އިޤުރާރުވީމޭ ލޯބިން - 27

އިޤުރާރުވީމޭ ލޯބިން -

މި ވާހަކައިގައި ބަޔާންކޮށްފައިވަނީ އީލާފް އަދި ޒަހްރާން އެކުގައި އައިރާގެ ގާތަށް މާފަށް އެދުމަށްޓަކައި ދާ ހިތްދަތި އަދި ޖަޒުބާތީ ހާދިސާތަކެކެވެ. އައިރާއަށް ހަދިޔާއެއްގެ ގޮތުން މާބޮނޑިއަކާއި މޭވާ ގެންގޮސްދިނުމުން އައިރާ ނުހަނު އުފާވެ، އީލާފަށް މާފުކުރެއެވެ. ނަމަވެސް، މި އުފާވެރިކަން ގެއްލިގެންދަނީ އައިރާގެ ފިރިމީހާ ރިހާމް ގެއަށް އައިސް، އޭނާއަށް ފެންނަ މަންޒަރުން ނުބައި މާނައެއް ނަގައި، އައިރާއަށް ބޮޑެތި ތުހުމަތުތަކެއް ކުރުމުންނެވެ. ރިހާމް ވަރަށް ހުތުރުކޮށް އައިރާއާ ދިމާއަށް އެއްޗެހިކިޔައި، މާބޮނޑި ހަލާކުކޮށްލުމަށްފަހު، އަނިޔާވެރިވުމަށް މަސައްކަތްކުރެއެވެ. މިކަމުގެ ސަބަބުން އައިރާއާއި ޒަހްރާންގެ ފަރާތުން ރިހާމަށް ރައްދު ހަމަލާތަކެއް ދިނުމާއެކު، އެންމެފަހުން ރިހާމް އައިރާ ވަރިކުރާ މަންޒަރު މި ބައިން ފެނިގެންދެއެވެ.

  • އީލާފް އޭނާގެ ކުށް ގަބޫލުކޮށް އައިރާގެ ކިބައިން މާފަށް އެދުމަށް ޒަހްރާނާއެކު ދިއުން
  • އައިރާއަށް މަލާއި މޭވާ ހަދިޔާކުރުމުން އޭނާ އުފަލާއެކު އީލާފަށް މާފުކުރުން
  • ރިހާމް ގެއަށް އައިސް ކަންކަން ގޯސްކޮށް ނަގައިގަނެ އައިރާއަށް ބޭވަފާތެރިކަމުގެ ތުހުމަތުކުރުން
  • ރިހާމްގެ އަނިޔާވެރިކަމުން އައިރާ ސަލާމަތްކުރުމަށް ޒަހްރާން މަސައްކަތްކުރުމާއި ދެބަސްވުން ބޮޑުވުން
  • މައްސަލަ ގޯސްވެ، ރިހާމް ރުޅިއައިސްގެން އައިރާ ވަރިކުރުން

ޝާފިޔާ ދާނިޔާގެ އަތުގައި ހިފައްޓާލާފައި އެއަތަށް މަޑުމަޑުން ފިތައިލަމުން ބޯ ޖަހައިލީ އޭނަ އެބުނި އެއްޗަކާ ދޭތެރޭ ވިސްނާށޭ ބުނާ ބީދައިންނެވެ.

*****

"އައި ފީލް ސޯ ގިލްޓީ ކުޑަބޭ..." އީލާފްގެ އަޑުގައިވަނީ މާޔޫސްކަމެވެ. ސޯފާއަށް ދެފައި އަރުވާލައިގެން އިނދެފައި އޭނަ ވާހަކަ ދައްކަމުން ޒަހްރާނަށް ބަލައިލިއެވެ. ހަޤީޤަތުގައި އައިރާގެ ގާތުން މާފަށް އެދެން އޭނަ ވަނީ ނުހަނު ބޭނުންވެފައެވެ. ހަޤީޤަތް ނުބަލާ ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމުގައި މިއަދު އޭނައަށް ވިސްނިއްޖެއެވެ.

"ދެން އައިރާ ކައިރީގަ ސޮރީ ބުނެބަ." ޒަހްރާން ބުނެލިއެވެ.

"މިއަދު ފެނުނީމަވެސް ވާހަކަ ދައްކާކަށް ނުކެރުނު، އީލުއަށް ހީވަނީ އައިރާ ހުރީ އީލު ދެކެ ރުޅިއައިސްފަހެން." އީލާފް އިނީ ހަޤީޤަތުގައިވެސް ދެރަވެފައެވެ. "އައިރާ އީލުއަށް މާފެއް ނުވެސް ކުރާނެ ކަންނޭނގެ."

"ސޮރީ ބުނީމައެއްނު އެނގޭނީ. ނުބުނެ ހުއްޓަސް ކަމެއް ރަނގަޅެއް ނުވާނެ. ކުޑަބެއަށް ޔަޤީން އައިރާ އީލުއަށް މާފުކުރާނެކަން." ޒަހްރާންގެ އަޑުގައި ވަނީ ޔަޤީންކަމެކެވެ.

"ދެން ހަމަ ދާންވީތަ؟" އީލާފް ސުވާލުކޮށްލުމާއެކު، ޒަހްރާން ބޯ ޖަހައިލިއެވެ. އީލާފް ހިނިތުންވެލާފައި ގެއިން ނުކުންނަން ވެގެން ހިނގައިގަނެފައިވެސް މަޑުޖެހިލިއެވެ.

"އައި ތިންކް އައި ޝުޑް އެޕޮލޮޖައިސް ޓު ހާ ޕްރޮޕަރލީ... ދޯ..." އީލާފް ވިސްނައިލިއެވެ.

އީލާފް އޭނައަށް ބަލައިލުމާއެކު، ޒަހްރާން ބުމަ އަރުވައިލީ ކިހިނަކުންހޭ އަހާފަދަ ގޮތަކަށެވެ. އެއާއެކު އީލާފް އޭނަގެ ޚިޔާލު ޒަހްރާނާ ހިއްސާކޮށްލިއެވެ. އީލާފް ދިން ޚިޔާލު ޒަހްރާނަށް ކަމުދިޔަކަން ރަމްޒުކޮށްދިނީ އޭނަގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމުންނެވެ.

"ކުޑަބެ ދާނަން ދޯ އީލު އާ އެކީ..." އީލާފް ސުވާލުކޮށްލުމާއެކު، މިފަހަރުވެސް ޒަހްރާން ބޯ ޖަހައިލިއެވެ.

