ޓްރަމްޕްގެ ހަފުލާގައި ބަޑީގެ ހަމަލާ ދިނީ ކާކު؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ހަފްލާގައި ހަަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ކޯލް ޓޮމާސް އެލަން. ފޮޓޯ/ރިއަލް ޑޮނަލްޑް ޓްރަތް ސޯޝަލް

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގައި ބަޑީގެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހާއަކީ އުމުރުން 31 އަހަރުގެ ކޯލް ޓޮމާސް އެކަން ކިޔާ ކްރިސްޓިއަން މީހެއް ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެ މީހާއަކީ ކެލިފޯނިއާގެ ލޮސް އެންޖެލިސް ސަރަހައްދުގެ ޓޮރެންސްއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާއަކީ އެ ހަފުލާގެ މެހުމާނެއް ކަމަށް ވެސް އޮފިޝަލުން ހާމަކޮށްފައިވެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޮޝިންޓަން ހިލްޓަން ހޮޓަލުގައި އޮތް އެ ހަފުލާގައި އޭނާ ބަޑިޖެހީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުންނަށް އަމާޒުކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންބީސީގެ މީޓް ދަ ޕްރެސްއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވީ، ބަޑިޖެހި ކަމަށް ޝައްކު ކުރެވޭ މީހާގެ އަސްލު މަގުސަދު އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އޭނާ އަމާޒުކޮށްފައިވަނީ ޓްރަމްޕް ހިމެނޭހެން ސަރުކާރުގެ އޮފިޝަލުންނަށް ކަމަށް އެކަށީގެންވާ ކަމަށެވެ.

ބްލާންޗް ވިދާޅުވީ، ބަޑިޖެހި ކަމަށް ތުހުމަތުކުރެވޭ އެލެން ހުރީ ހޮޓަލުގައި ހަތިޔާރު ބަހައްޓާފައި ކަމަށް ލަފާކުރެވޭތީ އެކަން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އޭނާއަށް ހަމަލާ ވަރަށް ބޮޑަށް ނާކާމިޔާބުވެފައިވާ ކަމަށް ބްލާންޗް ވިދާޅުވިއެވެ.

https://sun.mv/221108

މަސްދަރުތަކާ ހަވާލާދީ ސީބީއެސްއިން ބުނީ، އެ ހާދިސާގައި ގާތްގަޑަކަށް ފަސް ފަހަރު ނުވަތަ އަށް ފަހަރު ބަޑި ޖަހާފައިވާ ކަމަށެވެ. ޓްރަމްޕް އާންމުކުރައްވާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ސެކިއުރިޓީ އޮފިސަރުންގެ ކައިރިން މީހަކު ދުވެފައިދާއިރު، އޭނާ ފަހަތުން އޮފިސަރުން ވެސް ދުއްވައިގަނެއެވެ.

ވޮޝިންޓަންގެ ވަގުތީ ޕޮލިސް ޗީފް ޖެފަރީ ކެރޯލް ވިދާޅުވީ، އެލެންގެ ގަަޔަށް ބަޑިޖަހާފައިނުވާ ކަމަށާއި ނަމަވެސް އިތުރަށް ބެލުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ އަތުން ދެ ބަޑިއާއި ވަޅިތަކެއް ވެސް ފެނިފައިވާ ކަމަށް ކެރޯލް އިތުރަށް ވިދާޅުވިއެވެ.

ބަޑިޖެހި ކަމަށް ޝައްކު ކުރެވޭ އެލެންގެ އަތުގައި މެނިފެސްޓޯއެއް އޮތް ކަމަށާއި ކްރިސްޓިއަނެއް ނަމަވެސް އެއީ ވަރަށް ކްރިސްޓިއަނުންނާ ދެކޮޅު މީހެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ސީބީއެސް ނިއުސްއަށް ވެސް ވަނީ ޝައްކު ކުރެވޭ މީހާއާ ގުޅުން ހުރި ކަމަށް ބެލެވޭ ލިޔުމެއް ފެނިފައެވެ. އެމެރިކާގެ އެހެން މީޑިއާތަކުން ވެސް ވަނީ ހަމަ އެ ލިޔުމާ ގުޅޭ ގޮތުން ރިޕޯޓްކޮށްފައެވެ.

އެގޮތުން، ބަޑިޖެހި މީހާ ބޭނުންވީ ޓްރަމްޕްް ސަރުކާރުގެ އެންމެ މަތީ ދަރަޖައިން ފެށިގެން އެންމެ ދަށު ދަރަޖައިގެ މެންބަރުންނަށް އަމާޒުކޮށް ހަމަލާ ދޭން ކަމަށާއި ގެސްޓުންނާއި ހޮޓަލުގެ މުވައްޒަފުންނަކީ އޭނާގެ ޓާގެޓް ނޫން ނަމަވެސް އޮފިޝަލުންނާ ހަމައަށް ދިއުމަށް އެ މީހުންނަށް ވެސް ހަމަލާދޭނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.

މެނިފެސްޓޯއެއްގެ ގޮތުގައި ސިފަކޮށްފައިވާ އަދި ހަމަލާދޭން އުޅުމުގެ ކުރިން ޝައްކު ކުރެވޭ މީހާގެ އާއިލާގެ މެންބަރުންނަށް އެ ލިޔުން ވަނީ ފޮނުވާފައެވެ.

ހަފްލާގައި ބަޑި ޖެހި ކަމަށް ޝައްކު ކުރެވޭ އެލެން އަކީ މެކޭނިކަލް އިންޖިނިއަރެއް ކަމަށް ލިންކްޑްއިން އެނގޭ. ފޮޓޯ/ލިންކެޑް

ލޮސް އެންޖެލިސް ކައުންޓީގެ ވޯޓާސް ރަޖިސްޓްރޭޝަން ރިކޯޑްތަކުން ފެންނަ ގޮތުގައި އޭނާއަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މީހެއް ނޫނެވެ. ލިންކްޑްއިންގައި ވާގޮތުން އެލެންއަކީ މެކޭނިކަލް އިންޖިނިއަރެއް ގޭމް ޑިވެލޮޕަރެއްގެ އިތުރުން ޓީޗަރެކެވެ. ކުރިން 2020 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަނީ ޕާޓް ޓައިމް ޓީޗަރެއްގެ ގޮތުގައި ކަމަށް ވެސް ލިންކްޑްއިން އެނގެއެވެ.

ޓްރަމްޕާއި ފަސްޓް ލޭޑީ މެލާނީ ޓްރަމްޕް ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާގައި ބަޑީގެ ހަމަލާ ދިނުމާ އެކު ޓްރަމްޕާއި މެލާނީ ވެސް ވަނީ އެތަނުން ނެރެފައެވެ. ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ޚާއްސަ ފައުޖުތަކުން ވަނީ ހަތިޔާރާ އެކު ސްޓޭޖްގެ ކޮންޓްރޯލް ނަގާފައެވެ.

ޓްރަމްޕް އަވަހާރަކޮށްލުމަށް 2024 ވަނަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާއިރު، އެ އަހަރު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕް ވަނީ ޒަޚަމުވެވަޑައިގަންނަވާފައެވެ. އެ ހާދިސާގައި ބަޑިޖެހީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އެ މީހާ ފުލުހުން ވަނީ މަރާލާފައެވެ.

comment ކޮމެންޓް