މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މިޔަރުގެ ދެ ހަމަލާއެއްގައި ފަތުރުވެރިއަކާއި ދިވެހި ޒުވާނަކު ޒަޚަމްވެއްޖެއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އއ. އަތޮޅު މަތިވެރި ކައިރީގައި އޮންނަ 'ޝާކް ޕޮއިންޓް' ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާއެއްގައި މިޔަރު ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ޗައިނާގެ އަންހެން ފަތުރުވެރިއަކަށެވެ.
އެ ހާދިސާގައި ޗައިނާގެ އަންހެން ފަތުރުވެރިޔާގެ އަތުގައި މިޔަރު ދަތްއެޅުމުގެ ސަބަބުން އަތް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ އަތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާއިރު، މިޔަރު ހަމަލާދިނުމުގެ ސަބަބުން އެ އަންހެން މީހާގެ އަތް ވަކިނުވެ އޮތީ ކިރިޔާ ކަމަށް މައުލޫމާތު ލިބެއެވެ.
ބުރާސްފަތި ދުވަހު މިޔަރު ހަމަލާދީފައި ވަނީ ބޯވަ ނަގަން ގޮސް އުޅުނު ދިވެހި ޒުވާނަކަށެވެ.
'ސަން' އަށް މައުލޫމާތު ދިން މީހަކު ބުނީ، ބުރާސްފަތި ދުވަހު މިޔަރު ހަމަލާދީފައި ވަނީ ބޯވަ ނަގަން ގޮސް އުޅުނު ޒުވާނަކަށް ކަމަށާއި ހަމަލާދީފައި ވަނީ އެ ޒުވާނާގެ އަތަށް ކަމަށެވެ. އެހެން ނަމަވެސް މާ ބޮޑު ޒަޚަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ބުރާސްފަތި ދުވަހު މިޔަރު ހަމަލާދިނީ ޒުވާނަކަށް. އެއީ ބޯވަ ނަގަން ގޮސް އުޅުނު މީހެއް. އޭނާގެ އަތައް ހަމަލާދީފައި ހުރީ. މާބޮޑުވަރެއް ވެފައެއް ނެތް. މިޔަރު އޭނާގެ އަތުގައި ހިފާފައި ދޫކޮށްލާފައި ހުރީ،" އެމީހާ ކިޔައިދިނެވެ.
މިޔަރު ހަމަލާދިން މި ހާދިސާގައި އަނިޔާ ލިބުނު މި ދެ މީހުންނަށް ވެސް ފަރުވާ ދީފައިވަނީ އއ. އަތޮޅު ހޮސްޕިޓަލުގައެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް ހަމަ އެ ސަރަހައްދުގައި ފަތުރުވެރިއަކަށް މިޔަރު ހަމަލާދީފައިވެއެވެ. އަދި މިދިޔަ ހަފުތާގައި ގއ. ކޫއްޑޫ ކައިރިއަށް ފީނަން ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރު ހަމަލާދީ، އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ރާއްޖޭގައި މިޔަރުގެ ހަމަލާތައް އިތުރުވަމުން ދަނީ މިޔަރަށް ކާން އެޅުން އާންމުވެފައި ވާތީއެވެ. ޓޫރިސްޓުންނަށް ދެއްކުމަށް މިޔަރު އެއްކުރުމުގެ ބޭނުމުގައި ކާން އެޅުމާއި، މަސް ފެކްޓްރީތަކުން އުކާލާ ކުނި އެތެރެވަރިއަށް އެޅުމުގެ ސަބަބުން މިޔަރުތައް އެ ސަރަހައްދުތަކަށް އާދަވެ، ކާން ބޭނުންވެގެން އިންސާނުންނަށް ހަމަލާދެވޭ ގޮތް މެދުވެރިވަނީއެވެ.
މިފަދަ ހާދިސާތައް އިތުރުވަމުންދާތީ، މިޔަރު އެއްވާ ސަރަހައްދުތަކަށް ފީނަން ދިއުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިރުޝާދު ދެމުންނެވެ.