ބޭންކުން ފްރީޒްކޮށްފައި ހުރި ރިއާގެ އަމިއްލަ އެކައުންޓް 6 އަހަރުފަހުން ދޫކޮށްލައިފި

އިންޑިއާގެ ބަތަލާ ރިއާ ޗަކްރަބަތީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބޮލީވުޑްގެ ބަތަލާ ރިއާ ޗަކްރަބަތީ ބޭންކް އެކައުންޓްތައް ބޭނުން ނުކުރެވޭގޮތަށް ފްރީޒްކޮށްފައި ހުންނަތާ ހަ އަހަރުފަހުން ބޭންކުން އެ އެކައުންޓުތައް ބޭނުންކުރެވޭ ގޮތަށް ހަދައިފިއެވެ.

ރިއާ އާއި، އޭނާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީގެ އިތުރުން އެ މީހުންގެ މަންމަ ސަންދިޔާ ޗަކްރަބަތީގެ ބޭންކް އެކައުންޓްތައް އަލުން ބޭނުންކުރެވޭ ގޮތަށް ހުޅުވައިދީފައި މިވަނީ މުމްބާއީގެ ކޯޓަކުން އެކަމަށް އަމުރުކުރުމާ ގުޅިގެންނެވެ.

މި އެކައުންޓްތަކަކީ ކުރީގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން 2020 ވަނަ އަހަރު ހިފެހެއްޓި އެކައުންޓްތަކެކެވެ.

ރެއާ ބަތަލާގެ ކޮއްކޮ ޝޯވިކް ޗަކްރަބަތީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މައްސަލަ ބެލި ހާއްސަ އެންޑީޕީއެސް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އެންސީބީއިން އެކައުންޓްތައް ހިފެހެއްޓުމުގައި އެންޑީޕީއެސް ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން، އެ އެކައުންޓްތައް އެގޮތަށް ހިފަހައްޓާފައި ބޭތިއްބުމަކީ ގާނޫނީ ގޮތުން ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އެ ގާނޫނުގައި ބަޔާންކުރާ މުހިންމު އުސޫލުތަކަށް އަމަލުކޮށްފައި ނުވާތީ، އެކައުންޓްތައް ދޫކޮށްލުމަށް ހުށަހެޅި ހުށަހެޅުމަށް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މި އެކައުންޓްތައް އެންމެ ފުރަތަމަ ހިފެހެއްޓީ 2020 ވަނަ އަހަރު ސުޝާންތުގެ މަރާ ގުޅިގެން މަސްތުވާތަކެއްޗާ ގުޅުންހުރި ތަހުގީގުތަކެއް ފެށުމާ ގުޅިގެންނެވެ. އެ ދުވަސްވަރު މި މައްސަލައަކީ މުޅި އިންޑިއާގެ އިތުރުން ދުނިޔޭގެ ސަމާލުކަން ލިބި، ގިނަ އިދާރާތަކަކުން އެއްފަހަރާ ތަހުގީގުތައް ހިންގި މައްސަލައެކެވެ.

ކޯޓުގެ މި ނިންމުމާއެކު، ރިއާގެ އާއިލާއަށް މާލީ ގޮތުން ކުރިމަތިވެފައި އޮތް ބޮޑު ހުރަހަކަށް މިވަނީ ނިމުމެއް އައިސްފައެވެ. މިއީ ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ ގާނޫނީ މަރުހަލާތަކުގެ ތެރެއިން ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

އަމިއްލަ ދިރިއުޅުމާއި ފަންނީ މަސައްކަތްތައް އަލުން އާރާސްތުކުރަމުންދާ ރިއާ، ދެން އެންމެ އަވަހަށް ފެންނާނީ ހަންސަލް މެހެތާގެ "ފެމިލީ ބިޒްނަސް" ކިޔާ ނެޓްފްލިކްސް ސީރީޒްއަކުންނެވެ.

comment ކޮމެންޓް