ބޮލީވުޑްގެ ބަތަލާ ރިޗާ ޗައްޑާ އަލަށް ސޮއިކުރި ކްރައިމް ތުރިލާ ވެބް ސީރީސްއިން ބަތަލާ ފެންނާނީ ޑިޓެކްޓިވްއެއްގެ ރޯލްއިން ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީސް "ހީރާމަންޑީ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ މިއީ މުޅިން ތަފާތު ކެރެކްޓާއަކުން ބެލުންތެރިންނާ ބައްދަލުކުރާނެ ވެބް ސީރީސްއެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ސީރީޒާ ގުޅޭ ތަފްސީލުތައް އަދި ސިއްރުކޮށްފައި ވީނަމަވެސް، ރިޗާ މިހާރު މި ސީރީޒްގެ ޝޫޓިން ފަށާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ސީރީޒަކީ ކުށްތައް ތަހުގީގު ކުރުމުގެ މަރުހަލާގެ ތެރެއިން، ފެންމަތިވާ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒެކެވެ. އަދި މި ވާހަކައިގެ އެންމެ މުހިއްމު އެއް ކެރެކްޓާ އަކީ ރިޗާއެވެ.

ރިޗާ ފިރިމީހާ، އެކްޓަރު އަލީ ފަޒަލްއާ އެކު--ފޮޓޯ/އެންޑީޓީވީ
މި ވެބް ސީރީސްގެ ޓީމުގައި މަސައްކަތްކުރާ ފަރާތަކުން މީޑިއާގައި ބުނިގޮތުގައި ވެބް ސީރީސް "ހީރާމަންޑީ"އަށްފަހު ރިޗާ ބޭނުންވީ ކުރިން ބަތަލާ ކުޅެފައިނުވާ ކަހަލަ ތަފާތު ކެރެކްޓާއެއް ތަޖުރިބާކުރުމަށެވެ.
އެހެންވެ މި ވެބް ސީރީސްގައި ކުޅެން ލިބުނު ޑިޓެކްޓިވްއެއްގެ ރޯލަކީ، ރިޗާގެ ހުނަރުވެރިކަމާއި، ވިސްނުންތޫނުކަން ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެފަރާތުން ވަނީ މީޑީއާގައި ބުނެފައެވެ.
ރިޗާގެ ފިލްމީ ކެރިއަރުގެ މުހިއްމު މަސައްކަތްތަކުގެތެރޭ، "ގޭންގްސް އޮފް ވަސޭޕޫރު"، "މަސާން"، "ފުކްރޭ" އަދި "ސެކްޝަން 375" ހިމެނެއެވެ. އެކްޓަރެއްގެ އިތުރުން ރިޗާ އަކީ މިހާރު ފިލްމު އުފެއްދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ބަތަލާއެކެވެ. އެގޮތުން ރިޗާ ވަނީ "ގާލްސް ވިލް ބީ ގާލްސް"ގެ ނަމުގައި ފިލްމެއް އުފައްދާފައެވެ.