ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އަންޔަނުކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެ ބޯޑުން މިއަދު ތިން މެންބަރުން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ:
1. ޢަބްދުއްސަމީޢު ޢިމާދު – އައްސޭރި / އއ. އުކުޅަސް
2. ޢައިޝަތު ޙަމީދު – ދަފްތަރު ނަންބަރު ރސ 12480
3. ސަބީހާ އަހްމަދު – ތާރީފް / ބ. އޭދަފުށި
އެ ތިން މެންބަރުންގެ ބަދަލުގައި ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންނަށް އައްޔަނުކޮށްފައިވަނީ:
- ހުދާ ފަހީމް، ވިލަރެސް/ ކ. ތުލުސްދޫ
- އާއިޝަތު މަލްހާ، ރަސްވެލި/ ރ. ރަސްގެތީމް
- އަލީ ޝިނާން، މއ. ރިހިރާޅު
- އާއިޝަތު އަލީ، މ. ވާރޭވިލާ
އޭގެ ތެރެއިން ހުދާ އެންމެ ފަހުން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ކޮމިނިއުކޭޝަން ސްޕެޝަލިސްޓެއްގެ މާގާމުގައެވެ. އަދި މަލްހާ އައްޔަންކޮށްފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ކަމަށްވާއިރު، އޭނާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޓްރެޒަރީ މެނޭޖްމަންޓްގެ އެނަލިސްޓެއްގެ މަގާމުގައެވެ.
އާއިޝަތު ޢަލީ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އަދި އަލީ ޝިނާން ހުންނެވީ، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
މިއަދު އައްޔަނު ކުރެއްވި ޑިރެކްޓަރުންގެ އިތުރުން، ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި، ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ތިއްބަވައެވެ. އަދި ހަތަރު ނޮންއެގްޒެކްޓިވް ޑިރެކްޓަރުންނާއި އެގްޒެކްޓިވް ޑިރެކްޓަރަކު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް، މޯލްޑިވްސް މާކެޓިން ޕަބްލިކް ރިކޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަމުގައި ވިޒިޓް މޯލްޑިވްސް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާރިޗް 4، 2010ގައެވެ. އެ ކޯޕަރޭޝަން އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ އޮގަސްޓު 14، 2011ގައެވެ.
އެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަދަލުކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 13ގައެވެ.