ސެމްސަންގް ކުންފުނިން ކުރިއަށް އޮތް ތަނުގައި ނެރޭ ގަލެކްސީ ފޯނުތަކަށް އަމާޒުކޮށް، ބޭނުންވާ ވަގުތަކު 2ޑީ އިން 3ޑީ އަށް ބަދަލުކޮށްލެވޭ އައު ޑިސްޕްލޭ ޓެކްނޮލޮޖީއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕޯސްޓެކްއާ ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ތަފްސީލުތައް މިހާރު ވަނީ މަޝްހޫރު ސައިންޓިފިކް ޖާނަލް "ނޭޗާ" ގައި ޝާއިއުކޮށްފައެވެ.
މި އައު ޓެކްނޮލޮޖީގައި ބޭނުންކުރަނީ "މެޓަސާފޭސް ލެންޓިކިއުލާ ލެންސް" އެއްގެ އެހީގައި އަލި ކޮންޓްރޯލްކުރާ އައު އުސޫލެކެވެ. މިކަމުގެ ސަބަބުން، އާންމުކޮށް ފޯނު ބޭނުންކުރާ ވަގުތު ހައި-ރިޒޮލިއުޝަން 2ޑީ މޯޑުގައި ސްކްރީން ބެހެއްޓޭއިރު، ފިލްމު ބެލުމާއި ގޭމް ކުޅުން ފަދަ ކަންކަމުގައި "އިމާސިވް" 3ޑީ މޯޑަށް ފަސޭހަކަމާއެކު ބަދަލުކޮށްލެވޭނެއެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން ސްކްރީން ފެންނަ އޭންގަލްތައް ވެސް ކުރިއަށްވުރެ ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ސެމްސަންގުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މި އައު ޑިސްޕްލޭ އެންމެ ފުރަތަމަ ފެނިގެންދާނީ 2028 ވަނަ އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ "ސެމްސަންގް ގަލެކްސީ އެސް28 އަލްޓްރާ" އިންނެވެ.
ސެމްސަންގުން ދާދި ފަހުން ވަނީ އެސް26 އަލްޓްރާ އާއެކު "ޕްރައިވެސީ ޑިސްޕްލޭ" ގެ ނަމުގައި އައު ފީޗާއެއް ވެސް ތައާރަފުކޮށްފައެވެ. މިއީ ފޯނު ބޭނުންކުރާއިރު ކައިރީގައި ތިބޭ މީހުންނަށް ސްކްރީން ނުފެންނާނެހެން އޭންގަލް ހަނިކޮށްލެވޭ ހާޑްވެއާ ހައްލެކެވެ.
މިއަހަރުގެ ޖެނުއަރީ މަހު ނެރުނު އެސް26 އަލްޓްރާ އަކީ 6.9 އިންޗީގެ ޑައިނަމިކް އެމޯލެޑް ޑިސްޕްލޭއަކާއި ކޯނިން ގޮރިއްލާ އާމާ 2ގެ ރައްކާތެރިކަން އެކުލެވިގެންވާ ފޯނެކެވެ.
މި އައު 2ޑީ އަދި 3ޑީ ޓެކްނޮލޮޖީއާއެކު، ސްމާޓްފޯން ސްކްރީންތަކުގެ ދާއިރާއިން ސެމްސަންގުން އިތުރު ބޮޑު ކުރިއެރުމެއް ހޯދާނެ ކަމަށް ބެލެވެއެވެ.
އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ސާފު 2ޑީ ސްކްރީނެއް ލިބޭއިރު، މުނިފޫހިފިލުވުމުގެ ވަގުތުތަކުގައި ލޮލަށް ފެންނަ މަންޒަރުތައް ހަގީގީ ދުނިޔެއާ އެއްގޮތަށް (3ޑީކޮށް) ފެނުމަކީ މި ޓެކްނޮލޮޖީގެ އެންމެ ބޮޑު ބޭނުމެވެ.