ސްނެޕްޗެޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުންނާ ވާހަކަދެއްކޭނެ އާ އިޝްތިހާރުގެ ފޯމެޓެއް ތައާރަފުކުރަން ނިންމައިފިއެވެ.
ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް ބްރޭންޑްތަކުގެ އޭއައި އެޖެންޓުންނާ ސީދާ ވާހަކަދެއްކޭ ގޮތަށް "އޭއައި ސްޕޮންސާޑް ސްނެޕްސް" ނަމުގައި އާ ޚިދުމަތެއް ތައާރަފުކުރަން ނިންމާފައިވާކަން އެ ކުންފުނިން ހާމަކުރީ އަންގާރަ ދުވަހުއެވެ.
މިއީ އެ އެޕްލިކޭޝަންގެ މައި "ޗެޓް ޓެބް" ގައި ފެންނަ އިޝްތިހާރުތަކަށް ގެނައި ބޮޑު ބަދަލެކެވެ.
މި އާ ފީޗާގެ ސަބަބުން، ޔޫޒަރުންނަށް އިޝްތިހާރުކުރާ ފަރާތްތަކާ މުއާމަލާތްކޮށް، އެކި އުފެއްދުންތަކާ ބެހޭގޮތުން ސުވާލުކުރުމާއި، ބޭނުންވާ ކަންކަމާ ގުޅޭގޮތުން ލަފާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސްނެޕްޗެޓުން ބުނާ ގޮތުގައި، އެ އެޕްގެ ޔޫޒަރުން މިހާރުވެސް އަންނަނީ އޭއައިގެ ވަސީލަތްތައް ވަރަށް ބޮޑަށް ބޭނުންކުރަމުންނެވެ. އެގޮތުން 2023 ވަނަ އަހަރު "މައި އޭއައި" ޗެޓްބޮޓް ތައާރަފުކުރި ފަހުން، ބިލިއަނަކަށްވުރެ ގިނަ ޔޫޒަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެ ބޭނުންކޮށްފައިވާކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ސްނެޕްގެ ޗީފް ބިޒްނަސް އޮފިސަރު އަޖިތު މޯހަން ވިދާޅުވި ގޮތުގައި، އިޝްތިހާރުގެ ދާއިރާގައި އެންމެ އަގުބޮޑު އަދި މުހިންމު ތަނަކަށް މިހާރު ވެފައިވަނީ "ކޮންވަޒޭޝަން" ނުވަތަ ވާހަކަދެއްކުމެވެ. އޭއައިގެ ސަބަބުން އުފެއްދުންތައް ހޯދުމާއި، ގޮތް ނިންމުމަށް ޗެޓް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ސްނެޕްޗެޓް މެދުވެރިކޮށް 950 ބިލިއަން ޗެޓް މެސެޖު ވަނީ ފޮނުވާފައެވެ. އަދި 85 އިންސައްތަ ޔޫޒަރުން ގަވާއިދުން ޗެޓް ފީޑް ބޭނުންކުރާއިރު، މީގެ ތެރޭގައި ގިނައީ ޓީންއޭޖް ކުދިންނެވެ.
މި އާ ބަދަލާއެކު، ބްރޭންޑްތަކަށް އެމީހުންގެ އަމިއްލަ އޭއައި އެޖެންޓުން ސްނެޕްޗެޓަށް ގެނެސް، ކަސްޓަމަރުންނާ ގާތް ގުޅުމެއް ބޭއްވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މިއީ އިޝްތިހާރު ކުރާ ފަރާތްތަކަށް ކުޑަ ޚަރަދަކުން ގިނަ ކަސްޓަމަރުންނާ ހަމައަށް ވާސިލްވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ސްނެޕްޗެޓުން ދެކެއެވެ.