މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިދިޔަ އަހަރުން ފެށިގެން ސިޔާސީ މުވައްޒަފުންގެ މުސާރަ 10 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރުނުކުރައްވާނެ ކަމަށް ވިދާޅުވެ ނަމަވެސް، އެ އަދަދު އެތައް ހާހަކަށް އަރައިފައިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުން، ރައީސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަން ފައްޓަވައިފައެވެ. އޭގެ ތެރޭގައި ކެބިނެޓް ބަދަލުކުރައްވައި، ކުޑަ ކުރެއްވުން ހިމެނެއެވެ.
އޭގެ އިތުރުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރައީސް ވަނީ، އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ވަކިކުރާނެ މުވައްޒަފުންގެ އަދަދެއް އެ މަނިކުފާނު ހާމަނުކުރައްވައެވެ.
ރައީސް އެހެން ވިދާޅުވުމުގެ ކުރިން، ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުންގެ އަަދަދު މަދުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ކުންފުނިތައް ބަލަހައްޓާ ޕީސީބީން ވަރަށް ގާތުން އެ މަސައްކަތް ބަލަމުން އަންނަ ކަމަށެވެ.

ސިޔާސީ ހަރަކާތެއްގައި ރައީސް މުއިއްޒު: ސިޔާސީ މުވައްޒަފުން މަދުކުރާނެ ކަމަށް ވިދާޅުވި ---- ސަން ފޮޓޯ/ މޫސާ ނަދީމް
އެއަށްފަހު ސިޔާސީ މުވައްޒަފުންނަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، އެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓަނީ ރައީސް އޮފީހުން ކަމަށާއި އެ މުވައްޒަފުންނަށް ޚަރަދުކުރަނީ ސަރުކާރުގެ ޖުމްލަ ޚަރަދުގެ 0.9 ޕަސެންޓް ކަމަށެވެ.
"އެއް ޕަސެންޓަށްވުރެ ދަށް އަދަދެއް އެއީ ބަޖެޓުގައި އެކްސްޕެންސް ތެރެއިން ޕޮލިޓިކަލް ސްޓާފުންނަށް މި ޚަރަދުކުރަނީ. މުޅި ދައުލަތުގެ މަންތުލީ ވޭޖް ބިލަށް ބަލައިފި ކަމަށް ވެއްޖެއްޔާ ޕޭރޯލްއަށް ބަލައިފި ކަމަށް ވެއްޖެއްޔާ އެއީ ގާތްގަނޑަކަށް 3.9 ޕަސެންޓާ އެއްވަރުގެ އަދަދެއް،" ޒަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަކުރުން ނުވަތަ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނުވާނެ ކަމަށެވެ.
އިން ފެކްޓް އަޅުގަނޑަށް ހީވަނީ ޖެނުއަރީ 2025އިން ފެށިގެން އޮންނާނީ 10 ޕަސެންޓް ދަށްކޮށްފައި އޭރު ދެމުން އައި ސެލެރީއަށް ވުރެ އެހެންވީމަ އިތުރުވަމުންނެއް ނުދާނެކަން އެ ޔަގީންކަން އެބައޮތް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ޒަމީރު ވިދާޅުވީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ނަމަވެސް އެކަމުގެ ތަފުސީލެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. އެ ތަފުސީލު ލިބޭ މިންވަރަކުން ހާމަކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަށް މުވައްޒަފުން ނަގަން ވާނީ އިއުލާނުކޮށްގެން ކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން އައްޔަންކުރާ މީހަކު މީގެ ފަހުން އެއްވެސް ކުންފުންޏެއްގައި ހުރެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ކުރިން ވެސް އޮންނަ ގޮތަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓްރީތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރެއްވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންވިޔަސް އެކަން ކުރައްވާނީ ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި އެކަނި، ތައުލީމާއި ތަޖުރިބާއަށް ބައްލަވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް ހާމަނުކުރުމަކީ ޝަރީއަތާ ހިސާބަށް ވެސް ގޮސްފައިވާ މައްސަލައެކެވެ.
އެ މައްސަލައިގައި، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުގެ ތަފުސީލު ހޯދުމަށް އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ފިނޭންސް މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ އައިކް އަހުމަދު އީސާ އެ މިނިސްޓްރީއަށް މިދިޔަ އަހަރު ސުވާލު ހުށަހެޅުއްވިއެވެ.
އެ ސުވާލުތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ވަނީ، މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި ޚަރަދު ބަލަހައްޓާނީ އެ މިނިސްޓްރީއަކުން ނުވަތަ އިރާދާއަކުން ކަމަށެވެ. އެއަށްފަހު އިންފޮމޭޝަން ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ވެސް މިނިސްޓްރީން ވަނީ، ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު އެކުއެކީ މިނިސްޓްރީން ލިބެން ނުހުންނާނެ ކަމަށެވެ.