އާ ޕޭ ފްރޭމްވާކަށް 93 އިންސައްތަ މުއައްސަސާ ބަދަލުވެއްޖެ، ފާހަގަވާ މައްސަލަތައް ހައްލު އެބަކުރޭ: ޕޭ ކޮމިޝަން

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުން ތަޢާރަފުކުރި އާ ޕޭ ފްރޭމްވާކަށް މިހާތަނަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ ބަދަލުކުރެވިފައެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކުރާ ގޮތުގައި، މި އޮނިގަނޑަށް އަމަލުކުރަން ފެށުމުން މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ދެނެގަނެ، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން، އަދި މި އޮނިގަނޑަށް ބަދަލުނުވެ ހުރި މަދު މުއައްސަސާތައް ވެސް ވަރަށް އަވަހަށް މި ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި މުސާރައާއި އިނާޔަތްތައް ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

  • އާ ޕޭ ފްރޭމްވާކަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ބަދަލުކުރުން.
  • އޮނިގަނޑަށް ބަދަލުވުމުން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދިއުން.
  • ބާކީ ހުރި މުއައްސަސާތައް ވެސް އާ އޮނިގަނޑަށް ގެނައުމުގެ ފަންނީ މަސައްކަތްތައް ކުރުން.
  • ސަރުކާރުގެ އަމާޒަކީ އިންސާފުވެރި އަދި ދެމެހެއްޓެނިވި މުސާރައިގެ ނިޒާމެއް ޤާއިމުކުރުން.

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވާކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކަށް ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދާކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.

މި މަސައްކަތަކީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށުމުން ދިމާވާ ދަތިތައް ނައްތާލުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން މިދިޔަ ނޮވެމްބަރު އެއްވަނަ ދުވަހު ޕޭ ފްރޭމްވޯކަށް ވަނީ ބަދަލުވެފައެވެ.

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ މި ފްރޭމްވާކާ ގުޅިފައެވެ.

ޕޭ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ޕޭ ފްރޭމްވާކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ބަލައި، އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެ ކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

"މީގެ ބޭނުމަކީ މުސާރައިގެ އައު އޮނިގަނޑަށް އަމަލުކުރަން ފެށުމުން ދިމާވާ ދަތިތައް ނައްތާލައި، މުވައްޒަފުންގެ ހުރި ޝަކުވާތަކަށް އެކަށީގެންވާ ޖަވާބެއް ހޯދައިދިނުން،" އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، މި ފްރޭމްވާކަށް އަދި ބަދަލުނުވެ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ނިމޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ބާކީ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށް ޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންކަމަށް ބުންޏެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރައިގެ އޮނިގަނޑު އެއްހަމަކޮށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެން ދިއުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް