ފީއަލީގައި ފުރާޅު ސާފުކުރަން އުޅުނު ދެބެއިން ކަރަންޓުގައި ޖެހި، ފަރުވާ ދެނީ

ފީއަލީގައި ފުރާޅު ސާފުކުރަން އުޅުނު ދެބެއިން މިއަދު ނިލަންދުއަށް ގެންދަނީ: އެކަކުގެ ބޯ ވަނީ ފަޅައިގެން ގޮސްފައި -- ފޮޓޯ/ ފީއަލި.ކޮމް

ފ. ފީއަލީގައި މިއަދު މެންދުރު ވާރޭފެން ނެގުމަށް ފުރާޅު ސާފުކުރަން އެރި އެއްބަނޑު އެއްބަފާ ދެބެއިން، ހޮޅިދަނޑިއަކުން ތިރިއަށް ފައިބަނިކޮށް ކަރަންޓުގައި ޖެހި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އުމުރުން 27 އަހަރާއި 23 އަހަރުގެ މި ދެ ޒުވާނުން ވެއްޓި، އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަނެކަކުގެ ކަނދުރާއަށް ވަނީ އަނިޔާވެފައެވެ. ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް ފ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

  • ފީއަލީގައި ވާރޭފެން ނަގަން ފުރާޅު ސާފުކުރަން އެރި ދެބެއިން ކަރަންޓުގައި ޖެހިއްޖެ
  • އަނިޔާވެފައިވަނީ އުމުރުން 27 އަހަރާއި 23 އަހަރުގެ ދެ ޒުވާނުންނަށް
  • ވެއްޓުމުގެ ސަބަބުން އެކަކުގެ ބޯ ފަޅައިގެންގޮސް، އަނެކަކުގެ ކަނދުރާއަށް ގެއްލުންވި
  • ފީއަލީގައި ފަރުވާ ދިނުމަށްފަހު ފ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި
  • މި ހާދިސާ ދިވެހި ފުލުހުން ދަނީ ތަހުގީގު ކުރަމުން

ފ. ފީއަލީގައި ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއިން މިއަދު ކަރަންޓުގައި ޖެހި، ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން 'ސަން'އާ ހިއްސާކުރި މެސެޖެއްގައި ވަނީ، 12:50ހާއިރު ފީއަލީ ގެއެއްގެ ފުރާޅު ސާފުކުރުމަށް އެރި ދެ މީހަކު ހޮޅިދަނޑިއަކުން ތިރިއަށް ފައިބަނިކޮށް ކަރަންޓުގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަނިޔާވެފައި ވަނީ 27 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ.

މީގެ އިތުރުން، އެ މީހުންނަށް ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް 14:50ހާއިރު ފ. އަތޮޅު ހޮސްޕިޓަލު ހުންނަ ނިލަންދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ކަރަންޓުގައި ޖެހުނީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. އެ މީހުން ފުރާޅު ސާފުކުރަން އެރީ، ވިއްސާރަވުމުން ތާންގީއަށް ފެން ނަގަން ކަމަށް އެ މީހާ ކިޔައިދިނެވެ. އަދި ކަރަންޓުގައި ޖެހިގެން ވެއްޓުނު ގަޑީގައި ދެ މީހުންނަށް އަނިޔާވެސްވި ކަމަށް އެ މީހާ ބުންޏެވެ.

އެގޮތުން، އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އަނެކަކުގެ ކަނދުރާއަށް ގެއްލުން ލިބުނު ކަމަށް ފީއަލިން މައުލޫމާތު ދިން މީހާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް