ދެތިން މައްސަލައިގެ ހައްލު: ރާއްޖެއަށް ޝޮޕިން މޯލެއް މުހިންމު!

ބޭރުގެ މޯލްއެއް: ރާއްޖެއަށް ޝޮޕިން މޯލެއް ވަރަށް މުހިންމު --

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ޒަމާނީ ފެންވަރުގެ ޝޮޕިންގ މޯލެއް ނެތުމަކީ ފަތުރުވެރިންނާއި ދިވެހިންގެވެސް ބޮޑު ކަންބޮޑުވުމެކެވެ. މާލޭގެ ތޮއްޖެހުމާއި ޖާގައިގެ ދަތިކަމުގެ ސަބަބުން، އާއިލާތަކާއި ޒުވާނުންނަށް ހިތްހަމަޖައްސާލައި ވަގުތު ހޭދަކުރާނެ އެކަށީގެންވާ މާހައުލެއް ނެތެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ބައިނަލްއަގުވާމީ ފެންވަރުގެ މޯލެއް ތަރައްގީކުރުމެވެ. މީގެ ސަބަބުން އިގުތިސާދީ ގޮތުން ފަތުރުވެރިންގެ އަތުން ލިބޭ އާމްދަނީ އިތުރުވެ، ރާއްޖެއިން ބޭރަށްދާ ފައިސާ ހިފެހެއްޓުމުގެ އިތުރުން، އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ދުޅަހެޔޮ އަދި އުފާވެރި މާހައުލެއް ލިބިގެންދާނެއެވެ.

  • މާލޭގައި މުނިފޫހިފިލުވާލާނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ މައްސަލައަށް ހައްލެއް ލިބުން.
  • ދިވެހިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކުގައި މޯލްތަކަށް ކުރާ ހޭދަ ރާއްޖޭގައި ހިފެހެއްޓުން.
  • ޝޮޕިންގ ޓޫރިޒަމް ތައާރަފުކޮށް، ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުން.
  • ބޭރުގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދައުލަތުގެ ބަޖެޓަށް ބުރަނުވާނެހެން މޯލް ތަރައްގީކުރުމުގެ ފުރުސަތު އޮތުން.

ރާއްޖެ އައި ސިންގަޕޫރުގެ މީޑިއާ ޓީމަކާ ރޭގަނޑުގެ ކެއުމަކުން ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެ މީހުން އެދުނު އެއް ކަމަކީ ޒަމާނީ ފެންވަރުގެ މޯލަކަށް ގެންގޮސް ދިނުމެވެ. މަޖަލަކަށް ހަދާފައި އަހަރެން ބުނީމެވެ. ރާއްޖޭގައި ޝޮޕިން މޯލެއް އަދި ނެތެވެ. ހުންނަނީ މަޖީދީމަގު ކިޔާ ޝޮޕިން ރޯޑެކެވެ. އެކަންވީ އެ މީހުން ވަރަށް ހައިރާންވި ކަމަށެވެ. މިފަދަ ދުނިޔެއަށް މަޝްހޫރު ގައުމެއްގައި ރަނގަޅު ފެންވަރުގެ ޝޮޕިން މޯލެއް ވެރިރަށުގައި ނެތުމުންމެވެ.

އިހަކަށް ދުވަހު އަވައްޓެރި ގައުމަކަށް ކުރި ދަތުރެއްގައި މޯލެއްގެ ތެރޭގައި އުޅެނިކޮށް ބައްދަލުވީ، ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއްގެ އެއާޕޯޓް ރެޕަކާއެވެ. އޭރު އަހަރެންގެ ސިކުނޑީގެ ތެރޭގައި ހިނގަމުން ދިޔަ ބަހުސަކީ 2026 ވަނަ އަހަރު އައިއިރު ވެސް ދިވެހީންނަށް މިފަދަ މޯލެއް ނުހެދޭ ކަމެވެ. އެ އެކުވެރިޔާއާ އެކަން ހިއްސާކޮށްލުމުން އޭނާ ވެސް ފެށީ އެ ޝަކުވާއެވެ. ރާއްޖެ އަންނަ ޓޫރިސްޓުން އެކަމަށް އެދޭއިރު ލަދުން ހުރެ، އެ ފުރުސަތު ވެރި ރަށުގައި ނެތް ވާހަކަ ބުނަން ޖެހޭ ވާހަކަ އޭނާ ބުންޏެވެ.

މާލޭގެ ހަލަބޮލި މަގުތަކާއި އުސް އިމާރާތްތަކުގެ ތެރޭގައި ދިރިއުޅޭ މީހުންނަށް، ހިތްހަމަޖައްސާލަން ދާނެ ތަނެއް ހޯދުމަކީ އުނދަގޫ ކަމެކެވެ. އަކަކިލޯމީޓަރަކަށް 53،700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ މި ކުޑަކުޑަ ރަށުގައި، ހުސް ޖާގައަކީ ރަނަށްވުރެ އަގުބޮޑު އެއްޗެކެވެ. ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތަށްފަހު، އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވި ނަމަވެސް، އެކަށީގެންވާ މާހައުލެއް ނުލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

މި ދަތިކަމަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް ފެންވަރު ރަނގަޅު ޒަމާނީ ޝޮޕިން މޯލެއް ތަރައްގީކުރުމެވެ. މިއީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާއިރު މުހިންމު ކަމެއް ނޫނެވެ. މިއީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށްވެސް ބޭނުންތެރި މަރުކަޒަކަށް ވާނެއެވެ.

ކޮފީ މޭޒުން ފޫހިފިލުވުން: ޖާގައިގެ ދަތިކަން

ވެރިރަށް މާލޭގައި ގިނަ އާއިލާތައް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. ކުދިކުދި އެޕާޓްމަންޓްތަކުގައި، އެކަށީގެންވާ ވައި ދައުރުނުވާ ތަންތަނުގައި އުޅެން ޖެހުމަކީ އާންމު ކަމެކެވެ. ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭއިރު، ހިތްހަމަޖައްސާލުމަށް ކުރެވޭނެ ޚަރަދުތައްވެސް ހުންނަނީ މަދުވެފައެވެ. މިފަދަ ހާލަތެއްގައި އޮއްވައި، ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ގޮސްލާނެ ރައްކާތެރި، ހިތްފަސޭހަ ތަންތަން މާލޭގައި ވަރަށް މަދެވެ. މަދު ޕާކުތަކެއް ހުރި ނަމަވެސް، މޫސުން ގޯސް ދުވަސްދުވަހު ނުވަތަ މާ ހޫނުގަދަ ވަގުތުތަކުގައި އެ ތަންތަނުގެ ބޭނުން ހިފުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ޒުވާނުންނާއި މެދު އުމުރުގެ މީހުންނަށް ފޫހިފިލުވާލަން އޮންނަ ހަމައެކަނި ގޮތަކީ ކޮފީ ޝޮޕްތަކަށް ދިއުމެވެ. މިއީ ދިގު މުއްދަތެއްގައި ބަލާއިރު، ސިއްހަތަށާއި ޖީބަށްވެސް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. އެހެންކަމުން، އެންމެންނަށް އެއް ތަނަކުން ޚިދުމަތްތަކާއި މުނިފޫހިފިލުވުން ލިބޭނެ މޯލެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

މާލޭގެ ރެސްޓޯރެންޓެއް: ރެސްޓޯރެންޓުތައް ހިމެނޭ ގޮތަށް، ރާއްޖެއަށް މޯލްއެއް މުހިންމު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޮޑެތި ސިޓީތަކުގައި، ޝޮޕިން މޯލްތަކަކީ ހަމައެކަނި ވިޔަފާރިކުރާ ތަންތަނެއް ނޫނެވެ. އެއީ މުޖުތަމައު އެއްވެ އުޅޭ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަރުކަޒުތަކެވެ. އެ ތަންތަނުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މުދާ ލިބެން ހުރުމުގެ އިތުރުން، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްސަ ކުޅިވަރުތަކާއި، ސިނަމާތަކާއި، ތަފާތު ރަހަތަކުގެ ރެސްޓޯރެންޓްތައް ހުރެއެވެ. ނަމަވެސް، ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، މިފަދަ ފުރިހަމަ ޒަމާނީ މޯލެއް ނެތީ ހަމައެކަނި ދިވެހިރާއްޖެއާއި ބޫޓާންގައެވެ. އިންޑިއާ، ސްރީލަންކާ، އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ފެންވަރު ރަނގަޅު މޯލްތައް ހުރިއިރު، ރާއްޖޭގައި މިހާތަނަށް ހެދިފައިވަނީ ކުދި ފިހާރަތަކެއް އެކުލެވޭ އިމާރާތްތަކެކެވެ. މިއީ ރާއްޖެ ފަދަ މެދުފަންތީގެ އާމްދަނީއެއް ލިބޭ، އަދި ފަތުރުވެރިކަމުގެ ބޮޑު ސިނާއަތެއް އޮތް ގައުމަކާ އަޅާބަލާއިރު ވަރަށް ބޮޑު އުނިކަމެކެވެ.

ދިވެހީންގެ ދަތުރުފަތުރު: ބޭރުގެ މޯލްތަކަށް އޮންނަ ޝައުގުވެރިކަން

ދިވެހީންނަކީ އާންމުކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ބައެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗުއްޓީ ހޭދަކުރުމަށާއި ބޭސްފަރުވާއަށް ދިވެހީން އެންމެ ގިނައިން ދަތުރުކުރަނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ތައިލޭންޑަށެވެ. މި ދަތުރުތަކުގައި ދިވެހީންގެ އެންމެ އާންމު އެއް ހަރަކާތަކީ އެ ގައުމުތަކުގައި ހުންނަ ބޮޑެތި މޯލްތަކަށް ޒިޔާރަތްކުރުމެވެ. ކުދިބޮޑު އެންމެންވެސް މޯލްތަކުގައި ވަގުތު ހޭދަކުރުމަށް ލޯބިކުރެއެވެ.

އެ ތަންތަނުން ލިބޭ ފަސޭހަތަކާއި، އެއް ފުރާޅެއްގެ ދަށުން ހުރިހާ ކަމެއް ކުރެވެން ހުރުމަކީ ދިވެހީންނަށް ވަރަށް ކަމުދާ ކަމެކެވެ. އެހެންކަމުން، ރާއްޖޭގައި ފެންވަރު ރަނގަޅު މޯލެއް ތަރައްގީކޮށްފިނަމަ، އެ ތަނަށް ބޮޑު ޑިމާންޑެއް އޮންނާނެކަން ކަށަވަރެވެ. ބޭރު ގައުމުތަކުގެ މޯލްތަކަށް ދިވެހީން ކުރާ ހޭދައިގެ ބޮޑު ބައެއް، ރާއްޖޭގެ އިގުތިސާދުގެ ތެރޭގައި ހިފެހެއްޓުމުގެ ފުރުސަތުވެސް މީގެ ސަބަބުން ފަހިވެގެންދާނެއެވެ.

ރާއްޖެއަކީ އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. ނަމަވެސް، ފަތުރުވެރިންގެ އަތުން ލިބޭ އާމްދަނީ ގިނައިން ބިނާވެފައިވަނީ ރިސޯޓުތަކުގެ މައްޗަށެވެ. ޝޮޕިން ޓޫރިޒަމަކީ ދުނިޔޭގެ ފެންވަރުގައި ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތެކެވެ. ދުބާއީ، ތައިލޭންޑް، އަދި މެލޭޝިއާ ފަދަ ގައުމުތަކުން މިކަމުގެ ފުރިހަމަ ނަފާ ހޯދަމުންދެއެވެ. އެ ގައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު ބައެއް ހޭދަކުރަނީ މޯލްތަކުން މުދާ ގަތުމަށެވެ. ރާއްޖޭގައިވެސް ބައިނަލްއަގުވާމީ ފެންވަރުގެ މޯލެއް ހުރިނަމަ، މާލެ ސަރަހައްދަށް އަންނަ ފަތުރުވެރިންނާއި، ކްރޫޒް ލައިނާތަކުގައި އަންނަ މީހުންނަށް އަމާޒުކޮށްގެން ބޮޑު އާމްދަނީއެއް ހޯދިދާނެއެވެ. މީގެ އިތުރުން، ލޯކަލް އާޓިސްޓުންނާއި ދިވެހި އުފެއްދުންތައް ވިއްކުމަށްވެސް މޯލްގެ ތެރޭގައި ޚާއްސަ ޖާގަތަކެއް ކަނޑައެޅިދާނެއެވެ. މިއީ ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

މާލޭގެ ފިހާރައެއް ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރަނގަޅު ފެންވަރުގެ މޯލެއް ހުރުމަކީ ހަމައެކަނި އިގުތިސާދީ ގޮތުން ފައިދާހުރި ކަމެއް ނޫނެވެ. މިއީ މުޖުތަމައުގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. ކަސްރަތުކުރުމަށް ހިނގާލަން ދާނެ ރައްކާތެރި، ވައި ބަދަލުކޮށްލެވޭނެ މާހައުލެއް ލިބުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް، ފިނިކޮށް އޮންނަ، ސާފުތާހިރު މާހައުލެއްގައި ހިނގާލައި، މީހުންނާ ބައްދަލުކޮށް ވާހަކަދައްކާލަން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ އެމީހުންގެ އެކަނިވެރިކަން ފިލުވައިދޭނެ ކަމެކެވެ. ކުޑަކުދިންނަށް ޚާއްސަ ކުޅޭ ތަންތަން ހުރުމުން، އެކުދިންގެ ހެދިބޮޑުވުމަށާއި ހަރަކާތްތެރިކަމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގައި ބޮޑު މޯލެއް ތަރައްގީކުރުމުގެ ވާހަކައަކީ އެކި ސަރުކާރުތަކުން ދައްކަމުން އައިސްފައިވާ ވާހަކައެކެވެ. ބައެއް މަޝްރޫއުތަކުގެ ތެރޭގައި މޯލްތައް ހިމެނޭނެކަމަށް އިއުލާނުކުރި ނަމަވެސް، އަމަލީ ސިފައެއްގައި މިކަން އަދި ފެނިފައެއް ނުވެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ނުކޮށް، ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ފަސޭހައިން ގެނެވިދާނެ އިންވެސްޓްމަންޓެކެވެ. ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ބިން ކުއްޔަށް ދިނުމުގެ އުސޫލުތައް ލުއިކޮށްދީފިނަމަ، މިއީ ރާއްޖެއަށް ގެނައުމަށް އުނދަގޫ މަޝްރޫއެއް ނޫނެވެ. މާލެ ސަރަހައްދުގައި ހިއްކަމުންދާ އާ ބިންތަކާއެކު، މިފަދަ މަޝްރޫއަކަށް ބޭނުންވާ ޖާގަ މިހާރު ވަނީ ފަހިވެފައެވެ. ދެން އޮތީ ކަމާބެހޭ ފަރާތްތަކުން މިކަމަށް ޚާއްސަ އިންވެސްޓްމަންޓް ޕްލޭނެއް އެކުލަވާލައި، ބައިނަލްއަގުވާމީ ބާޒާރަށް އެ ޕްލޭން ހުށަހެޅުމެވެ.

ޝޮޕިން މޯލެއް ރާއްޖެއަށް މުހިންމު ވަނީ އެންމެ ސަބަބަކާ ހުރެއެއް ނޫނެވެ. ކުރިން ފާހަގަ ކުރިފަދަ ކިތަންމެ ސަބަބެއް އެބަހުއްޓެވެ. މިއީ ދެތިން މައްސަލައެއް ގައިމު ވެސް ހައްލުވާނެ ކަމެކެވެ. ރާއްޖެއަށް ޝޮޕިން މޯލެއް ވަރަށް މުހިންމެވެ.

comment ކޮމެންޓް