ދެމީހުން އެކުގައި ތިރިއަށް ގޮސް، ކާރުގައި މިސްރާބުޖެހީ ހުޅުމާލޭގައި ހުންނަ މާ ވިއްކާ ފިހާރައެއް ކައިރިއަށެވެ. ޒަހްރާން ކާރު މަޑުކޮށްލުމާއެކު، އީލާފް ފައިބައިގެން ގޮސް ފިހާރައަށް ވަނެވެ. އަދި ޒަހްރާން އަންނަންދެން މަޑުކުރުމެއްނެތި އީލާފް އޭނައަށް ކަމުދާކަހަލަ މާތައް ނަގަން ފެށިއެވެ. ނުލާއި ހުދުކުލައިގެ އިތުރުން ދަނބުކުލައިގެ ތަފާތު މީރުވަސް ދުވާ އެކިކަހަލަ މާތައް އޭނަ ނެގިއެވެ. ކާރު ޕާކުކޮށްލާފައި ޒަހްރާން އައިސް ވަނުމާއެކު އީލާފް އޭނަ ނެގި މާތައް އަޅާފައިވާ ވަށިގަނޑު ޒަހްރާނަށް ދައްކައިލިއެވެ. ލިލީއާއި، ނުލާއި ހުދުކުލައިގެ ފިރިފެންމަލުގެ އިތުރުން، ހުދާ ނޫކުލައިގެ "ބޭބީ ބްރެތް" ތައްވެސް ހުއްޓެވެ. އޭނަ އެ ހިފައިގެން ގެންގޮސް މާ ބޮނޑި ތައްޔާރުކޮށްލުމަށްޓަކައި ކައުންޓަރުގައި ވަށިގަނޑު ބެހެއްޓިއެވެ. އެތަނުގައި ހުރި ޒުވާނާ އީލާފްއަށް "ފްލޮރިސްޓް ޕޭޕާސް"ތައް ދައްކާލުމަށްފަހު، އެތަނުން ކަމުދާ އެއްޗެއް ނެގުމަށް ބުނެލިއެވެ. އީލާފްއަށް ނަގާނެ ވަކި އެއްޗެއް ނޭނގުމާއެކު، އޭނަ އެހީތެރިކަން ހޯދީ ޒަހްރާންގެ ކިބައިންނެވެ. ޒަހްރާން ލުއިކޮށް ހީނލުމަށްފަހު އޭނައަށް ކަމުދާ އެއްޗެހި ދައްކައިލިއެވެ.

މާބޮނޑި ތައްޔާރުކޮށްލުމާއެކު، އެހިފައިގެން ފިހާރައިން ނުކުމެފައި އީލާފް އޭގެން ވަސްބަލައިލުމާއެކު، ދުވި ހިތްގައުމު މީރުވަހުގެ ސަބަބުން އޭނައަށް ދެލޯ މަރައިލެވުނެވެ.

"ލޯބި ދޯ..." ކުރެވުނު މަސައްކަތާ މެދު، އޭނަ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ޒަހްރާންވެސް ހިނިތުންވެލިއެވެ. ކާރަށް އެރުމުގެ ކުރިން އެތަނާ ޖެހިގެން ހުރި މޭވާއާއި ތަރުކާރީ ވިއްކާ ފިހާރައަކަށް ދެމީހުން ވަނެވެ. އައިރާއަށް ދިނުމަށްޓަކާ ތަފާތު ވައްތަރުގެ މޭވާ އެމީހުން ގަތެވެ. މާބަނޑުއިރު މީހުންނަށް ރަނގަޅުހެން ހީވާ ކަހަލަ މޭވާ އީލާފް ހޯދީ "ގޫގަލް"ގެ އެހީގައެވެ. އެހުރިހާ އެއްޗެއް ހިފައިގެން ގޮސް ކާރުގެ ފަހަތު ސީޓުގައި ބަހައްޓާފައި ދެމީހުންވެސް ކާރަށް އަރާ އިށީނެވެ.

ޒަހްރާން ކާރު ދުއްވައިލިއެވެ. އޭނަގެ ތުންފަތް މަތީގައި ކުޅެވެމުންދިޔައީ އުފާވެރި ހިނިތުންވުމެކެވެ. ހަޤީޤަތުގައި އެހުރިހާކަމަކުން އީލާފްއަށް ވުރެވެސް ބޮޑު އުފާވެރިކަމެއް ލިބިފައިވަނީ އޭނައަށެވެ. އައިރާއަށްޓަކައި ކިތަންމެ ކުޑަކަމެއް ކޮށްދެވުނު ނަމަވެސް، އޭނަގެ ހިތަށް ބުނެދޭން ނޭނގޭ ފިނިކަމެއް ލިބެއެވެ. އުފާވެފައި އިންވަރުން ކަންނޭނގެއެވެ. އައިރާއަކީ މީހެއްގެ އަނތްބެއްކަން ހަނދާންކުރަން ވެސް ޒަހްރާން ބޭނުންނުވާ ފަދައެވެ. އެ ވަގުތުގެ އުފާވެރިކަމަށް އެއްވެސް ކަމަކުން ހުރަސް އެޅިގެންދާން އޭނަގެ ޒަމީރު ދެކޮޅުހަދަމުން ދިޔައީތީއެވެ. އެހެންނަމަވެސް ހަޤީޤަތަކީ ކުރިމަތިލާން މަޖުބޫރު އެއްޗެކެވެ. ކިތަންމެ ދުރަށް ދުވި ނަމަވެސް އާޚިރުގައި އައިސް ހުއްޓެން މަޖުބޫރުވަނީ، އޭގެ ކުރިމައްޗަށެވެ. ހިނިތުންވުން ފަނޑުގެ ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުވަނީ އެހާ ހިސާބުންނެވެ. ޒަހްރާނަށްވެސް ވީ އެފަދަ ގޮތެކެވެ. ކާރު ޕާކުކޮށްލާފައި ގޮސް، ލިފްޓުން މައްޗަށް އެރުމާއެކު، ހުރިހާކަމެއްގެ މަތީން ހަނދާންވެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ. އޭނަ އުޅުނީ އީލާފް އަތަށް ހުރިހާ އެއްޗެހި ދީފައި ދާން ނަމަވެސް، މޭވާކޮތަޅު ބަރުކަމުން އޭނައަށް އެ ނުހިފޭނެކަމަށް އީލާފް ބުނެލިއެވެ. އެންމެފަހުން އައިރާ ދޮރު ހުޅުވަންދެން ޒަހްރާނަށް ޖެހުނީ މަޑުކުރާށެވެ.

