ކްރޮނިކް ފެޓީގް ސިންޑްރޯމް: ފެންނަން ނެތް ވަރުބަލިކަމުގެ ބުރަ

ކްރޮނިކް ފެޓީގް ސިންޑްރޯމް (ސީއެފްއެސް) އަކީ އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކަށް އެއާ ބެހޭ މައުލޫމާތު ރަނގަޅަށް ނޭނގޭ ބައްްޔެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ސިއްޙީ ތަހުލީލުތަކުގެ ނަތީޖާ އާދައިގެ ގޮތަކަށް ދެއްކި ނަމަވެސް، ކްރޮނިކް ފެޓީގް ސިންޑްރޯމް (ސީއެފްއެސް) ތަހައްމަލުކުރާ މީހުންނަށް އާދަޔާޚިލާފު ވަރުބަލިކަމާއި، ސިކުނޑި ސާފުނުވުން ނުވަތަ "ބްރެއިން ފޮގް" ފަދަ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.

މީގެ ސަބަބުން އެ މީހުންގެ ދިރިއުޅުމުގެ އާދައިގެ ކަންކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. ގިނަ މީހުންނަށް ވަރުބަލިކަމަކީ ރަނގަޅަށް ނިދާލުމުން ފިލައިދާ ކަމެކެވެ.

ނަމަވެސް، ސީއެފްއެސް ހުންނަ މީހުންނަށް ކޮންމެ ދުވަހަކީ ވެސް އުނދަގޫ ތަކުލީފުތަކެއް އުފުލަންޖެހޭ ދުވަހެކެވެ. މެޑިކަލް ޓެސްޓުތަކުން އެއްވެސް މައްސަލައެއް ނެތްކަމަށް ދެއްކި ނަމަވެސް، އެމީހުންގެ ހަށިގަނޑަށް އިހުސާސްވަނީ ނުހަނު ބޮޑު ވަރުބަލިކަމެކެވެ.

ބަލީގައި ހަށިގަނޑަށް ވަނީ ކިހިނެއްކަން ސާފުކޮށްދެއްވަމުން، އެޕޯލޯ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓް ޑރ. ސަންތޯޝް ސްރީރާމް ވިދާޅުވީ، މިއީ ހަމައެކަނި ވަރުބަލިވުމެއް ނޫން ކަމަށެވެ.

ކްރޮނިކް ފެޓީގް ސިންޑްރޯމް (ސީއެފްއެސް)ގެ އަލާމާތެއް ފެނުމުން ސިއްހީ އެހީތެރިއަކާ އެކު އެކަން މަޝްވަރާކޮށް އެކަށީގެންވާ ފަރުވާ ހޯދުމަކީ މުހިއްމު ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ސީއެފްއެސްގެ ސަބަބުން ސިކުނޑިއަށާއި ނާރުގެ ނިޒާމަށް އަސަރުކުރޭ. މީގެ ތެރޭގައި ނިއުރޯޓްރާންސްމިޓާސްތަކަށް އަންނަ ބަދަލުތަކާއި، ހަކަތަ އުފައްދާ މިންވަރަށް އަންނަ އުނިކަން ހިމެނޭ. ބަލިމީހުންނަށް ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމާއި، ހަނދާން ބަލިވުމާއި، ނިދަން އުނދަގޫވުމާއި، ބޮލުގައި ރިއްސުން އަދި ތަދު އިހުސާސްވާ މިންވަރު އިތުރުވުން ފަދަ ކަންކަން ކުރިމަތިވޭ. މީގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކުޑަކުޑަ ޖިސްމާނީ ނުވަތަ ފިކުރީ މަސައްކަތެއް ކޮށްލުމުންވެސް، އާދަޔާޚިލާފަށް ބޮޑަށް ބަލީގެ އަލާމާތްތައް އިތުރުވެގެންދިއުން," ޑރ. ސަންތޯޝް ވިދާޅުވެފައިވެއެވެ.

ރެނޯވާ ސެންޗަރީ ހޮސްޕިޓަލްގެ އިންޓާނަލް މެޑިސިންގް ކޮންސަލްޓަންޓް ޑރ. ޝްރައްދާ ސަންގާނީ ވިދާޅުވި ގޮތުގައި، ސީއެފްއެސް އަކީ އާދައިގެ ވަރުބަލިކަމާ ވަރަށް ތަފާތު ބައްޔެކެވެ.

