މައިކްރޯސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓަންޓް "ކޯޕައިލެޓް" ގެ އޭޖެންޓިކް ފީޗާސްތައް ވޯޑް، އެކްސެލް އަދި ޕަވަޕޮއިންޓްގައި ބޭނުންކުރެވޭނެ ގޮތަށް އެ ކުންފުނިން އާންމުކޮށް ހުޅުވާލައިފިއެވެ.
މިދިޔަ ބުދަ ދުވަހު އިއުލާންކުރި މި ބަދަލާއެކު، މައިކްރޯސޮފްޓް 365ގެ އެންޓަޕްރައިޒް، ޕާސަނަލް އަދި ފެމިލީ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް މި ފީޗާސްތައް މިހާރު ޑިފޯލްޓްކޮށް ލިބޭނެއެވެ.
މި އައު ފީޗާސްތަކުގެ ސަބަބުން ކޯޕައިލެޓަކީ ހަމައެކަނި ސުވާލުތަކަށް ޖަވާބުދޭ އެއްޗެއްގެ ބަދަލުގައި، މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ "އޭޖެންޓަކަށް" ބަދަލުވެގެންދާނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ. މީގެ ސަބަބުން ލިޔުންތަކާއި، ސްޕްރެޑްޝީޓްތަކާއި އަދި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމުގައި ކޯޕައިލެޓަށް ސީދާ އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މާބޮޑު ކޮމާންޑެއް ނުދީ މިހާރު ކޯޕައިލެޓް ބޭނުންކޮށްލެވޭނެ ---
ވޯޑްގައި ކޯޕައިލެޓް ބޭނުންކޮށްގެން ލިޔުންތައް ޑްރާފްޓްކުރުމާއި، އޮނިގަނޑު ބަދަލުކުރުމާއި، ކިޔުންތެރިންނާ ގުޅޭ ގޮތަށް ލިޔުމުގެ ރޫޙު ބަދަލުކުރެވޭނެއެވެ.
އެކްސެލްގައި ޑޭޓާ ދިރާސާކުރުމާއި ފޯމިއުލާ ޖެހުން ފަދަ ކަންކަން ކުރާއިރު، ޕަވަޕޮއިންޓްގައި މުޅިން އައު ޕްރެޒެންޓޭޝަންތައް ތައްޔާރުކޮށްދިނުމާއި، ހުރި ޑޭޓާއެއް ބޭނުންކޮށްގެން ވާހަކައެއްގެ ސިފައިގައި ސްލައިޑްތައް ތަރުތީބުކޮށްދޭނެއެވެ.
މި ބަދަލާއެކު ބޭނުންކުރާ ފަރާތްތަކަށް މައިކްރޯސޮފްޓްގެ މޮޑެލްގެ އިތުރުން އެހެން ކުންފުނިތަކުގެ އޭއައި މޮޑެލްތައް ވެސް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޯޕައިލެޓުން ގެންނަ ކޮންމެ ބަދަލެއް ރިވިއުކޮށް، ބޭނުން ބަދަލެއް ބެހެއްޓުމުގެ ފުރިހަމަ ކޮންޓްރޯލް ޔޫޒަރަށް އޮންނާނެ ކަމަށާއި، "ވޯކް އައިކިއު" މެދުވެރިކޮށް މަސައްކަތުގެ މާހައުލާ ގުޅޭ އެންމެ ސައްހަ މަޢުލޫމާތު ކޯޕައިލެޓުން ފޯރުކޮށްދޭނެ ކަމަށް ވެސް މައިކްރޯސޮފްޓުން ފާހަގަކުރެއެވެ.
މައިކްރޯސޮފްޓް ކޯޕައިލެޓަކީ 2023 ވަނަ އަހަރުގެ ކުރީކޮޅު އެ ކުންފުނިން ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޚިދުމަތެކެވެ. މިއީ އޯޕަންއޭއައިގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އޮފީސް މަސައްކަތްތައް ލުއިކޮށްދިނުމަށްޓަކައި މައިކްރޯސޮފްޓް 365ގެ އެޕްލިކޭޝަންތަކަށް އަމާޒުކޮށް އުފެއްދި އެސިސްޓަންޓެކެވެ.
ފެށުނުއިރު މިއީ ހަމައެކަނި ޗެޓްބޮޓެއްގެ ގޮތުގައި ސުވާލުތަކަށް ޖަވާބުދޭ އެއްޗެއް ނަމަވެސް، މިހާރު މައިކްރޯސޮފްޓުން އަންނަނީ އިންސާނުންގެ މާ ބޮޑު އިރުޝާދަކާ ނުލައި އަމިއްލައަށް ކަންކަން ނިންމާލެވޭ ފަދަ "އޭއައި އޭޖެންޓުން" މި ސިސްޓަމްގެ ތެރެއަށް އިތުރުކުރަމުންނެވެ.
މިއީ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ މެދުގައި އޭއައިގެ އެހީގައި އޮފީސް މަސައްކަތްތައް މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ ވާދަވެރި މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.