އީލާފް ބެލް ޖަހައިލިތާ ގިނައިރެއްނުވެ އައިރާ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ތިބި ޒަހްރާނާ އީލާފްއަށް ބަލައިލި އައިރާއަށް، އީލާފް އަތުގައި އޮތް ބޮޑު މާބޮނޑި ލޮލުގައި އަޅައިގަތެވެ. އޭނަގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވީ ދެނެވެ.

"ދިސް އިޒް ފޯ ޔޫ..." އީލާފް އޭނަގެ އަތުގައި އޮތް މާބޮނޑި ދިއްކޮށްލަމުން، ހިނިތުންވެލާފައި ބުނެލިއެވެ. އައިރާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިނަމަވެސް، އޭނަގެ މޫނުމަތީގައި އަދިވެސް ވަނީ ހައިރާންކަމެކެވެ. އައިރާއަށް އޭގައި ހިފަންވެސް ނޭނގިފައި ހުރެވުނީއެވެ. އެއާއެކު އީލާފް ދެވަނަ ފަހަރަށްވެސް މާބޮނޑިއަށް ލޮލުން އިޝާރާތްކޮށްލާފައި އެއީ އައިރާއަށް ގެނައި އެއްޗެއްކަމުގައި ބުނެލިއެވެ.

"އަހަން.. އަހަންނަށް؟... ތެން...ތެންކިއު..." އެއީ ބޮޑު މާބޮނޑިއެކެވެ. އޭގައި ހިފުމާއެކު، މާތަކުގެ ލުއިލުއި މީރުވަސް އައިރާގެ ނޭފަތާ ހަމައަށް ފޯރިއެވެ. މަޑުމަޑުން އެތެރެއަށް ނޭފަތް ދަމައިލެވުނީ އެ ވަހުގެ ސަބަބުން އޭނަގެ އެތެރެ ހައްޓަށް ލިބިގެން ދިޔަ ރާހަތެއްގެ ސަބަބުންނެވެ. ތާޒާކަމާ އުފާވެރިކަމެއް އޭނައަށް އިޙްސާސްވެގެން ދިޔައެވެ. ހިތްހަމަޖެހުންވެސް މެއެވެ.

"އައެމް ސޮރީ އައިރާ... ވަރަށް ވަރަށް ބޮޑަށް ސޮރީ..." އީލާފް ހުރީ ކުރެވުނު ކަންތަކާ މެދު ދެރަވެ ލަދުގަނެފައެވެ. އޭނަ އެހެން ބުނެލިއިރު، އައިރާއާ ނަޒަރު ވަކިކޮށްލީވެސް އެހެންވެގެންނެވެ. އައިރާއަށް ބޭއިޚްތިޔާރުގައި ޒަހްރާނަށް އަވަސް ނަޒަރެއް ދެވުނެވެ. ޒަހްރާން ބޯ ޖަހައިލަމުން ލުއިކޮށް ހިނިތުންވެލުމާއެކު، އައިރާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައީ ޖަޒުބާތީވީ ވަރުންނެވެ. އޭނަގެ އެކުވެރިޔާ އަލުން ލިބިއްޖެކަމުގެ އިޙްސާސް އައިރާއަށް ކުރެވިގެން ދިޔައެވެ.

"އައެމް ސޯ ސޮރީ... ޕްލީޒް ފޮގިވް މީ..." އީލާފް އަނެއްކާވެސް ބުނެލިއެވެ.

"އިޓްސް އޯކޭއޭ..." އައިރާ ބުނެލިއެވެ. އޭނަ އަތުގައި އޮތް މާބޮނޑިއަށް ބަލައިލިއެވެ.

"އެންޑް ކޮންގްރެޓްސް..." އައިރާގެ ބަނޑަށް އިޝާރާތްކޮށްލަމުން، އީލާފް އައިރާގެ ގައިގައި ބައްދައިލިއެވ. އައިރާ ބޯޖަހައިލިއިރު، އޭނަގެ ހިނިތުންވުން ފުޅާވެއްޖެއެވެ. ބަލިވެ އިންފަހުން އެއީ އެފަދަ ގޮތަކަށް އޭނަ ހިނިތުންވެލި ފުރަތަމަ ފަހަރެވެ. ހިތާމައިގެ ތެރޭގައި މީހާ ޣަރަޤުވަމުން ދަނިކޮށް އީލާފް އެ ކޮށްދިންކަމަކުން އެތަކެއް ދުވަހަކަށްފަހު، އޭނަގެ ހިތަށް ހަޤީޤީ އުފާވެރިކަމެއް އިޙްސާސްވެގެން ދިޔައެވެ. އީލާފްއާ ދުރުވެލުމަށްފަހު، އޭނަ އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްލިއެވެ.

އެގޮތުގައި އީލާފް ދޮރުމަތީގައި ބަހައްޓަން އައިރާގެ ހިތެއް ނޭދުނީތީ، އޭނަ އީލާފްއަށް އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. އެއާއެކު، ޒަހްރާން އޭނަގެ އަތުގައި އޮތް ކޮތަޅު އައިރާއަށް ދިއްކޮށްލިއެވެ.

"މީވެސް އައިރާއަށް..." ޒަހްރާން ދިއްކޮށްލި ކޮތަޅަށް ބަލައިލުމާއެކު، އައިރާއަށް އަނެއްކާވެސް ހައިރާންކަމާއެކު ބުރަ އަރުވައިލެވުނެވެ. އެކޮތަޅަށް ބަލައިލުމުން އެކަނިވެސް އޭގައި ބައިވަރު އެއްޗެހި ހުރިކަން އޭނައަށް ނަގައިގަނެވުނެވެ.

"މީ... ކީއްކުރަން... ޔޫ ޑިޑިންޓް ހޭވް ޓު ޑޫ ދިސް..." އައިރާއަށް ބުނެވުނެވެ. އޭނައަށް އެ ހުރިހާ އެއްޗެއް ގެއަށް ވައްދަން އުޒުރުވެރި ވެވުނީއެވެ.

"ނޯ ނޯ ނޯ... އައިރާ އަހަންނަށް މާފުކުރިކަމަށް ޤަބޫލުކުރާނީ މިހުރިހާ އެއްޗެއް ޤަބޫލުކުރީމަ..." އީލާފް ވަގުތުން ބުނެލާފައި ތުންކޮޅު އޫކޮށްލައިފިއެވެ. އޭނަގެ ޅަގޮތްގަނޑު އަނެއްކާވެސް އިއާދަވީ ފަދައެވެ.

"އެކަމަކު ހާދަ ބައިވަރެކޭ. އަހަރެން އެކަންޏޭ އުޅެނީ..." އައިރާއަށް ބުނެވުނެވެ.

"ޕްލީޒް. މީގަ ހިފާބަ. އެހެން ނޫނަސް އެކަންޏެއް ނުވާނެ އެއްނު މިހާރު... މީ އައިރާ އެންޑް ބޭބީއަށޭ. ދޯ ކުޑަބޭ..." އީލާފް ބުނެލިއެވެ. އެންމެފަހުން އައިރާ ބޯ ޖަހައިލުމަށްފަހު، ޒަހްރާންގެ އަތުން އެ ކޮތަޅު އަތުލަންވެގެން އުޅުނެވެ. އައިރާގެ އަތަށް ކޮތަޅު ދޭން އުޒުރުވެރިވި ޒަހްރާން ގޭތެރެއަށް އެ ވައްދަން އައިރާގެ ގާތުން ހުއްދަ ހޯދަން އުޅުނު ވަގުތު އީލާފް ވާހަކަ ދައްކައިފިއެވެ.

"ތިކޮތަޅު ހާދަ ބަރޭ ކުޑަބޭ. ޝީޒް ޕްރެގްނެންޓޭ... އެތެރެއަށް ވަދެފަ މިތާ މޭޒުމަތީގައި ބަހައްޓަބަ." އީލާފް ހީވީ އޭނަގެ އަމިއްލަ ގޭގައި އުޅޭހެންނެވެ. ޒަހްރާން އައިރާއަށް ބަލައިލީ ހުއްދައަށް އެދުމުގެ ގޮތުންނެވެ. ޚުދު ޒަހްރާންވެސް ހުރީ އެ ބަރު ކޮތަޅު އޭނައަތަށް ދޭން ބޭނުންނުވެފައިކަން އެނގޭތީ އާ، އެކި ފަހަރު މަތިން އެއްވެސް އަމިއްލަ އެދުމެއް ނެތި ޒަހްރާން އޭނައަށް އެހީތެރިވެދީފައިވާތީ، އައިރާ މިފަހަރު ޒަހްރާން ވަންނަން ހުއްދަ ދިނެވެ. އޭނަ އެއްޗެއް ނުބުނި ނަމަވެސް، ހިނިތުންވެލީ އެކަން ޒަހްރާނަށް އަންގައިލުމުގެ ގޮތުންނެވެ. ޒަހްރާނަށްވެސް އެކަމުގެ މާނަ ނަގައިގަނެވުމާއެކު، އެތެރެއަށް ވަދެ ކޮތަޅު މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު، ދާން އެނބުރިލުމަށްފަހު، އަދިވެސް އެއްފަހަރު އައިރާއަށް ބަލައިލިއެވެ. މާބޮނޑި ގެންގޮސް ސޯފާތަކުގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބޭއްވުމުގެ ކުރިން އައިރާ އަދިވެސް އެއްފަހަރު އޭގެ ވަސް ބަލައިލިއެވެ. އެއަށްފަހު އީލާފްއާއެކު، ސޯފާގައި އިށީނދެއްޖެއެވެ. އޭރު ހަމަ ހަޤީޤަތުގައިވެސް އައިރާގެ ތުންފަތްމަތީގައި އުފާވެރި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.

އައިރާގެ އެ ރީތި ހިނިތުންވުން ޒަހްރާނަށް ފެނުނީ އަލަށެވެ. އައިރާގެ ހިނިތުންވުން އެ ގޮތުގައި އަބަދުމެ ލެއްވުމަން އެދި އޭނައަށް ދުޢާކޮށްލެވުނެވެ. އޭނައަށް ކަޅި ޖަހާނުލާ އައިރާއަށް ބަލަހައްޓައިގެން ހުރެވުނުއިރު، ހިތުގައި ހީވީ މަޑުމަޑު އަތަކުން ފިރުމައިލަދިންހެންނެވެ. އެއްވެސް މޭކަޕެއްކޮށްފައި ނުވާއިރުވެސް އައިރާ ހާދަ ރީއްޗެވެ. ޒަހްރާނަށް އޭނަގެ އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަކީ އުނދަގޫކަމަކަށް ވެއްޖެއެވެ. އައިރާ އޭނައަށް ބަލައިލިއިރުވެސް، ހިނިތުންވުން އެ މޫނުމައްޗަކުން ފަނޑެއް ނުވެއެވެ. އީލާފް އެވަގުތު އަނެއްކާވެސް އައިރާގެ އަތުގައި ހިފާފައި ވާހަކަ ދައްކަން ފެށުމުން ދެމީހުންގެ ނަޒަރު ވަކިވެއްޖެއެވެ. ޒަހްރާން ލަސްލަހުން ގޮސް ސޯފާތައް ކައިރީގައި ހުއްޓިލިއެވެ. އޭނަގެ ހިތަށް އައިރާގެ ހިނިތުންވުމުން ފިނިކަން ގެނެސްދެމުން ދިޔައިރު، މޭގެ ތެރޭގައި އޮތް ހިތުގެ އިޙްސާސްތައްވެސް ހަމަބޮލިވެގެން ހިނގައްޖެއެވެ. ބޭއިޚްތިޔާރުގައި، އޭނަގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ހިނގައްޖެއެވެ. އެތަނުން ދާން ބޭނުންވިނަމަވެސް، އަދިވެސް އައިރާގެ މޫނަށް ބަލައިލަން މަޑުކޮށްލަން އެ ހިތް ގޮވަމުން ދިޔަ ގޮވުމަށް އޭނައަށް އިޖާބަ ދެވުނެވެ. މިހާރު އޭނަގެ ހިތަކީ އޭނައަށް ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. ނުކިޔަމަންތެރި ހިތުގެ ކުރިމަތީގައި، އޭނަ ވެފައިވަނީ އެހިތުގައި އައިރާއާ މެދު އުފެދިފައިވާ ޖަޒުބާތުތަކާ ލޯބީގެ އަޅަކަށެވެ. އަމިއްލަ ހިތުގެ ޤައިދީއަށެވެ.