"މިއީ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ، ސަބަބެއް ދެނެގަންނަން އުނދަގޫ ވަރުބަލިކަމެއް. އާދައިގެ ވަރުބަލިކަމަކީ އަރާމުކުރުމުން ރަނގަޅުވާ ކަމެއް ނަމަވެސް، ސީއެފްއެސްގެ ވަރުބަލިކަން ނިދުމަކުން ނުފިލާނެ. ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަންތަކާއި، ދިފާޢީ ނިޒާމަށް އަންނަ ބަދަލުތަކާއި، ހޯމޯންގެ މައްސަލަތަކާއި، ނަފްސާނީ ބުރަބޮޑުވުމަކީ މިއަށް މެދުވެރިވާ ސަބަބުތަކަށް ވެދާނެ" ޑރ. ޝްރައްދާ ސަންގާނީ ވިދާޅުވެފައިވެއެވެ.

ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އެންމެ ފުރިހަމަ ގޮތުގައި ގަވައިދުން ހޯދުމަކީ ވެސް ލިބިފައިވާ ވަރުބަލިކަން ފިލުވާލަ ދިނުމަށް އެހީތެރިވެދޭނެ ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބަލި ދެނެގަތުމާ ގުޅޭގޮތުން ޑރ. ސަންތޯޝް ވިދާޅުވީ، ސީއެފްއެސް ހުރިތޯ ބަލާނެ ވަކި ޚާއްޞަ ޓެސްޓެއް ނޯންނަ ކަމަށެވެ. ބަލި ދެނެގަންނަނީ ބަލިމީހާގެ މެޑިކަލް ހިސްޓްރީ އަދި ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.

ލޭގެ ޓެސްޓުތައް ހަދަނީ ތައިރޮއިޑް މައްސަލަތަކާއި، ލޭމަދުވުމާއި، ވިޓަމިން މަދުވުން ފަދަ، ވަރުބަލިކަން މެދުވެރިކުރުވާ އެހެން ބަލިތައް ނެތްކަން ޔަގީންކުރުމަށެވެ.

ދުވަހުން ދުވަހަށް ބަލި މެނޭޖްކުރުމުގައި، މަސައްކަތާއި އަރާމު ހަމަހަމަ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. ޝްރައްދާ ވިދާޅުވީ، ބަލިމީހުންނަށް އެންމެ ފައިދާހުރީ އެމީހުންގެ ހަކަތަ ހުރި މިންވަރަށް ބަލައިގެން މަސައްކަތްތައް ތަރުތީބުކުރުން ކަމަށެވެ.

މާބޮޑަށް ވަރުބަލިވާ ވަރަށް މަސައްކަތް ކުރުމުން ބަލީގެ އަލާމާތްތައް ގޯސްވާނެ ކަމަށާއި، ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ގިނައިން ފެން ބުއިމާއި، އަދި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ޝްރައްދާ ވަނީ ވިދާޅުވެފައެވެ.

ނިއުރޮލޮޖިކަލް ގޮތުން ބަލާއިރު، ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީއާއި، ތަދު ކަނޑުވާ ބޭސްތަކާއި، ނަފްސާނީ ބުރަ ކުޑަކުރުމަކީ ބަލިމީހާއަށް އެހީތެރިވެދޭނެ ކަންކަމެވެ. މީގެ އިތުރުން ފިޒިއޮތެރަޕީއާއި ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ބަދަލުތަކުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވިދާނެއެވެ.

ޑރ. ޝްރައްދާ ވިދާޅުވީ، ސީއެފްއެސް އަކީ ގިނަ ދާއިރާތަކެއްގެ ޑޮކްޓަރުން ގުޅިގެން ފަރުވާ ދޭންޖެހޭ ބައްޔެއް ކަމަށެވެ. މި ބައްޔާއެކު ދިރިއުޅުމަކީ ހަމައެކަނި ވަރުބަލިވުމެއް ނޫނެވެ. އެއީ މީހުންނަށް ފެންނަން ނެތް، އެހެނަސް ދިރިއުޅުން ބަދަލުކޮށްލާ ބޮޑު ގޮންޖެހުމެކެވެ.

އެހެންކަމުން، ބަލިމީހާގެ ހަކަތަ ބޭނުންކުރާނެ ގޮތް ދަސްކުރުމަކީ މި ބައްޔާއެކު ދިރިއުޅުމަށް އޮތް އެންމެ މުހިންމު މަގު ކަމަށް ޑރ. ޝްރައްދާ ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު