ތެހެރާން (25 އެޕްރީލް 2026): އަރަބި ކަނޑުގެ ތެރެއިން އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ ސަބަބުން އީރާނަށް ލިބޭ އާމްދަނީއަށް ލޮޅުން އަރަމުން ދިޔަ ނަމަވެސް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން އީރާން ނަގަމުން ގެންދާ ފީގެ ސަބަބުން އީރާނަށް ބޮޑު އާމްދަނީއެއް ލިބެން ފަށާފައިވާކަން ހާމަވެއްޖެއެވެ.
އީރާނުގެ މަރުކަޒީ ބޭންކުން އިއްޔެ ނެރުނު ބަޔާނެއް ބުނާ ގޮތުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނުންވަނީ ޓޯލް ނިޒާމެއް ތަޢާރަފު ކޮށްފައެވެ. މި ޓޯލް ނިޒާމުން އީރާނަށް ވަނީ ބޭރު ފައިސާގެ އާމްދަނީ ލިބެން ފަށާފައެވެ.
މި ބަޔާން ބުނާގޮތުން ޓޯލް ނިޒާމުގެ ދަށުން ފީގެ ގޮތުގައި އަދި ނަގަމުން ގެންދަނީ އީރާނުގެ ފައިސާ އާއި ޗައިނާގެ ފައިސާކަމަށްވާ ޔުވާން އެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ރަޝިއާގެ ފައިސާއާއި އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ އެހެން ގައުމުތަކުގެ ފައިސާއިން ވެސް ފީ ނެގުމަށް ވާންޖެހޭ ތައްޔާރީތައް އީރާން ގެންދަނީ ވަމުންނެވެ.
ހުރުމުޒު ކަނޑުއޮޅި ވަނީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. މި ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކުން ޓޯލް ފީގެ ގޮތުގައި ނަގާ ފީގެ މިންވަރާއި އޭގެ އަދަދު އީރާނުގެ މަރުކަޒީ ބޭންކްގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އީރާނުން ފީ ނަގަނީ ބޯޓުތަކުން އުފުލާ މުދާ ނުވަތަ ކާގޯ ނޫނީ ތެޔޮ ފަދަ ތަކެތީގެ މިންވަރާއި އޭގެ ބަރުދަނަށް ބަލާފައެވެ. މިގޮތުން ބޯޓަކުން މަދުވެގެން މިލިޔަނެއްހާ ޑޮލަރަށް ވާވަރު އީރާންގެ ފައިސާ ނޫނީ ޗައިނާގެ ޔުވާން ޓޯލް ފީގެ ގޮތުގައި އީރާން ގެންދަނީ ނަގަމުން ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ މަރުކަޒީ ބޭންކް
އީރާނުގެ ފައިސާއިން ފީ ނަގަނީ އެ ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައެވެ. ޗައިނާގެ ޔުވާނުން ފީ ނަގަނީ ޔުވާން ލިބުމުން ޑޮލަރުގެ ބަދަލުގައި އީރާނަށް ޗައިނާއިން މުދާ ފަސޭހައިން ގަނެވޭނެތީއެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުން ބޭންކް މެދުވެރިކޮށް ދުނިޔޭގެ މާކެޓްތަކުގައި މުއާމަލާތް ކުރުން އީރާނަށްވަނީ ދަތި ކަމަކަށް ވެފައެވެ.
ހުރުމުޒު ކަނޑުއޮޅި ހުރަސް ކުރާ އުޅަނދުތަކުން ފީ ނަގައިގެން އީރާން ފަސޭހައިން ބޮޑު އާމްދަނީއެއް ހޯދާތީ އެމެރިކާ ވަނީ މި މައްސަލާގައި ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
އެމެރިކާގެ ބޭނުމަކީ އީރާނަށް ލިބޭ އާމްދަނީން އެ ގައުމު މަހުރޫމްކޮށް މުޅި ގައުމު ބަނޑަށް ޖައްސާލުމެވެ. ބަނޑަށް ޖައްސާލައިގެން އެމެރިކާ ބޭނުންވާގޮތަށް ދޫދޭން އީރާނަށް މަޖުބޫރު ކުރުވުމެވެ.
އީރާންވަނީ އެ ގައުމުގެ ބަނދަރުތައް ހިސާރު ކުރުން އެމެރިކާ ހުއްޓާނުލަނީސް އެމެރިކާއާއެކު ވާހަކަދެއްކުމަށް ދެކޮޅު ހަދާފައެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރުމުން އީރާނަށް މުދާ އެތެރެކުރުމަށާއި ތެޔޮ ބޭރުކުރުމަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އެމެރިކާ ހިސާރު ކުރާ ސަރަހައްދުން ބޭރުގައި 170 ވަރަކަށް ފީފާގެ ތެލާއެކު އީރާނުގެ ޝެޑޯ ފްލީޓެއް (ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކާއެކު) އަރަބި ކަނޑާއި އިންޑިއާ ކަނޑުގައި މިހާރުވެސް އެބައޮތެވެ.
މި ފްލީޓްގައިވާ ތެޔޮ ވިއްކައިގެން އީރާނަށް ކުރިޔަށް އޮތް ދެ މަސްދުވަހަށް ބޭނުންވާ އާމްދަނީ ލިބޭނެއެވެ. އަނެއްކޮޅުން އެމެރިކާގެ ހިސާރު ފޫއަޅުވާލުމަށްފަހު އީރާނުގެ ބައެއް ތެޔޮ ޓޭންކަރުތައް މިހާރުވެސް މަދުންނަމަވެސް އަރަބި ކަނޑު ހުރަސްކޮށް އިންޑިއާ ކަނޑަށް ނުކުމެއެވެ.
އީރާނަކީ ނުވަ ވަރަކަށް ގައުމާއެކު އެއްގަމު މަގުންނާއި ކެސްބިޔަން ކަނޑުން ބޯޑަރު އޮންނަ ގައުމެކެވެ. ކެސްބިޔަން ކަނޑުގައިވެސް އީރާނުގެ ތިން ބަނދަރު އޮވެއެވެ. މިބަނދަރުތަކުންނާއި އެއްގަމުން ޕާކިސްތާން މަގުންނާއި ތުރުކީގެ މަގުން އަދި އަފްޣާނިސްތާން ހުރަސްކޮށް ޗައިނާއާއި އީރާން އާ ދެމެދުގައި އަޅާފައިވާ ރޭލްވޭ މެދުވެރިކޮށްވެސް އީރާނުން އިންޕޯޓް އެކްސްޕޯޓްގެ ކަންތައް ކުރިޔަށް ގެންދެއެވެ.
އަޒަރު ބައިޖާން އާއި އާމީނިޔާ އަދި އިރާގަކީވެސް އީރާން އާއެކު އެއްގަމުން ބޯޑަރު އޮންނަ ތިން ގައުމެވެ. މިތިން ގައުމާއެކުވެސް އީރާނުން ވިޔަފާރި ކުރެއެވެ. ކެސްބިޔަން ކަނޑު ހުރަސްކޮށް ރަޝިއާ އަދި މެދުތެރޭ އޭޝިޔާގެ ގައުމުތަކާއެކު އީރާނަށް ވިޔަފާރީގެ މުއާމަލާތްތައް އަބަދުވެސް ހިންގަމުން ގެންދެއެވެ.
ރިޕޯޓްތައް ބުނާގޮތުން އީރާން މިހާރު ގެންދަނީ އެއްގަމުމަގުންނާއި ކެސްބިޔަން ކަނޑުގައިވާ ބަނދަރުތައް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތް ކުރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.