ލޮކް ކޯޑު ޖަހާލާފައި ދޮރު ހުޅުވައިލި އަޑަށް ތިން މީހުންނަށްވެސް އެއްފަހަރާ ދޮރާ ދިމާލަށް ބަލައިލެވިއްޖެއެވެ. އެތެރެއަށް ވަނީ އައިރާގެ ފިރިމީހާ ރިހާމް ނޫން ދެވަނަ މީހެއް ނޫނެވެ. އައިރާގެ ތުންފަތް މަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވެ، ސޯފާއިން ތެދުވެވުނީ ރިހާމްގެ މޫނުމަތީގެ ކުލަވަރުތައް އޭނައަށް ނަގައިގަނެވުމުންނެވެ. ޒަހްރާނާއި އީލާފްއަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ރިހާމްގެ ނަޒަރު ފަހަރު މީހަކަށް ވަކިވަކީން ދަތުރުކުރިއެވެ.

"ރި... ރިހާމް..."

*** ޓްރިގަރ ވާރނިންގ*** މި އެޕިސޯޑުގައި ބައެއް ކިޔުންތެރިންނަށް އުނދަގޫވެދާނެ ފަދަ ވާހަކަތައް ހުރެދާނެތީ، އެކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

އައިރާގެ އަޑު ނުކުތީ އަޅައަޅައިގަންނަމުންނެވެ. އޭނަގެ އަޑު މަޑުވެފައިވީއިރު، ހިތްވަނީ ބިރުގަތްފައެވެ. ރިހާމް އޭނައާ މެދު ރަނގަޅަށް ނުވިސްނާނެކަމުގައި ހެކިދެމުން ދިޔައީ އެ މޫނުމަތީގައިވި އަސަރުތަކެވެ. ރިހާމް އެތެރެއަށް އަޅައިލި ފިޔަވަޅާއެކު، އޭނަގެ ލޮލުގައި މޭޒުމަތީގައި ބަހައްޓާފައި ހުރި ކޮތަޅުގެ އިތުރުން މާ ބޮނޑިވެސް އަޅައިގަތެވެ. ވަގުތުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ދަތްކުނޑި ވިކައިލިލެއް ބާރުކަމުން ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަތަންވެސް ފެނިލިއެވެ. ރިހާމްގެ ނަޒަރު ޒަހްރާނަށް ދަތުރުކޮށްލިއެވެ. އޭރު އެ ލޮލުގައިވި ޝައްކުގެ ނަޒަރާއި، އެމޫނުމަތީން ފެނުނު ރުޅިވެރިކަމުން އެކަނިވެސް އައިރާއާމެދު އޭނަ ވިސްނަމުން އެދަނީ ކިހާ ދަށު ދަރަޖައަކަށްކަން ޒަހްރާނަށް ފާހަގަކުރެވުނެވެ. އޭނަގެ ހިތުގައި ރިހާމްއާ މެދު ފޫހިކަން އުފެދުން ނޫންކަމެއް ނުވިއެވެ.

"ގޮތްކުޑަ އަންހެނާ..." އައިރާގެ ކައިރީގައި ހުރި އީލާފްއަށް އަވަސް ނަޒަރެއް ދީފައި، ރިހާމްގެ ނަޒަރު އަނެއްކާވެސް ދަތުރު ކުރީ އައިރާއަށެވެ. "މީ ދޯ ތި ގަންނަގަނޑަކީ..."

"ރިހާމް... ރިހާމް.... ތި ހީވަނީ ރަނގަޅަކަށް ނޫން..." އައިރާ ގޮސް ރިހާމްގެ ކައިރިއަށް ހުއްޓުނެވެ. އޭނަ ރިހާމްގެ އަތުގައި ހިފައްޓަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ރުޅިވެރިކަމާއެކު ރިހާމް އައިރާގެ އަތް ފޮޅުވައިލިއެވެ.

"އީލު... ޕްލީޒް..." އައިރާ އިޝާރާތްކޮށްލީ އެމީހުން އެތަނުން ދާންކަން އެނގުމާއެކު، އީލާފް ގޮސް ޒަހްރާންގެ ގާތުގައި ހުއްޓުނުއިރު، އޭނަވެސް ހުރީ ކަންބޮޑުވެފައެވެ. އީލާފް ޒަހްރާންގެ އަތުގެ މުލައްދަނޑީގައި ހިފައްޓާލަމުން އެ އަތަށް ދަމައިލިއެވެ. އެވަގުތު އެތަނުގައި ތިބުމަކީ ރަނގަޅުގޮތަކަށް ނުވާނެކަމުގައި އޭނަގެ ހަވަނަ ހިއްސު ބުނަމުން ދިޔައީތީއެވެ. އެހެންނަމަވެސް ޒަހްރާނަށް ބެލެނީ އައިރާއަށެވެ. ރިހާމް އައިރާއަށް ކަމެއް ކޮށްފާނެތީ އޭނަ ހުރީ ކަންބޮޑުވެފައެވެ. އެ ޙާލުގައި އައިރާ ދޫކޮށްލާފައި ދާކަށް އޭނަގެ ހިތް އެއްބަހެއް ނުވިއެވެ.

"ރިހާމް... އަހަރެން ދައްކާ ވާހަކަ އަޑު އަހާބަ. ތިހެން އަހަންނަށް ނުބަލަބަލަ. ޕްލީޒް..." އައިރާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ރިހާމްގެ ޝައްކުދުރުކުރެވޭތޯ އޭނަ މަސައްކަތްކުރިއިރު، ދެލޯ ފެންކަޅިވެސް ވިއެވެ. ރިހާމްގެ ޝައްކުގެ ނަޒަރު އޭނަގެ ހިތުގައި ވަކިއަޅުވާލައިފިއެވެ.

"ކޯންޗެއްތަ އަޑު އަހަން އޮތީ. މަންމަ އެބުނީ ހަމަ ތެދެއް." ރިހާމް އައިރާގެ އަތް ފޮޅުވައިލިއެވެ. އޭނަގެ ނަޒަރު ދެވަނަ ފަހަރަށް މާބޮނޑިއަށް ހުއްޓުމާއެކު، އެ ދިޔަގޮތަށް ގޮސް، އެ ނެގުމަށްފަހު، ޓައިލްސްތަކު މައްޗަށް ވައްޓައިލާ، އޭގެ މައްޗަށް ފައިން އަރާ ހުރިހާ މާތަކެއް ޗިސްޗިސް ކޮށްލައިފިއެވެ. އައިރާ އަނެއްކާވެސް އީލާފްމެންނަށް ބަލައިލިއެވެ. އެވަގުތު އައިރާއާ ޒަހްރާންގެ ނަޒަރު ސީދާވެލައިގެން ދިޔަ ނަމަވެސް، ދެލޮލަށް ޖަމާވެފައިވާ ކަރުނަތަކާ އެކު އޭނައަށް އެމަންޒަރު ފެނުނީ ފުސްކޮށެވެ. ފިރިމީހާގެ ސަބަބުން ލަދުވެތިކަން އިޙްސާސްވަމުން ދިޔައިރު، އައިރާގެ ބެލުމުގައި ވަނީ އާދޭހެވެ. އޭނަ އެ އެދެނީ އެމީހުން އެތަނުން ދާންކަން ވިސްނުމާއެކު، ޒަހްރާނަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެހެންނަމަވެސް އޭނައަށް އަނެއްކާވެސް މަޑުޖެހިލެވުނީއެވެ.

