ސްރީލަންކާގެ ކޮލަމްބޯ ސަބާބަން ރޭލްވޭ ޕްރޮޖެކްޓުގެ ދަށުން، އަންނަ އަހަރުގެ ކުރީކޮޅު ކަރަންޓު ރޭލުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން އެ ޤައުމުގެ ޓްރާންސްޕޯޓް އެންޑް ހައިވޭސްގެ ޑެޕިއުޓީ މިނިސްޓަރު ޕްރަސަންނަ ގުނަސޭނަ ހާމަކުރައްވައިފިއެވެ.
އޭނާ މިކަން ހާމަކުރެއްވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުންނާއެކު އަންގާރަ ދުވަހު ބޭއްވެވި ޚާއްޞަ ބައްދަލުވުމަކަށް ފަހުގައެވެ.
ލަންކާގެ ނޫސްތައް ބުނާގޮތުން މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކޮލަމްބޯގެ ރަށްބޭރު ސަރަޙައްދުތަކުގެ ރޭލުގެ ޚިދުމަތަށް އައު ބަދަލުތަކެއް ގެނެސް، މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތަކާ މެދު މަޝްވަރާކުރެއްވުމެވެ.
ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ސްރީލަންކާގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ: --
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަރަންޓު ރޭލުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ރާސްތާއެއްގައެވެ. އެއީ މަރަދާނައިން ފެށިގެން މަކުމްބުރާއާ ހަމައަށް ދަތުރުކުރާ ކެލާނީ ވެލީ ލައިނާއި، ކޮލަމްބޯ ފޯޓުން ފެށިގެން ރާގަމާއަށް ދަތުރުކުރާ މެއިން ލައިނުގެ އިތުރުން، ކޮލަމްބޯ ފޯޓުން ފެށިގެން ޕާނަދުރާއަށް ދަތުރުކުރާ ކޯސްޓަލް ލައިނެވެ.
ޑެޕިއުޓީ މިނިސްޓަރު ޕްރަސަންނަ ގުނަސޭނަ ވިދާޅުވި ގޮތުގައި، އަލަށް ތަޢާރަފުކުރާ ކަރަންޓު ރޭލުތައް ދަތުރުކުރާނީ މިހާރުވެސް ދެމުންގެންދާ ރޭލުގެ ޚިދުމަތްތަކާ އެއްވަގުތެއްގައި، އެ ޚިދުމަތްތަކަށް ބުރޫނާރާނެ ފަދަ ގޮތަކަށެވެ. މީގެ އިތުރުން، މިހާރު ސްރީލަންކާގައި ބޭނުންކުރަމުންދާ 1،676 މިލިމީޓަރުގެ ފުޅާމިން ހުންނަ ބްރޯޑް ގޭޖު ރޭލު ދަގަނޑުތަކުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ސްޓޭންޑަޑް ގޭޖަށް ރޭލު ދަގަނޑުތައް ބަދަލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. މިއީ 1864 ވަނަ އަހަރުން ފެށިގެން އިނގިރޭސިން ޤާއިމުކޮށްފައިވާ ރޭލު ވިއުގަ ޒަމާނީކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ސްޓޭންޑަޑް ގޭޖަށް ބަދަލުކުރުމުން، ދުވެލި ހަލުވި އަދި ޒަމާނީ ރޭލުތައް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ސްރީލަންކާގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި އަދި ރައްކާތެރި ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.
އިއްޔެ ލަންކާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި ބައްދަލުވުމުގައި، މި މަޝްރޫޢަށް ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖައްސާނެ ގޮތްތަކާއި، މަޝްރޫޢު ތަންފީޒުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. ކޮލަމްބޯ ސަބާބަން ރޭލްވޭ ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ރޭވިފައިވާ ބޮޑު މަޝްރޫޢެކެވެ.
ލަންކާގެ ރައީސް ދިސާނަޔަކަ ވަނީ ރޭލު ވިއުގައިގެ ވަށައިގެން މަލްޓި-މޯޑަލް ޓްރާންސްޕޯޓް ހަބްތަކެއް ޤާއިމުކޮށް، ބަހުގެ ޚިދުމަތް ފަދަ އެހެނިހެން ދަތުރުފަތުރުގެ ވަސީލަތްތަކާ ގުޅާލުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ސްރީލަންކާގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަ މި ދަނޑިވަޅުގައި، މިފަދަ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަކީ ޤައުމުގެ އިޤްތިޞާދަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއްކަމަށް އޮފިޝަލުން ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މިއީ ސްރީލަންކާގެ ރޭލު ދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތައް ޒަމާނީކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.