މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މުހިންމު ދެ މަގާމަކަށް ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ނުފޫޒުގަދަ އަދި ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށްވާ މައުރޫފް އަހުމަދު (މާއްޓޭ) އާއި މުހައްމަދު ހާނިމް އައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ލާމަރުކަޒީ އުސޫލުން ބައްޓަންކޮށް، ކުޅިވަރުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، މައުރޫފް އަހުމަދު އައްޔަންކުރައްވާފައިވަނީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަންގެ މަގާމަށެވެ.
މައުރޫފަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރުގެ އިތުރުން، ކޯޗިންގ އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ރަން ޒަމާނުގައި އެ ކްލަބުގެ ގޯލް ބެލެހެއްޓުމަށްފަހު، ކޯޗެއްގެ ގޮތުގައި ނުކުމެ އޭނާ ވަނީ ރާއްޖޭގެ ގިނަ މުބާރާތްތަކެއްގެ ތަށި އުފުލާލާފައެވެ.
މީގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ފުރުއްވައި، ކުޅިވަރުގެ ސިޔާސަތުތައް އެކުލަވާލުމުގައި މައުރޫފަކީ އަމަލީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާގެ މި އައު މަގާމުގައި މައިގަނޑު އަމާޒަކަށް ވާނީ މާލެއަށް ބަރޯސާވެފައި އޮތް ކުޅިވަރުގެ ވަސީލަތްތަކާއި މުބާރާތްތައް އަތޮޅުތަކަށް ފުޅާކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުރިއެރުވުމަށް މިނިސްޓަރަށް ފަންނީ ލަފާދިނުމެވެ.
މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ހާނިމަކީވެސް ކުޅިވަރުގެ މައިދާނުގައި ނުހަނު އިހުތިރާމް ލިބިގެންވާ، ޚާއްސަކޮށް އެތުލެޓިކްސްގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ހާނިމަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެއްގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އެތުލެޓިކްސް އާ އުސްމިންތަކަކަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
މީގެ ކުރިންވެސް ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ އެކި ފަންތީގެ މަގާމުތަކުގައި އޭނާ ވަނީ ކުޅިވަރު ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ގައުމީ ފެންވަރުގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުން ހާނިމް އަކީ ސްކޭޓިން ރާއްޖެއަށް ތައާރަފްކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރަޖިސްޓްރީވެގެން ހިންގާ ފުރަތަމަ ސްކޭޓިން އެސޯސިއޭޝަނުގެ އިސްވެރިޔާއެވެ. ހާނިމްގެ ތަޖުރިބާއާއެކު، ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރެގިއުލޭޓް ކުރުމާއި، ކުޅިވަރުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްވުރެ ހަލުވިވެ، ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.