކަކަށް ވުމެވެ. މީގެ ސަބަބުން ބައެއް ފަހަރު ވަރަށް އިތުބާރު ހުރި ގޮތަކަށް ފެންނަ، އެކަމަކު އެއްވެސް ހަގީގަތެއް ނެތް މައުލޫމާތު އޭއައި އިން އުފައްދައެވެ.

comment ކޮމެންޓް