"ރިހާމް. ހެޔޮނުވާނެ...." އައިރާ އަނެއްކާވެސް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އޭނަ އައިސް ރިހާމްގެ އަތުގައި ހިފައްޓަން މަސައްކަތްކުރުމާއެކު، ކުރިއަށް ވުރެ ބާރަށް ރިހާމް އައިރާގެ އަތް ފޮޅުވައިލިއެވެ. ޒަހްރާނަށް އައިރާއާ ދިމާލަށް ދާން އުޅެފައިވެސް އީލާފް އެ އަތަށް ދަމައިލުމުން މަޑުޖެހިލިއެވެ.

"މަގޭ ގައިގަ ކަލޭގެ މުޑުދާރު އަތުން އަތްލައިގެން ނުވާނެ. ހިލޭ ފިރިހެނުން ގެއަށް ވައްދާކަށް ލަދެއް ނުގަނޭތަ؟ ނުވިތާކަށް ފާޑުފާޑުގެ މާބޮނޑިތަކާ އެއްޗެހިގެނެސްގެން މާފޮޅުވާ..." ރިހާމް އައިރާއާ ކުރިމަތިލިއެވެ. "ކަލޭ އެކޭ ކަލޭގެ މަންމައެކޭ އެއްވެސް ތަފާތެއް ނެތް... ފިރިމީހާއަށް ވަގަށް ފިރިހެނުންނާއެކު، ތިވައްތަރަށް އުޅޭ އަންހެނުންނަށް ކިޔަނީ ކީކޭކަން އެނގޭތަ؟"

އެއަށްފަހު އައިރާއަށް ނިސްބަތްކޮށް ރިހާމް ބުނެލި ހުތުރު ޖުމްލަތައް ރުވާދޫކޮށްލި ތީރެއްހެން އެއްވެސް ހުރަހެއްނެތި ގޮސް ހެރުނީ އައިރާގެ ހިތުގެ އެންމެ ފުނަށެވެ. އެ ވިހަގަދަ ބަސްތަކުން އޭނަގެ ހިތުން ލޭ އޮހޮރުވައިލައިފިއެވެ. އައިރާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގެން ދިޔައިރު، އޭނައަށް ހިނދުކޮޅަކަށް މަޑުޖެހުމެއްވެސް އައެވެ. އެ ދަރަޖައަށް ރިހާމް އޭނައަށް ޝައްކުކޮށްފާނެކަމަށް ފަހަރެއްގައިވެސް އުންމީދުކުރެވިފައެއް ނެތެވެ. ހޭވެރިކަންވީ އިރުކޮޅެއް ފަހުންނެވެ. އޭނަ އަނެއްކާވެސް ރިހާމްއާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އޭރުވެސް އީލާފް ޒަހްރާންގެ އަތަށް ދަމަމުން ދިޔައެވެ. އެހެންނަމަވެސް ޒަހްރާން ހުރިތަނުން ގުޑާވެސް ނުލިއެވެ. އޭނައަށް ބެލެނީ އައިރާއަށެވެ.

"ކަލޭ ކީއްވެފަ ތިހުރީ؟ ހަމަ މިހާރު ނުކުމޭ!" ރިހާމް ޒަހްރާނަށް ބަލައިލާފައި ހަޅޭއްލަވައިގަތެވެ. އައިރާއަށްވެސް ލިބުނީ ޝޮކެކެވެ. އޭނަ ރިހާމްގެ ގައިގައި ހިފައިގަނެ ރޮއި އާދޭސްކުރަން، ފެށުމާއެކު ޒަހްރާނަށް ވެސް ކެތެއް ނުވިއެވެ. އެންމެފަހުން އޭނަ ވާހަކަ ދެއްކިއެވެ.

"ތި ހީކުރަނީ ރަނގަޅަކަށް ނޫން... އަހަރެމެން...." މިހުރިހާއިރު އައިރާއަށް ފުރުސަތު ދީގެން ހުރި ޒަހްރާން ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް، އެ ފުރުސަތެއް ރިހާމް ނުދިނެވެ. އޭނަ އަނެއްކާވެސް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

"ކުޑަބޭ. ލެޓްސް ގޯ..." އީލާފްއަށް ބުނެވުނެވެ. ޒަހްރާން އީލާފްއަށް ބަލައިލުމަށްފަހު، ކުޑަކުޑަކޮށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ރިހާމް އައިރާއަށް އަނިޔާކޮށްފާނެތީ އޭނަގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އަދި ޚާއްސަކޮށް އައިރާގެ ޙާލަތު އޭނައަށް އެނގޭތީއާވެސް އެކުގައެވެ. ރިހާމްއަކީ މީހަކު ކުޑަކޮށްވެސް އިތުބާރުކުރަން ހެޔޮވާވަރުގެ ފިރިހެނެއް ނޫނެވެ. އެހެންނަމަވެސް، އައިރާ ތަންކޮޅެއް ހަރުއަޑުން އެތަނުން ދިޔުމަށް އެދުމުން ޒަހްރާނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނަ އެންމެފަހުން އީލާފްއާއެކު، ދޮރާ ދިމާލަށް ލަސްފިޔަވަޅުތަކެއް އަޅައިލި ނަމަވެސް، އޭނަގެ ސިކުނޑި މިފަހަރުވެސް އެކަމަކަށް އެއްބަހެއް ނުވިއެވެ. އައިރާ ދޫކޮށްލާފައި ދާން ހިތް ރުހޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އައިރާއަށްޓަކައި ލޯބިވެއެވެ.

"ރިހާމް... އަހަރެން އެއްވެސް ގޯސްގޮތަކަށް ނޫޅެމޭ... ޕްލީޒް... ހެޔޮނުވާނެ... އަހަރެން މީ ހަމަ އެކަނި ރިހާމްގެ މީހެކޭ... ރިހާމް ނޫން މީހަކު..." އައިރާއަށް އޭނަގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ރޮމުން ގިސްލަމުން ދިޔަނަމަވެސް ރިހާމްއަށް އެކަމުން ވެސް އަސަރެއް ނުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އޭނަގެ މަންމަ ދެއްކި ވާހަކަ ތަކެކެވެ.

"ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫން.... އަތްނުލާށޭ ބުނެފީމެއްނު... އިނދެވުނު މޮޔަ ހިތަށް އަރާއެބަ. ހަށިވިއްކާ މީހުންގެ ދަރިންވެސް އުޅޭނީ ހަމަ އެހެން. މައުސޫމްކަމަށް ހެދިގެން އުޅުނަސް ތީވެސް ހަމަ އޭގެ '*' ...އެވެސް ބައްޕަ ކަށަވަރުނުވާ... " ރިހާމް އައިރާއަށް ބޭއަދަބީ ބަސްތަކެއް ނިސްބަތްކުރަން ފެށުމުން ޒަހްރާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އައިރާ ރިހާމްގެ ގައިގައި ބައްދައިގަންނަމުން ބާރަށް ރޯން ފެށިތަން ފެނުމާއެކު، އޭނަގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. އައިރާ ރޯތީކަމެއް ނޫނީ އައިރާ ރިހާމް ދެކެ ލޯބިވާވަރު ފެނުމުންކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އޭނަގެ ހިތަށްވެސް އިންތިހާ ތަކުލީފު ލިބެމުންދާ ކަމެވެ.

ރިހާމް އައިރާގެ އަތުގެ ހިކަނދި މަސްގަނޑުގައި ހިފައްޓާލުމަށްފަހު، އަތުގައި ހުރި ބާރުލާފައި ކޮށްޕާލިއެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ދިޔަ އައިރާ ފެނުމާއެކު، ބަލާކަށް ނުހުރެ ޒަހްރާނަށް އެ ދިޔަގޮތަށް ގޮސް އައިރާއަށް އޭނަގެ އަތުގެ ހިމާޔަތްދެމުން ވެއްޓުނަނުދީ ސަލާމަތްކޮށްދިނެވެ. އޭނަ އައިރާގެ ގާތަށް އަންނަން އެންމެ ސިކުންތެއް ލަސްވި ނަމަ ވެސް އައިރާ ގޮސް ވެއްޓުނީހެވެ.

"މޮޔަވީތަ؟ އެއީ މާބަނޑު މީހެކޭ، ތި އަނިޔާ ކުރަނީ؟... ކުޑަކޮށްވެސް ރަޙުމުކޮށްބަލަ، ހޮޔޮނުވާނެ." ޒަހްރާންގެ ދުލުން އެބަސްތައް ބޭރުވީ ބޭއިޚްތިޔާރުގައެވެ. އައިރާއަށް ވެސް އޭރު ހުރެވުނީ އޭނަގެ ބަނޑުގައި އަތްއަޅާލައިގެންނެވެ. ޒަހްރާން އައިރާގެ ހަށިގަނޑު ސީދާކޮށްލިއެވެ.

ޒަހްރާންގެ އަޑު އަހަންހުރި ރިހާމްގެ މޫނުމަތީން އޭރު ފެންނަމުން ދިޔައީ މަލާމާތާއި ފުރައްސާރައިގެ އަސަރެވެ.

"އައިރާ އިނީ ބަލިވެކަން ކީއްވެ ކަލެއަށް އެނގެންވީ؟ އޭނަގެ ފިރިމީހާއަކީ ގައިމު އަހަރެން..." ދެވަނަ ސިކުންތުގައި ރިހާމްއަށް ގޮސް ޒަހްރާންގެ ގިރުވާނުގައި ހިފިއެވެ. އެ ދެމެދަށް ވަދެ އައިރާ ރިހާމް ދުރުކޮށްލި ނަމަވެސް، އޭރު ރިހާމް ހުރީ އޭނަގެ ރުޅިގަނޑު މައިތިކުރެވޭވަރަށް ވުރެ ބޮޑަށް ރުޅިއައިސްފައެވެ.

"ރިހާމް... ރުޅިމަޑުކޮށްފަ..." އައިރާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެއާއެކު، ރިހާމް އޭނަގެ އަތުގެ މުލައްދަނޑީގައި ހިފިލެއް ބާރުކަމުން އައިރާއަށް މަޑު އާހެއް އަނގައިން ބޭރުކޮށްލެވުނެވެ. ހިނދެއް ހިނދަކަށް ރިހާމް ދިޔައީ އޭނަގެ އަތަށް ބާރުކުރަމުންކަމަށް ވުމާއެކު، އެ މަންޒަރު ބަލާކަށް ޒަހްރާނަކަށް ކެތެއްނުވިއެވެ. އޭނަ ގޮސް ރިހާމްގެ އަތް ފޮޅުވައިލިއެވެ.

"ކިހިނެއްވީ؟ ހާދަ ވަރެކޭ ތިވަނީ ދޯ. އަނެއްކާ އެއީ ކަލޭގެ ދަރިއަކީތަ؟" ރިހާމްގެ ދުލުން ނުކުތް ބަސްތަކާއެކު، ޒަހްރާނަށް އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނަ ރިހާމްގެ މޫނުމައްޗަށް ގޮސްމުށުގެ އެތިފަހަރެއް ވީއްލައިލަން އަތްހިއްލައިލި ނަމަވެސް މަޑުޖެހެވުނީ، އޭނައަށް ވުރެ ކުރިން އައިރާ ކޮށްލި ކަމަކުންނެވެ.

"ރިހާމް...." އައިރާގެ އަތުގެ ހޫނު ހަމަލާއެއް ރިހާމްގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔައިރު، ދުރުގައި ބަލަން ހުރި އީލާފްހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޒަހްރާނަށްވެސް ބަލައިލެވުނީ އައިރާއަށެވެ. ފުރަތަމަ ފަހަރަށް އައިރާގެ ފަރާތުން ހިތްވަރު އޭނައަށް ފެނިގެން ދިޔައެވެ. އެހެންނަމަވެސް، އޭރުވެސް އައިރާގެ ބޮޑު ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކަކަށް ހުއްޓުމެއް ނާދެއެވެ. އެ ރުޅިވެރިކަމާއެކުވެސް އިންތިހާ ދަރަޖައިގެ ވޭނާ ޝަކުވާތައް އެމޫނުމަތީން ފެނިގެން ދިޔައެވެ. އައިރާގެ އެ އަމަލުން ޚުދު ރިހާމްއަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ. އައިރާއަށް އެ ހިތްވަރު ލިބުނުގޮތާ މެދު އޭނަ ހައިރާންވީއެވެ. އެހެންނަމަވެސް ރިހާމް އެ އަސަރުތައް ފޮރުވައިލިއެވެ.

"ކިހިނެއްވީ؟ މަށަށް މި ބުނެވުނީ ދޮގެއްތަ؟ ކަލޭ ބަނޑުބޮޑުކަން އޭނައަށް އެނގޭނީ އޭނަގެ ދަރިއަކަށް ވީމަ.... އެހެންނޫނީ ކަލޭގެ ބަނޑުގައިވެސް ތިވަނީ ކަލޭއެކޭ އެއްގޮތަށް ބަފާ ކަށަވަރު ނުވާ ހަރާން ދަރިއަކީތަ؟" ރިހާމްގެ ބަހުގެ ހަމަލާތައް އައިރާގެ ހިތުގެ އެންމެ ފުނަށް ހެރެން ފެށުމާއެކު، އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ކުރި ހިތްވަރު އެހާ އަވަހަށް އެލި، ދެފައިން ވާގި ދޫވާހެން އޭނައަށް ހީވާން ފެށިއެވެ. އައިރާއަށް ހުރިތަނަށް ތިރިވެވުނެވެ. އީލާފްއަށްވެސް ދުވެފައި އައިސް އައިރާގެ ގާތުގައި އިށީނެވެ. އޭނަ އައިރާގެ ކަރުނަތައް ފުހެލަމުން އައިރާ ގެނެސް ގައިގައި ލައްކޮށްލިއެވެ. އޭރު އީލާފްގެ ދެލޯ ފެންކަޅިވެފައިވީ ނަމަވެސް، އައިރާ ހަމައަކަށް އެޅުވޭތޯ އޭނަ މަސައްކަތްކުރަމުން ދިޔައެވެ.

ޒަހްރާނަށް ކެތްނުކުރެވުނީ ދެނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އޭނަ ރިހާމްގެ ކޯތާފަތްމައްޗަށް އެތިފަހަރެއް ވީއްލާލައިފިއެވެ. ޒަހްރާން ޖެހިލެއް ބާރުކަމުން ރިހާމްގެ ތުންފަތް މަތިވެސް ފަޅައިގެން ގޮސް ލޭ އޮހޮރިގެން ދިޔައެވެ. އޭނައަށް ތުންފަތުގައި އަތް ޖައްސައިލުމަށްފަހު، އެ އަތަށް ބަލައިލެވުނެވެ. ޒަހްރާން ރިހާމްއަށް ރައްދު ހަމަލާދޭން ފުރުސަތެއް ވެސް ނުދިނެވެ. އޭނަ ރިހާމްގެ ގިރުވާނުގައި ހިފައްޓާލަމުން ދަތްކުނޑި ވިކައިލިއެވެ.

"ކަލޭ ހީކުރީ އެންމެން އުޅޭނީ ކަލޭ އުޅޭހެންކަމަށްތަ؟ ދެވަނަ ފަހަރަށް ކަލޭ އައިރާއާ ދިމާލަށް ތިކަހަލަ އެއްޗެއް ބުނެފިއްޔާ މަވަރުގެ ނުބައި މީހަކު ނުހުންނާނެ. ހަނދާންކުރައްޗޭ!" ދަތްކުނޑި ވިކައިލި ޒަހްރާން އެހެން ބުނެލިއިރު، އޭނަގެ ދެބުމަވެސް ވަނީ ގޮށްޖެހިފައެވެ. އައިރާގެ ބޮލުގައި އެފަދަ ދޮގު އިލްޒާމެއް އަޅުވަމުން ދިޔައިރު، ހަޤީޤަތުގައި ބޭވަފާތެރިއަކީ ރިހާމްއެވެ. ޒަހްރާންގެ ބަސްތައް އައިރާއަށް އަޑު އިވުނު ނަމަވެސް، އެވަގުތު އިތުރުކަމަކާ މެދު ވިސްނޭގޮތެއް ނުވިއެވެ. ސިކުނޑީގައި ގުގުމަމުން ދިޔަ ރިހާމްގެ ބަސްތަކުގެ ސަބަބުން، ވަށައިގެން އުފެދިފައިވާ ގިލަންވެރިކަމުގެ ކަސްތޮޅުތަކުގެ ތެރޭގައި އޭނަވަނީ ހައްޔަރުވެފައެވެ. އެއްޗެއް ބުނާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ.

ފިރިމީހާ އޭނަގެ ބޮލުގައި އަޅުވަމުން ދިޔަ ހުތުރު އިލްޒާމުތަކުގެ ސަބަބުން ދުވަހަކު ތަހައްމަލްނުކުރާ ފަދަ ވޭނެއް އޭނައަށް ލިބެމުން ދިޔައިރު މަޑުމަޑު ގިސްލުމެއްގެ އަޑު ގޭތެރޭގައި ހިފާލައިފިއެވެ. އޭރު މުޅި މީހާގެ ހަށިގަނޑަށް ތުރުތުރު އެޅުމެއްގެ އަސަރު ވެރިވެއްޖެއެވެ.

"ގަޔަށް ބޮލަށް ނާރާ ހުރޭ." ރިހާމް ޒަހްރާންގެ އަތް އޭނަގެ ގިރުވާނުން ނައްޓައިލީ އުނދަގުލުންނެވެ. އެއަށްފަހުވެސް އޭނަ ޒަހްރާނަށް ނިސްބަތްކޮށް ހުތުރު އެއްޗެއް ބުނި ނަމަވެސް، އެކަމުން ޒަހްރާނަކަށް ފަރަޤެއް ނުވިއެވެ. އޭނައަށް ކެތްނުކުރެވޭނީ އައިރާއާ ދިމާލަށް އެފަދަ ގޮތަކަށް ރިހާމް ބަސްތައް އަމާޒުކުރާނަމައެވެ.

ރިހާމް ދެން ބަލައިލީ އައިރާއަށެވެ. އީލާފްގެ ގައިގައި ކުޑަކޮށް ބައްދާލައިގެން އިނދެ ރޮމުންދިޔަ އައިރާ ފެނުމުންވެސް މިފަހަރު އޭނަގެ ހިތުގައި އުތުރި އަރައިގަތީ ރުޅިވެރިކަމެވެ.

"ތިހިރީ ވަރިކޮށްފަ... މިއަދުން ފެށިގެން ތީ މަގޭ އަނތްބެއް ނޫން."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު