ނަތަންޔާހޫ ހައްޔަރުކުރަން ޖެހޭނެ ކަމަށް ހަންގޭރީގެ އިންތިޚާބީ ބޮޑުވަޒީރު ވިދާޅުވެއްޖެ

ހަންގޭރީގެ އިންތިހާބީ ބޮޑުވަޒީރު ޕީޓާ މަގްޔާ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރާނެ ކަމަށް މަގްޔާ ވަނީ ވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް

ހަންގޭރީގެ އިންތިޚާބީ ބޮޑުވަޒީރު ޕީޓާ މަގްޔާރު ވަނީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމަށް ވަދެއްޖެނަމަ ހައްޔަރުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ. ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން 2024 ވަނަ އަހަރު އައިސީސީން މި އަމުރު ނެރެފައިވާއިރު، ކުރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބަންގެ ސަރުކާރުން ވަނީ އޭނާ ހައްޔަރުކުރުމަށް ދެކޮޅު ހަދައި އައިސީސީން ވަކިވުމަށް ހުށަހަޅާފައެވެ. ނަމަވެސް މަގްޔާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ނިންމުން ބާތިލުކުރައްވައި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. މިއާއެކު ދެ ގައުމުގެ ގުޅުން ހީނަރުވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

  • ހަންގޭރީއަށް ނަތަންޔާހޫ ވަދެއްޖެނަމަ ހައްޔަރުކުރާނެކަމަށް އިންތިޚާބީ ބޮޑުވަޒީރު އިއުލާނުކުރެއްވުން.
  • އައިސީސީން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
  • ކުރީގެ ސަރުކާރުން އައިސީސީން ވަކިވުމަށް ނިންމި ނިންމުން އާ ސަރުކާރުން ބާތިލުކުރާނެއެވެ.
  • މި ބަދަލާއެކު އިސްރާއީލާއި ހަންގޭރީގެ ގުޅުން އިތުރަށް ބަދަހިވުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހެންގޭރީގެ ސަރަހައްދަށް ވަދެއްޖެނަމަ ހައްޔަރު ކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ އިންތިޚާބީ ބޮޑުވަޒީރު ޕީޓާ މަގްޔާރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން އައިސީސީން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ.

މީގެ ކުރިން ހަންގޭރީން ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނަތަންޔާހޫ ބުޑަޕެސްޓަށް ވަޑައިގެންނެވިއިރު އޭނާ ހައްޔަރުކުރަން ދެކޮޅު ހަދާފައެވެ. އެ ދަތުރުފުޅަކީ އައިސީސީން ހައްޔަރު ކުރުމަށް އަމުރު ނެރުނު ފަހުން ނަތަންޔާހޫ ޔޫރަޕްގެ ގައުމަކަށް ކުރެއްވި ފުރަަތަަމަ ދަތުރުފުޅެވެ. ހަންގޭރީން އޭރު އައިސީސީން ވަކިވާން ވެސް ހުށަހެޅިއެވެ.

ނަމަވެސް މަގްޔާގެ ގާނޫނީ ލަފާދޭ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަންގޭރީ އައިސީސީން ވަކިވުން އަދި ފައިނަލްކޮށްފައެއްނުވެއެވެ. އަންނަ މެއި މަހު ކުރީކޮޅު ބޮޑުޒަވީރު ކަމަށް ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ މައްސަލަ މަގްޔާ ހުއްޓުވާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

"ގައުމެއް އައިސީސީގެ މެމްބަރަކަށް ވެ، އައިސީސީން ހޯދަން ބޭނުންވާ މީހަކު އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެއްޖެނަމަ، ދެން އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ." ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ނަތަންޔާހޫ ހައްޔަރު ކުރަން ނިންމިކަން ކަށަވަރުކޮށްދެމުން މަގްޔާ ނޫސްވެރިންނަށް ވިދާޅުވިއެވެ.

މަގްޔާ ހަންގޭރީގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ހަންގޭރީގެ ވެރިކަން 16 އަހަރު ވަންދެން ކުރެއްވި ވިކްޓާ އޮރްބަން ބަލިކުރެއްވުމަށްފަހުއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާ ސަރުކާރުގެ ދަށުން އިސްރާއީލާ ގުޅުން ބަދަހިކުރުން އަދި ވަރަށް ހަންޏެވެ.

comment ކޮމެންޓް