ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް ލީޑް ރޯލް ކުޅެފައިވާ، އަނޫރާގް ކަޝްޔަޕްގެ ފިލްމު "ބަންދަރު" މި އަހަރުގެ ޖޫން މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް، ސުދީޕް ޝަރުމާ އާއި އަބީޝެކް ބެނާޖީ ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މި ފެށޭ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި 50 ވަނަ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކުރި މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ މަޝްހޫރު ޓީވީ ތަރިއެއްގެ ހަޔާތުގެ މައްޗަށެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ.

ފިލްމު "ބަންދަރު"ގެ ކާސްޓުގައި ހިމެނޭ ބައެއް ތަރިންނާ އެކު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނިކިލް ދިވެދީ ޕްރޮޑިއުސްކޮށް، ޒީ ސްޓޫޑިއޯސްއިން ނެރޭ މި ފިލްމުގެ މުހިންމު ރޯލުތަކުން ސާންޔާ މަލްހޯތުރާ، ރާޖް ބީ ޝެޓީ، ޖިތެންދުރަ ޖޯޝީ، ސަބާ އާޒާދު، އިންދްރަޖިތު ސުކުމާރަން، ރިދީ ސެން އަދި ނާގޭޝް ބޯސްލޭ ފެންނާނެއެވެ.
ފިލްމު "ބަންދަރު"ގެ އިތުރުން ބޮބީ ޑިއޯލް ދެން އެންމެ އަވަހަށް ފެންނާނީ އާލިއާ ބަޓް އަދި ޝަރުވަރީއާ އެކު ކުޅޭ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އުފައްދާ "އަލްފާ"އިންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖުލައި މަހުއެވެ.
މީގެ އިތުރުން ދެކުނު އިންޑިއާގެ ފިލްމީ ތަރި ތަލަޕަތީ ވިޖޭގެ އެންމެ ފަހު ފިލްމު ކަމަށް ބެލެވޭ، އެޗް. ވިނޯތު ޑައިރެކްޓްކުރާ ޓެމިލް ފިލްމު "ޖަނަ ނާޔަގަން"ގެ މުހިއްމު ރޯލަކުން ވެސް ބޮބީ ފެންނާނެއެވެ. ނަމަވެސް ސެންސަރު ބޯޑުގެ ހުއްދަ ނުލިބުމުގެ ސަބަބުން އެ ފިލްމު ރިލީޒްކުރުން މިވަގުތު އޮތީ މަޑުޖެހިފައެވެ.